ލައިފްސްޓައިލް

ބަނޑުހައިވެގެން މަރުވެފައިވާ ކުއްތާއެއް ކަނިކޮށް ފެނިއްޖެ

އިންޑިޔާ ލޮކްޑައުން ކުރުމުން އެންމެ ބޮޑަށް ހާލުގައި ޖެހިފައި ވަނީ އެ ގައުމުގެ ފަގީރު ހިސާބުގަނޑުން ބޮޑެތި ޝަހަރުތަކަށް އެކި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދުމަށް ދިރިއުޅުން ބަދަލު ކޮށްފައި ތިބި މީހުންނަށެވެ. އެމީހުންގެ ވަޒީފާ ގެއްލި، ކުއްޔަށް އުޅޭ ތަނަށް ކުލި ނުދެއްކުމުން އެނބުރާ ރަށަށް ދާން ބަލާއިރު ގިނަ މީހުންނަށް 1000 އަށް ވުރެ ގިނަ ކިލޯމީޓަރުގެ ދުރު ދަތުރެއް ކުރަން ޖެހެ އެވެ.

އަދި އެނބުރި ރަށަށް ދާނެ ވެހިކަލެއް ނުލިބޭ މީހުން ބަނޑުހައިހޫނުކަމުގައި ހިނގާފައި ރަށަށް ދިއުމުގެ ދަތުރުކުރެ އެވެ. މި ދަތުރުގައި ހަށީގަނޑު ތަންކޮޅެއް ބަލިކޮށް ތިބޭ މީހުން މަރުވަނީ ވެސް މަދެއްކޮށް ނޫނެވެ. އަދި މާބަނޑު މީހުން މަގުމައްޗަށް ވިހެއުމާއި ކުޑަކުދިން ބަނޑަށް މަރުވުމުގެ ހިތްދަތި ހާދިސާތައް ވެސް ދަނީ ފެންނަމުންނެވެ.

ދަތުރަށް ނުކުންނަ މީހުންގެ ފަގީރުކަމުން ގިނަ ފަހަރަށް ދަތުރުމަތީ ކާލާނެ ބިސްކޯދުކޮޅެއް ފަދަ އެއްޗެއް ވެސް އެމީހުންގެ އަތަކު ނުހުރެ އެވެ.

ދަދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯ އަކީ މިފަދަ މީހެއްގެ ވީޑިއޯ އެކެވެ. މި މަންޒަރު ބަލާފައި ހިތް ފަޅައިގެން ނުދާ ވަރެއް ނޫނެވެ. މި ވީޑިއޯއިން ފެންނަނީ ދިއްލީ އިން ޖެއިޕޫރަށް ދާން އޮންނަ ހައިވޭގައި މަގު މެދުގައި މީހަކު މަރުވެފައިވާ ކުއްތާއެއް ކާން އިން މަންޒަރެވެ. މި މަންޒަރު ވީޑިއޯ ކޮށްފައިވަނީ ދިއްލީ އަށް ދަތުރުކުރި މީހެކެވެ. އޭނާ އެ މަންޒަރު ވީޑީއޯ ކުރީ މަރުވެފައިވާ ކުއްތާއެއް ކާން މީހަކު އިންތަން ފެނުނީމަ ވީ ދެރައިންނެވެ.

ވީޑިއޯ ކުރި މީހާ އޭނަ ދުއްވި ވެހިކަލް ހުއްޓާފައި ކުއްތާގެ މަސް ކާން އިން މީހާ ކައިރީގައި "އޭ ބޭބޭ އޭ! ކިހިނެއް ވީހޭ؟ ކަލޭ އަތުގައި ކާ އެއްޗެއް ނެތީހޭ؟" ސުވާލު ކުރެ އެވެ.

ދެން ވީޑިއޯ ކުރި މީހާ މަގުމަތީ އިން މީހާ ކައިރީގައި އެތަނުން ތެދުވެގެން ގޮސް މަގުގެ އެއްފަރާތެއްގައި މަޑުކުރަން އެދެ އެވެ. އަދި އޭނާ އަތުގައި ކާ އެއްޗެހިން ބައެއް ދޭނެ ކަމަށް ބުންޏެވެ. އެ ފަގީރު މީހާއަށް ބައެއް ކާ އެއްޗިއްސާއި އަދި ފައިސާ ވެސް ވީޑިއޯ ކުރި މީހާ ދިން ކަމަށް ވެއެވެ.

ވީޑިއޯ ކުރީ ޕްރަދޫމަން ސިންގް ނަރޫކާ ނަމަކަށް ކިޔާ މީހެކެވެ. ފޭސްބުކްގައި މި ވީޑިއޯ ޝެއާ ކުރީ ވެސް ޕްރަދޫމަން އެވެ. މި ވީޑިއޯ ފެނުމުން އިންޑިއާގެ ކުދި ރަށްތަކުން ވަޒީފާގެ ބޭނުމުގައ ބޮޑެތި ޝަހަރުތަކަށް ހިޖުރަކޮށްފައިވާ ނިކަމެތިންގެ ތެރެއިން ގިނަ ބަޔަކު މިހާރު އުޅޭ ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކޮށްލެވޭ ކަމަށް ވީޑިއޯ އަށް ކޮމެންޓްކުރި މީހުން ބުނެފައި ވެއެވެ.

މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުގައި މަރުވެފައިވާ ކުއްތާގެ މުޅަމަސް ކާން އިނީ މަސައްކަތުގެ މީހެއްގެ ގޮތުގައި އުޅުނު މީހެކެވެ. ލޮކްޑައުންގެ ސަބަބުން ކުރާނެ މަސައްކަތެއް ނުލިބި އެމީހާ ބަނޑަށް ޖެހުނީ އެވެ. މި މީހާ ފަދައިން އަނގަޔަށް އެންމެ ސުވަލެއް ލާނެ ފަދަ ވެސް ނެތް އެތައް ލައްކަ ބަޔަކު މި ވަގުތު އިންޑިއާގައި އެބަ ތިބި ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި މިފަދަ ހާލުގައި މީހުން އުޅޭއިރުވެސް ތަފާތުކުރުންތަކާއި އަނިޔާތަކާ ވެސް މި މީހުންނާ ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ ކަމަށް ވެސް ވެއެވެ.