އަހަންނަށް ބަލައިލެވުނެވެ. ރަތްކުލައިގެ ހިމަ ދިގު ބިއްލޫރި ތަށްޓަށެވެ. ދެތިން ފަހަރަކު ކަޅި ޖަހައި ނުލައި އެ ތައްޓަށް ބަލައިލީމެވެ.
"ހަނދާންކޮށް މި ތަށިން ޖޫސްތަށްޓެއް ދޭތި. މަންމައަށް މިކަން ނުކުރެވުނީތީ ވަމުންދާ ގޮތް މީ." މަންމަގެ ބަލި އަޑު ކަންފަތުގައި ގުގުމައިލިހެން ހީވި އެވެ. "މަންމައަށް ވެސް މިކަމެއް ނުކުރެވުނު. އެހެންވެ ފަސް ކައިވެނި ކުރި އިރު ވެސް އާރުލާ ކައިވެންޏެއް ނުކުރެވުނު. މަންމަގެ މާމަ ވެސް ބުނާނެ އަލަތު ކައިވެނީގެ ރޭ މި ތަށިން ޖޫސް ނުދިނުމުން މަންމައަށް ދިމާވި ގޮތޭ."
އަހަރެން ތުރުތުރު އަޅައިގަތެވެ. މަންމަގެ އެ ހަނދާންތަކުން މީހާ ބިރުގަންނަ ގޮތްވި އެވެ. މަރުމަތީގައި އޮވެ މަންމަ ކުރި ހަމައެކަނި ވަސިއްޔަތަކީ ވެސް އެއީ އެވެ. ކުއްލިއަކަށް މޭ ތުރުތުރު އަޅައިގަތެވެ. ހިޔާލުތައިގައި އިންދާ އަތުގައި އޮތް ތަށި ވެއްޓުނެވެ. ކަންފަތަށް އުނދަގޫވާ ކަހަލަ ބާރު އަޑެއް އިވުނެވެ. ތަށި ވެއްޓުނު އިރަށް ކުދިކުދިވި އެވެ. ތަށިން ވަކިވި ބައިތައް ބުރަބުރައިގެން ދިޔަ އެވެ. އަހަންނަށް ބަލައިލެވުނީ މުށިގަނޑު މައްޗަށެވެ. ލޯބިން ގެންގުޅުނު އެ ރީތި ތަށީގެ ބައިތަކަށެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ހިތް ފިތި ބާރުވާހެން ހީވަމުން ދިޔައެވެ. ހަގީގަތުގައި ތަޅައިގެން އެ ދިޔައީ ތައްޓެއް ނޫނެވެ. އަހަރެން ހިތެވެ. ތައްޓެއްގެ ސިފައިގައި ފެނުނަސް އެއީ އެތައް ހަނދާނެކެވެ. އެތައް އިހުސާސެކެވެ. މަންމަގެ ހަމައެކަނި ހަނދާނެވެ. ވަސިއްޔަތެވެ. ގަބޫލު ކުރުމެވެ. ކުރަން މިއުޅޭ ކައިވެންޏަށް ދެންވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މަންމަ އެ ބުނި ފަދަ ނިކަމެތި ކަމެއް ދިމާވެދާނެ ބާވައެވެ؟
"މި ކޮން ތައްޓެއްތަ؟ މާ ސިއްރުން ފޮރުވައިގެން ތި ގެންގުޅުނީ؟" ކޮޓަރިއަށް ވަދެގެން އައި މުނާޒަށް މަންޒަރު ފެނުނެވެ.
އޭނާ ހުއްޓުނީ އަހަރެންގެ ކުރި މަތީގައެވެ. އަހަރެންގެ ދެ ލޮލަށް ނަޒަރު ހުއްޓައިލައި ގެންނެވެ. އަހަންނަށް ވެސް ބަލައިލެވުނީ މުނާޒުގެ މޫނަށެވެ. އޭނާގެ ފުން ދެ ލޮލަށެވެ. އެ ތޫނު ކަޅިރަވައިން އަހަރެންގެ އިހުސާސްތައް ކަތިލަމުން ދިޔައެވެ. މުނާޒުގެ ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލެވުނު އިރަށް ދޫ ތަޅުލެވުނީ އެހެން ވީމަ އެވެ. ހުރިހާ ވާހަކަތަކެއް ބަންދުވީ އެވެ. އިހުސާސްތަކުގައި ކަސްތޮޅު އެޅުނީ އެވެ. ހީވީ ހިތުގެ ބިންގަރާހުގައި ބޮޑު ތަޅު އެޅުނުހެންނެވެ. އަހަންނަށް ބަލަން ހުރެވުނީ އެވެ. މުނާޒުގެ ދެ ލޮލަށެވެ. އޭނާގެ މޫނަށެވެ.
"އޯހް. އެއީތަ އެ ދުވަހު ބުނި ތައްޓަކީ؟ އަންދާގެ މަންމަގެ ހަދިޔާ އަކީ؟ ދެން ކިހިނެއް ހަދާނީ؟" މުނާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ.
އަހަންނަށް ބަލައިލެވުނީ ފުނޑުފުނޑުވެފައިވާ ތައްޓަށެވެ. އާއެކޭ ބުނުމުގެ ގޮތުން އަހަންނަށް ބޯ ޖަހައިލެވުނެވެ.
"ދެރަ ނުވޭ. އެ ތަށިން ޖޫސް ނުބޮވެޔޭ ކިޔައިފަ އަހަރުމެންނަށް ދެރައެއް ގެއްލުމެއް ނުލިބޭނެ. އެއީ ބޯދާ ހިޔާލެއް. ތާކުންތާކު ނުޖެހޭ ވާހަކައެއް. ވަކި ތައްޓަކުން ކައިވެނީގެ ފުރަތަމަ ރޭ ޖޫސް ބޮއެގެން ނޫނީ ކިރު ތައްޓެއް ބުއިމަކުން ނޫން ކައިވެނީގެ ހަޔާތް އުޖާލާ ވާނީ. މީގައި މުހިއްމީ ދެ މީހުންގެ ވިސްނުން އެއްގޮތް ކުރުން،" މުނާޒު އަހަންނަށް ވިސްނައިދިނެވެ. "އެދުވަހު އަންދާ އެހެން ބުނީމަ އަހަރެން އެއްޗެކޭ ނުބުނީ އަންދާ ދެރަވެދާ ނެތީ. ދެން މިހާރު އެކަން ހަނދާން ނައްތާލަން ޖެހޭނީ."
އެވަރުން ވެސް އަހަންނަށް ހުރެވުނީ އެވެ. ފާޑަކަށް ގަބު އަރައިފަ އެވެ. ހަރަކާތްކޮށްލަން ނޭނގިފަ އެވެ.
"ރީތި. ވަރަށް ރީތި، އަދި ދުވަހަކު ވެސް ތިހާ ރީތި ކަމެއް ނުދެކެން. ތިހާ ފަރިކަމެއް ނުދެކެން. ކައިވެނީގެ ހެދުމުގައި ހުންނަ އިރު މާ ޗާލު." މުނާޒު އުޅުނީ އަހަރެންގެ މޫޑު ބަދަލު ކޮށްލާށެވެ.
އޭނާގެ ވާހަކައިގެ އަމާޒު ބަދަ ލުކޮށްލީ އެހެންވީމަ އެވެ. މަޑުމަޑުން އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފައި ހިއްލައިލި އެވެ.
"އަހަރެން." ލައްކަ ހިތްވަރުން ދުލާ ހަމައަށް ބޭރުވީ އެންމެ ލަފުޒެކެވެ.
މުނާޒުގެ ދެ ލޮލަށް ބަލައިލެވުމާއެކު އަނެއްކާ ވެސް އަނގަ ބަންދުވީއެވެ. މީހާ ފިނިވެ ގަނޑުވީއެވެ. އަތް ތުރުތުރު އަޅައިގަތީއެވެ.
"ހާދަ ފިންޏޭ. އަލަށް ކައިވެނި ކުރެވޭތީ ވާ ގޮތެއް ދޯ. އަހަރެން ވެސް. ކުޑަކޮށް ހިތްބިރު ގަނޭ. ހާސްވެ މޭ ތެޅޭ." މުނާޒު އަހަރެންގެ އަތުގައި ހިފައިލި އެވެ.
އޭނާގެ އަތްތިލައިގެ ތެރެއަށް އަހަރެންގެ އަތްތިލަ މަހައިލަމުން މައްޗަށް ހިއްލައިލި އެވެ. އެއާއެކު ލުއި ހަރަކާތްތަކެއް ކޮށްލި އެވެ. އަހަންނަށް ފައި ހަމަ ކުރެވުނީ މުނާޒުގެ ހަރަކާތް ތަކަށެވެ. އިވެމުން ދިޔަ މަޑުމަޑު މިޔުޒިކަށެވެ. ހީވަނީ އިނގިރޭސި ފިލްމެއްގެ މަންޒަރެއް ހެންނެވެ. ސީދާ އޭނާގެ ލޮލަށް ބަލައިގެން އަހަންނަށް ހުރެވެނީ އެވެ.
"މާ ބޮޑަށް ހާސް ނުވޭ. ބިރު ނުގަނޭ. އިރާދަ ކުރެއްވިއްޔާ އަހަރެން ވަރަށް މަސައްކަތް ކުރާނަން. އަންދާގެ ލޯބި ހޯދަން. އަހަރެން ދެކެ އަންދާއަށް ލޯބި ވެވޭނެ ހުރިހާ މަގެއް އަހަރެން ކޮށައި ދޭނަން. އެ މަގުން ހިނގަން ދަސްކޮށް ދޭނަން. އަންދާއަކީ ހަމަ ހަގީގަތުގައި ވެސް އަހަރެންގެ އަހަރެންގެ ހަޔާތަށް ދާއިމީކޮށް ވެހޭނެ ވާރޭކަމުގައި ހެދޭތޯ މަސައްކަތް ކުރާނަން،" މުނާޒު ވައި އަޑުން ވާހަކަ ދައްކަމުން ދިޔައެވެ. "އަންދާގެ ނަމުގެ ދެވަނަ މާނައިން އަހަރެން ހިތްވަރު ލިބިގަންނާނަން. އަހަންނަކީ ވެސް ދިރިއުޅުމުގައި ހިތްވަރު ގަދަ މީހަކަށް ވާނަން. އަންދާއަށް ދިމާވި ގޮތުން ފިރިހެނުންނަށް ނަފުރަތު ކުރެވޭނެ. އެކަން އަހަރެން ބަދަލުކުރާނަން."
އަހަންނަށް ލުއި ގޮތަކަށް ހިނިތުން ވެވުނެވެ. މުނާޒުގެ ބަސްމަގު އިވުމުންނެވެ. ލޮލަށް ގިނަވެފައި ހުރި ކަރުނަތައް ގަދަކަމުން ކަހަލަ ގޮތަކަށް އޮއްބައިލީމެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ހީލެވޭތޯ ބެލީމެވެ.
"މިކޮޅަށް ޖެހިލާ، އެހެން ނޫނީ ފުޅިތޮށި ކޮޅަކަށް ހެރި ޒަހަމު ވެދާނެ. ދެން ތިޔަ ޕަރީގެ ހައްޓަށް އެއްވެސް އަނިޔާއެއް، ގެއްލުމެއް ލިބޭތަން ބަލަން އަހަންނަށް ކުޅަދާނައެއް ނުވާނެ. ކެތެއް ނުކުރެވޭނެ." މުނާޒު މަޑުމަޑުން އަހަރެން ފަހަތަށް ޖައްސައިލި އެވެ.
"އަހަރެން!" އަހަންނަށް ދެވަނަ ފަހަރަށް ވެސް ބުނެވުނީ އެ ވަރަށެވެ.
"ބުނެބަލަ. ހިތުގައި އޮންނަ ވާހަކަތައް ފޮރުވައިގެން، ސިއްރުކޮށްގެން ހުންނާކަށް ނުވާނެ." މުނާޒު ހިފައިލީ އަހަރެންގެ އުނަގަނޑުގައެވެ.
"މުނާޒު ހަމަ ހަގީގަތުގައި ވެސް އަހަރެން ދެކެ ލޯބިވޭތަ؟ އަހަންނަކީ މުނާޒު ހީކުރާ ކަހަލަ މީހަކަށް ނުވެދާނެއްނު." އެކި ތަނަށް ހުއްޓަމުން ހުއްޓަމުން އަހަންނަށް ބުނެލެވުނެވެ.
"ޝައްކު ކުރަނީތަ؟ ޔަގީންކުރޭ! އަހަރެން މި ވާ ލޯބި. އަންދާއާ މެދު މި ހިތުގައި ޖަހާ ވިންދު. މި ލޯބި ނޫން އެހެން ކޮން އިހުސާސެއް." އަހަރެންގެ އަތްތިލަ ގެންގޮސް އޭނާގެ ހިތާ ދިމާ މޭމަތީގައި ބާއްވާލި އެވެ.
އޭނާ އަތް ތުރުތުރު އަޅައިލި އެވެ. ދެ ލޮލުގެ ތެތްކަން އިތުރުވި އެވެ. އަހަންނަށް އޭނާގެ އަތުގައި ބާރަށް ހިފައިލެވުނެވެ. އަތަށް ބާރު ކޮށްލެވުނެވެ.
"ނޫން؟" އަހަންނަށް މަޑުމަޑުން ބޯ ހޫރައިލެވުނެވެ. "އަހަރެންގެ މާޒީ. ކަޅު ސަފުހާތައް. އެ ހަނދާންތައް. އަހަންނަށް.. އަހަންނަށް.." ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"މާޒީގެ ތަސްވީރުގެ ކުލަތައް ބަލައިގެން ކުރިމަގު އުޖާލާ ކުރެވިދާނެތަ؟ އަންދާގެ މި ދެ އަތުގައި އަހަރެން ހިފީ އަންދާއަކީ ކާކުކަން، ކޮން ހާލެއްގައި އުޅުނު މީހެއްކަން އެނގިގެން. އަހަންނަށް އަންދާ ކަމުދިޔައީ ވެސް. އަންދާ ދެކެ ލޯބި ވެވުނީ ވެސް އަންދާގެ އީމާންތެރިކަމާއި ކެތްތެރިކަން ކަށަވަރުވީމަ." މުނާޒު ލުއި ގޮތަކަށް ހިނިތުންވެލި އެވެ.
"ހަމްދަރުދީ؟" ސުވާލުގެ ނަޒަރުން އަހަންނަށް ބުނެލެވުނެވެ.
"ނޫން! ލޯބި. އަހަންނަށް ކުރެވުނީ އަންދާގެ އިހުސާސްތައް. އަންދާ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ވީ ގުރުބާން ވަޒަން ކުރެވުނީ. ދިރިއުޅުމުގެ ގުޖަޑުތަކާ އަންދާ ކުރިމަތިލީ ގޮތުން އަހަންނަށް ޔަގީންކުރެވުނީ. އަހަރެންގެ ހަޔާތަށް ގެންނަ އެންމެ މުނާސަބު މީހަކީ ތިޔައީކަން."
"މުނާޒުގެ މައިންބަފައިން؟" ސުވާލަކަށް ފަހު ސުވާލެއް އަހަންނަށް ކުރެވެމުން ދިޔައީ އިހުތިޔާރުން ބޭރުގަ އެވެ.
"މުޖުތަމައުގެ މައްސަލަ. މަންމަގެ ވިސްނުން އެގޮތަށް ހުރީ އެއީ މި ދިވެހި މުޖުތަމައުގައި އެންމެން ވެސް އެގޮތަށް ގަބޫލުކުރާތީ." މުނާޒު އަހަރެންގެ އަތަށް ބާރު ކޮށްލި އެވެ.
"ތިބުނީ؟"
"މި ބުނީ. އަންދާ ކަހަލަ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދީންނަކީ ފަކުރެއް ކަމަށް ދެކޭ ވާހަކަ. ހަގީގަތުގައި ފަކުރަކީ އަނިޔާ ކުރާ މީހުން. އެމީހުންގެ ހިޔާލުތައް ފާސިދުވެފައިވާލެއް ބޮޑު ކަމުން ކުރެވޭ ނުކުރެވޭއެއް ނޭނގެނީ. ނިކަން ވިސްނައިލަބަލަ އުމުރުން ދެ އަހަރުގެ ތުއްތު ކުދިންނަށް ޖިންސީ އަނިޔާ، އެ ކުރަނީ ކޮން އުފަލެއް ހާސިލު ކުރަން. އެފަދަ ކުދިންގެ ފަރާތުން ލިބޭނީ ކޮން އެއްޗެއް. މައުސޫމު އެފަދަ ކުދިންނަށް އެހެން ހަދައިލާއިރު އެކުދިން ގިސްލާ ރޯނެވަރު ވިސްނައިލެވޭ ނަމަ އެމީހުން އެހެން ހަދާނެތަ؟ އިންސާނިއްޔަތުގެ ކަންފުޅެއް ހިތުގައި އޮންނަ ނަމަ އެ ގޮތަށް އަނިޔާ ކުރާނެތަ؟" މުނާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ.
އަހަރެންގެ ލޮލަށް އެ މަންޒަރުތައް ސިފަވާހެން ހީވަމުން ދިޔަ އެވެ. އެ އަނިޔާވެރިކަން ފެންނަހެން ހީވަމުން ދިޔަ އެވެ. ކަންފަތުގައި އެ އަޑުތައް ގުގުމާހެން ހީވަމުން ދިޔަ އެވެ. ސަލާމަތަށް އެދި އާދޭސް ކުރެވޭ އަޑު ގަދަވެ ކަންފަތް ފަޅައިގެންދާ ވަރުވި އެވެ. އެއާއެކު މީހާގެ ވިންދު އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ. މުނާޒު އެކަން ދެނެގަތެވެ.
"ހަމަ ޖެހިލާ. މިހާރު އަންދާއަށް އެނގޭނެ. އެ ޚިޔާލުތަކުން ދުރުވާން އެނގޭނެ. އެކަމުން މިންޖުވާން އެނގޭނެ. އަހަރެން ހުންނާނީ ދަސްކޮށްދީފަ." މުނާޒު އަހަރެންގެ އަތްތިލައަށް ބާރު ކޮށްލި އެވެ.
އަހަރެން ހިންދިރުވާލީމެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލީމެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ދޮންބައްޕަގެ މޫނު ފެނުނު ހެން ހީވި އެވެ. އެތައް ފަހަރު އަހަންނަށް ހެދި ގޮތް ފެންނަ ހެން ހީވި އެވެ. އަހަރެން ގިސްލަގިސްލާ އޮއްވާ އޭނާގެ ބޭނުން ފުއްދާލި ހަނދާންތައް އާވި އެވެ. އަނެއްކާ ވެސް ފުން ނޭވާއެއް ދޫކޮށްލީމެވެ. ދެ ލޮލަށް ބާރު ކޮށްލީމެވެ. އެއާއެކު އެ މަންޒަރު ގެއްލުނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ.
މުނާޒުގެ އަތުގައި ހިފައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ކައިވެނީގެ ރަސްމުތައް އޮތީ ގޭގެ ބޮޑު ފެންޑާގަ އެވެ. މިއީ އަހަންނާއި މުނާޒުގެ ވެސް އަލަތު ކައިވެންޏެވެ. އަހަރެން މިހުރީ ހުދުކުލައިގެ އަގުބޮޑު ހެދުމެއްގަ އެވެ. އަތުގައި ހިފައިގެން މިހުރީ އަހަންނަށް ޓަކައި ކޮންމެ ފަދަ ގުރުބާނެއް ވާން ޖެހުނަސް އެކަން ކުރާން ހުރި ހިތްވަރު ގަދަ ޒުވާނެކެވެ.
"ދޮންބެ ދައްތަގެ ލޯބިކަން. މާޝާﷲ، ދޮންބެ ކޮންތާކުން ހޯދި ޕަރީއެއްތަ މީ؟ މި ހެދުންލީމަ އަދި މާ ލޯބި. މާޝާﷲ ހާދަ ލޯތްބޭ. ހާދަ ކިއުޓޭ." މުނާޒުގެ ކޮއްކޮ، އިނާޔާ އަހަރެންގެ ދަތްދޮޅީގައި އިނގިލި ޖައްސާލަމުން ހީނލި އެވެ.
އަހަންނަށް ބަލައިލެވުނީ އިނާޔާގެ މޫނަށެވެ. ބަދަލުގައި އަހަންނަށް ވެސް ހީލެވުނެވެ. އިނާޔާގެ ތައުރީފުގެ ޖުމުލަތައް އިވިފައި އުފަލުން ހިތްފޮޅުނެވެ. އިނާޔާ މަޑުމަޑުން އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިލި އެވެ.
"އަންދާ. މަންމަގެ ދަރިފުޅާ މަންމަ ހިޔެއް ނުކުރަން ތިހާ ރީތި ކުއްޖެއް ކަމަކަށްތީ. މަންމައަށް ކުރީން އިވުނު ގޮތާ ފެނުނު މަންޒަރާ، މި ދެ ދުވަހު ދަރިފުޅުގެ ފަރާތުން ފެނުނު ކަންކަމުން ޔަގީންވެއްޖެ މަންމައަށް ގޯސް ހެދުނުކަން. މުނާޒުގެ ހޮވުމަކީ ހަމަ އެއްމެ ރަނގަޅު ހޮވުން." މުނާޒުގެ މަންމަ އަހަރެންގެ އަތުގައި ފިރުމައިލިއެވެ. "ދަރިފުޅާ މަންމައަށް ހިތްބުރަ ނުކުރާތި!"
"މަންމާ! އަހަރެންގެ ހިތުގައި މަންމައަށް އެއްވެސް ބުރަ ހިތެއް ނެތް. އަހަރެންގެ މަންމައަކަސް ބައްޕައަކަސް އާއިލާއަކަސް ތިބި ބަޔަކީ ތީ. މީ އަހަރެންގެ ދުނިޔެއަކީ،" މަންމަގެ އަތުގައި ފިރުމައިލަމުން އަހަރެން ބުނެލީމެވެ. "މިއަދު އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. އުމުރުން ދިހަ އަހަރުން ފެށިގެން އަހަރެން ހަނގުރާމަ ކުރަމުން މި ދިޔައީ އެކަނިމާ އެކަނި. އޭރު ވެސް ކުރެވުނު އުއްމީދަކީ ކޮންމެ ވެސް ދުވަހަކުން ލޯބިލޯބި އާއިލާއެއްގެ އޯގާތެރި ފިރުމުންތައް ލިބޭނެ ކަމަށް. އެހެންނޫން ނަމަ މިއަދު އަހަރެން މި ދުނިޔެއަކު ނުހުރީސް. އަހަންނަށް އެނގޭ އަހަންނަކީ ކާކުކަން. ކޮން ފެންވަރެއްގެ މީހެއް ކަން ވެސް. އަހަރެންގެ ގޮތް އެނގި ތިބެ މަންމަމެން އަހަރެން ބަލައިގަތް ކަމީ ޝުކުރު ހައްގު ކަމެއް."
"ދެން އެވާހަކަ ނުދައްކާ. މީ އުފާކުރަންވީ ވަގުތު. މީ މާޒީ ހަނދާން ނައްތާލަންވީ ވަގުތު. އަންދާގެ ދޮންބައްޕައަށް ދެނެއް ސަލާމަތެއް ނުވެވޭނެ. އަހަރުމެން އަންހެނުންނަކީ މުޖުތަމައުގެ ބިންގާ. އަންހެނަކަށް ދެވޭ އަނިޔާއެއް، ކުރެވޭ ގެއްލުމެއް، ދެވޭ ދެރައަކުން ތިން ޖީލަށް އެކަމުގެ ހިތިރަހަ ދެމިހެންދާނޭ މީހުން ބުނަނީ ތެދެއް. ދެން މިވާހަކަތައް ހުއްޓައިލަމާ. ކައިވެނިކޮށްދޭ މީހުން އެ އައީ." މުނާޒުގެ މަންމަ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ކައިވެނީގެ ހުތުބާގައި އިވެމުން ދިޔައެވެ. ކޮންމެ އަކުރެއް ވަކިވަކިން އަހަރެންގެ ހިތަށް ނެގެމުން ދިޔައެވެ. ހިތުގައި ބިންވަޅު ނެގި ހަރުލާނެ ފަދަ ގޮތަކަށެވެ. ފިރިމީހާގެ ވާހަކަ އިވޭ ކޮންމެ ފަހަރަކު އަހަންނަށް ބަލައިލެވުނީ މުނާޒުގެ މޫނަށެވެ. ބަދަލުގައި އޭނާވެސް ބަލައިލައެވެ. ހިނިތުންވެލިއެވެ.
"އަނބި ގަބޫލުކޮށްފިން." މުނާޒު ހިނިތުންވެލިއެވެ.
އަހަންނަށް ލިބުނީ ބަޔާންކުރަން ނޭނގޭ ހިތްހަމަ ޖެހުމެކެވެ. ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. އަހަރެންގެ އަތުގައި މުނާޒަށް ދޭނެ އެއްވެސް އާ އެއްޗެއް ނެތް ހާލުގައި ވެސް އޭނާ އަހަރެން ބަލައިގަތީމައެވެ. ހިތުން ރުހުމުން އަހަންނަށް މަރުހަބާ ކީމައެވެ. އެއީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟ ކަށި ޖަންގަލީގައި ބިކަވެ، ދަތި ހާލުގައި ބަނދެވިފައި އިންދާ އަހަރެންގެ އަތުގައި ހިފައިގެން ނެރެދިނީ އޭނާއެވެ. އޭނާގެ ގަދަރުވެރި އާއިލާއާ ކުރިމަތިލީ އަހަރެންގެ ހައްގުގައެވެ.
ރަހުމަތްތެރިންނާއި އާއިލާގެ ވިސްނުން ބަދަލުކޮށްދީ އަހަންނަށް އުފާވެރި ހަޔާތަކަށް މަގު ކޮށައިދޭށެވެ. މި ހަތަރު ފާރުން ހިމަޔާތް ހޯދައިދޭށެވެ. އެއީ ކޮންފަދަ މަތިވެރި ގުރުބާނެއް ހެއްޔެވެ؟ ކޮންފަދަ ނަމޫނާއެއް ހެއްޔެވެ؟ ހުރިހާ ފިރިހެން ވެސް މިހެންވާނެ ނަމައެވެ. އޭރުން ޖިންސީ އަނިޔާގެ ހިތިރަހަ ޅަދަރިން އަރުބުޑުގައި ލާކަށް ނުޖެހޭނެއެވެ. މިފަދަ ކަންކަން ތަހައްމަލު ކުރާ ކިތައް ދިވެހިން މިއަދު ވެސް މި ރާއްޖޭގައި ތިބޭނެ ހެއްޔެވެ؟ ހިތިރަހައިގެ ހިތިކަން އިހުސާސް ކުރެވޭނީ އެކަން ތަޖުރިބާ ކުރެވުމުންނެވެ. އެއީ ހިތިފިލުވާހެން ފިލައިގެންދާނެ ކަމެއް ނޫނެވެ. އަބަދަށް ދެމިހުންނާނެ ކަމެކެވެ. (ނިމުނީ)