މަންމައަކު ދަރިއަކު އުފަން ކުރަނީ ވަރަށް ވޭނާއި ތުރާ އުފުލުމަށް ފަހުގަ އެވެ. ނަމަވެސް ދަރިފުޅު އުފަންވުމާއެކު ފުރަތަމަ ފެންނަ ވަގުތުކޮޅަކީ އެ މަންމައެއްގެ ހިތަށް އާދަޔާޚިލާފު އުފަލެއް ލިބޭ ވަގުތުކޮޅެކެވެ. ނަމަވެސް އިންޑިއާގެ ގުޖްރާތުގެ މި އަންހެންމީހާއަށް ވިހެއުމަށް ފަހު ލިބުނު އުފަލަށް ވުރެ ބިރުވެރިކަން ވެސް ކުޑައެއް ނޫނެވެ.
ވިހަން ބަނޑުގެ ރިއްސާތީ އަންހެންމީހާ ގޮވައިގެން ދަތުރުކުރި އެމްބިއުލެންސް ގިރް ސޯމްނާތު ކިޔާ ސަރަހައްދަކާ ހަމައަށް ދިޔަތަނާ އަންހެންމީހާ އެ ވެހިކަލް ތެރެއަށް ވިހެއީ އެވެ. އޭރު ވެހިކަލް ވަށާލައިގެން ހަތަރު ސިންގާ އޮތެވެ.
އިންޑިއާގެ ނޫހެއްގައިވާ މި ރިޕޯޓުގައިވާ ގޮތުން ސިންގާތައް އެމްބިއުލެންސް ވަށާލުމުން އެ ވެހިކަލްއަށް ދަތުރު ކުރެވޭނެ ގޮތެއް ނެތި ހުއްޓަން މަޖްބޫރު ވީއެވެ. އަދި އަންހެންމީހާ ވިހެއީ ވެހިކަލް ހުއްޓާފައި އޮއްވަ އެވެ. އޭނާއަށް އެހީތެރިވެދިނީ އެމްބިއުލެންސްގައި ތިބި އިމަޖެންސީ ސްޓާފުންނެވެ.
އަންހެންމީހަ ވިހެއީ ފިރިހެން ކުއްޖެއް ކަމަށާއި ދެ މައިންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްބިއުލެންސްގައި އެ ވަގުތު މަސައްކަތްކުރި އިމަޖެންސީ ސްޓާފަކު ބުންޏެވެ.
ސިންގާތައް އެމްބިއުލެންސް ވަށައިގެން 20 ވަރަކަށް މިނިޓް ވަންދެން އެނބުރުމަށްފަހު އަމިއްލައަށް އެ ވެހިކަލާ ދުރަށް ދިއުމުން ވެހިކަލް އަށް ހޮސްޕިޓަލަށް ދަތުރު ކުރެވޭގޮތް ވީއެވެ.
މޭ 10 ވަނަ ދުވަހު އިންޑިއާގެ ރަށެއްގައި ހިނގި މި ފަދަ ހާދިސާއެއްގައި އަންހެނަކު ވަނީ އެއްމާބަނޑު ތިން ކުދިން އެމްބިއުލެންސެއް ތެރެއަށް ވިހާފަ އެވެ.