ފިނިޕޭޖް

ބަތޮލާ މުމްތާޒް މަރެއް ނުވޭ!

ކުރީ ޒަމާނުގެ ފިލްމުތަކުން ވަރަށް މަޝްހޫރުވި ބަތަލާ މުމްތާޒު މަރުވެއްޖެ ކަމަށް ފެތުރުނު ޚަބަރުތައް އޭނާ ވަނީ ދޮގު ކޮށްފަ އެވެ.

މުމްތާޒުގެ ދަރިފުޅު ތާންޔާ މަދުވާނީގެ އިންސްޓަގްރާމް އެކައުންޓުން މުމްތާޒު ޝެއާ ކުރި ޕޯސްޓެއްގައި "އަމަރް ޕްރޭމް" އެކްޓަރު އޭނާގެ ފޭނުންނަށް ބުނެފައި ވަނީ އޭނާ މަރުވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެކެވެ. އަދި އެ މީހުން އެބުނާހާ އޭނާ މުސްކުޅި ނޫން ކަމަށާއި އަދިވެސް އޭނާގެ ސިއްހަތާއި ސިފަ އެކަށީގެންވާ ވަރަކަށް ރަނގަޅު ކަމަށް ވެސް މުމްތާޒު ބުންޏެވެ.

ބުރާސްފަތި ދުވަހު ދައުރުވި ބައެއް ފޭކް ޚަބަރުތަކުގައި ބުނެފައިވަނީ 73 އަހަރުގެ މުމްތާޒު މަރުވެއްޖެ ކަމަށާއި ހޮނިހިރު ދުވަހު ޖަނާޒާ ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މުމްތާޒުގެ ދަރިފުޅު ތާންޔާ ބުނި ގޮތުގައި މަންމަ މަރުވެއްޖޭ ކިޔައިގެން ޚަބަރުތައް ފަތުރަމުން ދާއިރު އޭނާގެ މަންމަ ހުރީ ހެޔޮ ހާލުގަ އެވެ. އުމުރުން 73 އަހަރު ވެފައި ވިޔަސް އަދިވެސް ހުރީ ސިއްހަތު ރަނގަޅަށް ކަމަށެވެ.

މުމްތާޒް އަކީ 1970 އިގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި ބަތަލާ އެކެވެ. "މޭލާ"، "އަޕްރާދު"، "ނާގިން"، "ބްރަމަޗާރީ"، "ރާމް އައުރް ޝާމް"، "ދޯ ރާސްތޭ، "އާޕްކީ ކަސަމް" އަދި އަދި "ކިލޯނާ" ފަދަ ފިލްމުތައް ހިމެނެ އެވެ.