ހަބަރު

އެމްއެމްޕީއާރުސީ ތަހުގީގު އޮތް ހިސާބެއް މަޖިލީހުން ހޯދަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ރައްޔިތުންގެ މަޖިލީހުން ހޯދައި ބެލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުއިއްޒު ފޮނުއްވި ސިޓީއެއްގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތަކާއި ދައުވާ އުފުލުމާއި ޝަރީއަތްތައް ހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތަކުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތަކާއި ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން އެ މައްސަލަތައް ބެލެމުންދާ ކަން ޔަގީން ކުރުމުގެ ގޮތުން އޭގެ މައުލޫމާތުތައް މަޖިލީހަށް ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީނަށް އެކަންޏެވެ. އެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަކުރެއްވި މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް ކުރި އެވެ. ނަމަވެސް ފަހުން މަތީ ކޯޓުތަކުން ހުކުމް ބާތިލު ކުރި އެވެ. މިހާރު އަލުން އެ ދެ ބޭފުޅުންނަށް ދައުވާތަކެއް އުފުލާފައިވިޔަސް މިހާތަނަށް އެ މައްސަލަތަކުގެ ޝަރީއަތް ފެށިގެން ކުރިއަކަށް ނުދެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ އިންސާފެއް ނުވިސްނޭ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ރައީސް ޔާމީނާއި ރައީސް ނަޝީދަކީ ސިޔާސީ މައިދާނުގައި ތިބި އެންމެ ވާދަވެރި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެކަކު އަނެކަކަށް އަބަދުވެސް ރައްދު ދެއްވައި ހައްދަވަ އެވެ.