(22 މެއި 2020 އާ ގުޅޭ)
"ހީކުރާހާ ހެންޑްސަމްއެއްނޫން... ސްޓޮޕް ފްލާޓީން އެން ގެޓް އަޕް" ކެންޒާގެ އިޙްސާސްތައް ކޮންމެގޮތަކަށް އޮތްކަމުގައި ވިޔަސް އަޑުގައި އަމުރުވެރި ގޮތް ހުއްޓެވެ.
ކެންޒާ ދެވަނަ ފަހަރަށް ލައިތު ގާތު ތެދުވަން ބުންޏެވެ. ލައިތު ފަރާތަކަށް ޖެހިލައިގެން ނޫނީ އޭނާއަށް ތެދުވެވޭކަށް ނެތެވެ. އާނއޭ ބުނެ ލައިތު އެއްއަތް ގާތައްމަތީ ވިއްދާލުމާއެކު ހަށިގަނޑު ހިއްލާލިއެވެ. އެހެންނަމަވެސް އޭނާއަށް ކޮޅަށް ތެދުވަން އުނދަގޫވެ އިށީނެވެ. ނިތްކުރީގައި މަޑުމަޑުން ފިރުމާލަމުން ވަގުތުކޮޅަކަށް އޭނާ އެތަނުގައި އިނަ ދިނުމަށް ލައިތު ބުނެލިއެވެ. އެއްފައި ކުރުކޮށްލައި ކަކޫމަތީ އަޅުވާލި އަތުން އޭނާ އަދިވެސް އިނީ ނިތްކުރީގައި ހިފަހައްޓާލައިގެންނެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ތެދުވަން އުޅުނު ކެންޒާއަށެވެ.
"ބޭހެއް ނުކަންތަ؟ ހުންގަދަވެގެން ކަންނޭނގެ ތިއުޅެނީ... މީހަކަށް ގޮވަންތަ؟" ކެންޒާއަށް ތެދުވެވުމާއެކު ވާހަކަދައްކަން ފެށިއެވެ. ލައިގެން ހުރި ގަމީހާއި ބުޑުމަތިން ފޮޅާލައި ލައިތުއަށް ބަލާލިއެވެ.
"ގެއްލުމެއްވިތަ؟" ކެންޒާގެ ނަޒަރު ސީދާވި ހިނދު ލައިތު ބުނެލިއެވެ.
"އޯކޭ" ކެންޒާ ނިކަން އަވަހަށް ބުންޏެވެ. އެއާއެކު ލައިތު ކުޑަކޮށް ހީނލައިފިއެވެ. އަދި އެމީހުން ވެއްޓުނު ދިމާ ގާތަކަށް އިޝާރާތްކޮށްލައި ވާހަކަދެއްކިއެވެ.
"ގާތަށް ސަލާމަތުން ހުރިތޯއޭ މިއެހީ..." ކެންޒާއަށް މަލާމާތްކުރުމުގެ ނިޔަތެއް ނެތް ލައިތުގެ މަޤްޞަދަކަށްވީ ދިމާކޮށްލުމެވެ. ޖަދަލުކުރުމުގައި ވިޔަސް އޭނާއާއެކު ވަގުތުކޮޅަކަށް ކެންޒާ މަޑުކުރުވުމެވެ.
"ލަ..އި..ތު.." ދަތްކުނޑިވިކާލުމާއެކު ތަންކޮޅެއް ބާރަށް ކެންޒާ ގޮވާލިއެވެ. ހަށިގަނޑުގައި ވަރުނެތް އިރު ވެސް ލައިތުގެ ފުށުން އިވިގެންދިޔައީ ލުއި ހުނުމުގެ އަޑެވެ.
"މީހަކު އައީކަންނޭނގެ... އަންނާނަން މީހެއް ކައިރީ ބުނެފަ" ބަދިގެ ތެރޭ ބަޔަކު އުޅޭހެން ކެންޒާއަށް ހީވުމާއެކު ބުނެލިއެވެ. އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތް ހިނދު ލައިތު އެއްލި އަތުން ކެންޒާގެ ގަމީހުގެ ފަސްބައިގަ ހިފިއެވެ. ވަގުތުން ހުއްޓެން ކެންޒާއަށް ޖެހުނީ އެހެންވެއެވެ.
"މިތާ ހުރެބަލަ" ލައިތު ބުނެލިއެވެ.
"މިތަން ފިނިކަމެއް ނޭނގޭތެ، މީހާ ތިއިނީ ހުމާ ފިހިފިހި، އަހަންނަކަށް ނަގައިގަނެގެން ނުގެންދެވޭނެ" ކެންޒާގެ އަޑުގައިވި ކަންބޮޑުވުން އެނގި ލައިތަށް ތަފާތު ހިތްހަމަޖެހުމެއް ލިބެމުންދިޔަ ކަހަލައެވެ. ލައިތުގެ އަތް ފޮޅުވާލަން އުޅުމުން އޭނާ ހިފީ ކެންޒާގެ އަތުގައެވެ.
"ހެލްޕް!..." ކެންޒާ ނިކަން ބާރަށް ގޮވާލިއެވެ. ބަދިގެ ފަރާތުގައި އުޅޭ މީހަކަށް އޭނާގެ އަޑުއިވޭނޭ ވަރު ލަފާކޮށްފައެވެ. ކެންޒާގެ އަތަށް ލައިތު ދަމާލުމާއެކު އަޑުގަދަ ނުކުރަން އޭނާ ބުންޏެވެ. ހަމައެވަގުތު ގޭގެ ބިއްދޮށްފަރާތު ދޮރުމަތިން އަންހެނަކާއެކު ސެހްރާނު ނުކުތެވެ.
"ލައިތު!" ސެހްރާނުގެ ސިހުން އެކުލެވިފައިވި އަޑު އިވުނެވެ.
"މައި ބޯއި!... ކިހިނެއްވީ؟..." ފަރުޒީން ދުވަމުން އައިސް ލައިތުގެ އަތުގައި ހިފިއެވެ. އޭނާގެ އަނެއްފަރާތުން ސެހްރާނު ލެފުނެވެ. ސެހްރާނަށްވުރެ ހަށިގަނޑުގެ ގޮތުން ލައިތު ބިޔައެވެ. އެހެންނަމަވެސް އޭނާ ލައިތު ކޮޅަށް ނަގުވައިފިއެވެ.
"ހީވަނީ ހުންއައިސްގެންހެން... ލައިތު ވެއްޓުނުތަން ފެނުނީ" ކެންޒާ އަވަހަށް އޮޅުންފިލުވައިދޭން އުޅުނެވެ. ކެންޒާގެ އަތުން ލައިތު ދޫކޮށްނުލުމުން ސެހްރާނަށް އެ ދެ ޒުވާނުންނަށް ބަލާލެވުނެވެ.
"ލައިތު!... އައި އޭމް ހިއާ މައި ޗައިލްޑް، ލެޓް ހާ ގޯ" އޯގާތެރިކަމާއެކު ލައިތުގެ މޫނުގައި އެއްއަތް ޖައްސާލައި އަނެއްއަތުން ކެންޒާގެ އަތުގައި ހިފައިގެން ހުރި ލައިތުގެ އަތުގައި ފަރުޒީނު ހިފާލިއެވެ. ކެންޒާއަށް ދެވިފައިވި ލައިތުގެ ނަޒަރު ފަރުޒީނަށް ހުއްޓުނެވެ. މަޑުމަޑުން އަތަށް ދޫދިންއިރު އެ އަތުގެ ތެރެއިން ކެންޒާގެ އަތް ދޫވަމުން ދިޔަކަން ލައިތަށް އިޙްސާސް ކުރެވުނެވެ.
"އާ ޔޫ އޯލްރައިޓް" ކެންޒާގެ ހާސްކަން ފެނި ސެހްރާނު އަހާލިއެވެ. ވަކިއެއްޗެއް ނުބުނެ ކެންޒާ އަވަސްއަވަހަށް ބޯޖަހާލީއެވެ.
ލައިތުގެ ގާތުގައި އޭނާގެ ޢާއިލާ މީހުން ތިބުމުން ކެންޒާ ހުރުމުގެ ބޭނުމެއްނެތްކަން އޭނާއަށް ވިސްނުނެވެ. ސެހްރާނު ގާތު ލައިތު ކޮޓަރިއަށް ގެންދިއުމަށް ބުނެފައި ފަރުޒީނު އެނބުރިލީ ކެންޒާއާ ދިމާއަށެވެ. އޭރު ދުރުގައި ވެއްޓިފައި އޮތް ބެކްޕެކް ނަގައިގެން ކެންޒާ ދިއުމަށް ހިނގައިގަންނަނީއެވެ.
"މަޑުކޮށްލަބަލަ" ފަރުޒީނު ބުނި އަޑަށް ކެންޒާ އެނބުރިލިއެވެ.
"އެކަނިތަ ދަނީ؟" ފަރުޒީނަށް އަހާލެވުނެވެ. އޭނާއަށް ކެންޒާއަކީ ކާކުކަން އެނގޭ ކަހަލައެވެ. އާނއެކޭ ބުނުމުގެ ގޮތުން ކެންޒާ ބޯޖަހާލީއެވެ.
"ރޭގަނޑު އަންހެންކުއްޖަކު އެކަނި ދާކަށްނުވާނެ، ޑްރައިވަރެއް ހަމަޖައްސަންއެބަ... މަޑުކޮށްލާ" ފަރުޒީން ބުންޏެވެ. ކެންޒާ އެއްޗެއް ބުނަން ފުރުޞަތެއް އޭނާ ނުދިނެވެ. އެއީ ކާކުކަމެއް ކެންޒާއަކަށް ނޭނގެއެވެ. އެގޭތެރެއިން ފަރުޒީނު ފެނުނު ފުރަތަމަ ފަހަރެވެ. ކަސްތޫރީގެ ހުންނަ ކަހަލަ ހުދު ދޮނެއްގެ ވެރިއެކެވެ. އެގޭތެރެއިން ފެންނަ ކުދީންގެ ހުންނަ ފަދަ ފަން އިސްތަށިގަނޑެކެވެ. ބޮލުގައި ކުލަޖައްސާފައި ހުރީތީ އެންމެ ނުރަ އިސްތަށްޓެއް ވެސް ނުފެނެއެވެ. އުމުރު ޔަގީންނުކުރެވޭހާ ޒުވާންކަމަށް މީހާ ދައްކައެވެ. ވާހަކަދެއްކިއިރު އިނގިރޭސިއަކު ދިވެހިން ވާހަކަދައްކާއިރު ހުންނަ ފަދަ އަޅައިގަތުމެއް ލަފުޒުތައް ކިޔުމުގައި ހުއްޓެވެ. ހީވަނީ ދިވެހިނޫން ބަހަކުން ވާހަކަދައްކަން އާދަވެފައި ހުރި މީހަކީ ހެންނެވެ. އެހެންވިޔަސް ފަރުޒީނުގެ ލޮލާއި މޫނުން ލައިތުއަށް ޓަކައި ފާޅުވީ މައެއްގެ ފަރާތުން ދަރިއަކަށް ޓަކައި ފާޅުވާނޭ އަސަރުތަކެވެ.
ބިއްދޮށް ފަރާތުގައި އޮންނަ ކުޑަ ބަގީޗާގައި ޖާހަފައި ހުރި މޭޒުދޮށުގައި ކެންޒާ އިނެވެ. ފަރުޒީނު އެނބުރި އަންނަން ދެނެވެ. ނަމަވެސް ފަރުޒީނުގެ ބަދަލުގައި އޭނާގެ ގާތަށް އައިސް ހުއްޓުނީ ސެހްރާނެވެ.
"ލައިތު ކިހިނެއް؟" ކެންޒާއަށް އަހާލެވުނެވެ.
"ހީ ވިލް ބީ އޯކޭ... އަދިތު އަންނާނެ އިރުކޮޅަކުން، އޭނާ ކެން ގެއަށް ގެންގޮސްދޭނެ" ސެހްރާނު ބުންޏެވެ.
"އަހަރެން އެކަނި ހިނގައިދާނަން، އެވަރުކަމެއްނޫނޭ އެއީ" ކެންޒާ ބުނެލިއެވެ.
"ކާރުގަވީމަ ވަރުބައްޔެއްނުވާނު، އަވަހަށް ދެވޭނެއެއްނު... ކަމް" ސެހްރާނާއެކު އައުމަށް އޭނާ ބުނެލިއެވެ.
ދެ ޒުވާނުން އައިސް ގޭޓުން ބޭރު މަގުމަތީ މަޑުކޮށްލިއެވެ. ވާހަކައެއް ނުދައްކާ އިރުކޮޅަކު ހުރެފައި ސެހްރާނު ވާހަކަދެއްކިއެވެ. ލައިތުއަށްވީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. އޭނާ ކެންޒާއާ އެއްވެސް ގޮތަކުން ދިމާކުރިތޯ ވެސް ސެހްރާނު އެއްސެވެ. ކެންޒާ ނޫނެކޭ ބުނާހެން ބޯހޫރާލާފައި ސެހްރާނުއާ ނަޒަރު ސީދާކޮށްލިއެވެ. އަދި ކަން ހިނގިގޮތޭ ކިޔާ ކެންޒާ ކިޔާދޭން ފެށިއެވެ. ލައިތު އައީ ކޮންބޭނުމެއްގައި ކަމެއް ނޭނގޭކަމާއި އޭނާ މަސައްކަތް ނިންމާފައި ގެއަށްދާން ނުކުތްވަގުތު މީހެއްގެ ހިލަންވެގެން އެނބުރި ބަލާލީ ކަމުގައި ކެންޒާ ބުންޏެވެ. އެވަގުތު ލައިތު ވެއްޓެން ދަނިކޮށް ފެނިގެން އައީކަމެވެ. ހިމޭންވެފައި އިރުކޮޅަކު ސެހްރާނު ހުރި ގޮތުން ހީވަނީ ކެންޒާ ކިޔައިދިން ވާހަކައިން އޭނާ އެނގެން ބޭނުންވި ކަމެއް ނޭނގި އޮތީ ހެންނެވެ. އެހެންވިޔަސް ލައިތުއާއި ކެންޒާއާ ދެމެދު ހިނގައިދިޔަ ހުރިހާކަމެއް ކިޔައިދިނުމުގެ ގަސްދެއް ކެންޒާގެ ނެތެވެ.
* * * * *
ހަފްތާ ބަންދާ ދިމާކޮށް ލައިރާއާއެކު ކެންޒާ ރޭގަނޑު ބޭރަށް ނުކުތެވެ. ކެންޒާގެ ޚަރަދުގައި ދެމީހުން ކާން އައީ ކާޔާ ރެސްޓޯރެންޓަށެވެ. ކެންޒާ ކުރިން މަސައްކަތް ކުރިތަން ލައިރާއަށް ދެއްކުމުގެ ބޭނުމުގައި ވެސް މެއެވެ. ހަމައެއާއެކު ޔާފިއާ ވެސް ފެންނާނޭތީއެވެ.
ޑިއުޓީގައި އުޅުނު ސުނޭނާއަށް ކެންޒާ ފެނުމާއެކު އަވަހަށް އަތުވެއްޖެއެވެ. ވަޒީފާ ދޫކޮށްލީ ކޮންތާކުން ފުރުޞަތު ލިބިގެންތޯ އެނގެން ސުނޭނާ ބޭނުންވިއެވެ. ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންނާކަން އެނގުނަސް ސުނޭނާގެ ސުވާލުތަކަށް ހުއްޓުމެއް ނާންނާނެއެވެ. އޭނާއަކީ އެކަހަލަ ޒުވާނެކެވެ. ދިރިއުޅުމުގައި އެންމެންނާ ޚިއްޞާކުރަން ބޭނުންނުވާ ކަންކަން ހުންނާނޭކަން ސުނޭނާއަށް ނުވިސްނެނީކަމެއް ނުނީ ވިސްނަން ބޭނުންނުވަނީކަމެއް ނޭނގެއެވެ. ކެންޒާގެ ހައްލަކީ އެފަދަ ވަގުތުތަކުގައި އެ ސުވާލުތަކުން ރެކުމަށްޓަކައި ދޮގު ހެދުމެވެ. އެގޮތުން ކެންޒާ ވަޒީފާއިން ވަކިވީ ކިޔަވަން ވަގުތުނުވާތީކަމުގައި ބުންޏެވެ. އޭނާގެ ވާހަކަ އަޑުއަހަން ކުރިމަތީގައި ހުރި ގޮނޑީގައި ލައިރާ އިނީ ހެވިފައެވެ. ކެންޒާއާ ޔާފިއާ ބައްދަލުވީ ސުނޭނާ ބޭނުންވި ތަޙުޤީޤު ނިމުނީމައެވެ.
ލައިރާއަކީ ކަސްތޫރީއަށް މާމަކިޔާ ކުއްޖެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ރެސްޓޯރެންޓް މޭޒުދޮށުގައި މިރޭ އޭނާ އެ އިނީ ހަމައެކަނި ކެންޒާގެ ރަޙުމަތްތެރިއެއް ފަދައިންނެވެ. ދެމެދުގައި އެކި ވާހަކަތައް ދެކެވި ގެނައި ތަށިތަކަށް ދެމީހުން އިންސާފުކުރިއެވެ. ގެނެވުނީ ކެންޒާ ޚިޔާރުކުރި ތަށިތަކެވެ.
"ކެންޒާ ތިބުނީ މަންމަ ވެސް ނެތޭ މިކޮޅުގައި، އެހެންވީމަ ބަދަލުވާންވީނު އަހަރެމެން ގެއަށް... އަހަރެން މާމައާ ވާހަކަދައްކަފާނަން، އަހަރެންގެ އެޕާޓްމެންޓުގައި ހުންނަ ގޮތަށް އަންނާނީ" ލައިރާ ޚިޔާލެއް ފާޅުކުރިއެވެ.
"އޭރުން ކަމަކުނުދާނެ، މިހާރު މިއުޅޭ ގޮތް ރަނގަޅޭ... މަންމަ ވެސް ދެން ގިނަދުވަހެއްނުވެ މިކޮޅަށް އަތުވެދާނެ، އެހެންނޫނަސް ލައިރާގެ ހަޒްބަންޑް އަންނަން އުޅޭ ވާހަކަ ތިބުނީ، މިކަހަލަ ވަގުތެއްގައި އިތުރު މީހަކު އުޅޭންފެށީމަ ކަމަކުނުދާނެ، އޭނާ އައިސް ދުވަސްކޮޅަކު ތި ދެމީހުން އެކުގައިވަނިކޮށް ފަހަރެއްގައި ރިލޭޝަންޝިޕް ޗޭންޖްވެދާނެ" ކެންޒާ ބުންޏެވެ.
"އަހަރެން ވެސް ހިތަށް އަރާ ބަދަލުވާނެނަމައޭ..." ލައިރާ ބުނީ އުންމީދެއްނެއް ފަދައިންނެވެ.
"ސަމްޓައިމްސް މިރެކެލް ޑޫ ހެޕެން... އުންމީދު ކަނޑާނުލާބަލަ" ލައިރާ ބުންޏެވެ.
"އޭނާ ބޭނުންވަނީ އަހަންނަށްވުރެ އުމުރުން ހަގު ޒުވާން އަންހެންކުއްޖެއް، އެކަން އަހަންނަށް އެނގިއެނގި ހުރެ އުންމީދުކުރަންވީ ކޮންކަމަކަށް، ކެންއަށް ވެސް އެނގޭނީ ދިރިއުޅުމަކާ ހަމައަށް އާދެވުނީމަ، އެކަމަކު، އަހަންނަށްވީހެން އެއްވެސް މީހަކަށްނުވާން އަހަރެން އެދެނީ، ކެންއަށް އެނގޭތަ؟... އިލީއަށް ޓަކައި ވިޔަސް އޭނާ އަހަންނާއެކު ދިރިއުޅޭނެނަމައޭ ހިތަށް އަރާ، އަހަރެންދެކެ ލޯބިނުވިޔަސް އަހަންނަށް ފެންނަ ހިސާބުގައި ހުރިއްޔާ އެވަރަށް ކެތްކޮށްގެން ވެސް އަހަރެން އުޅެދާނަން... އަހަންނަކަށް ނޭނގެ އަހަރެން އޭނާ ދެކެ މިހާ ލޯބިވާންވީ ސަބަބެއް... އޯލް އައި ނޯ އިޒް އައި އޭމް ސްޓިލް މޭޑްލީ އިން ލަވް ވިތް ހިމް، ކޮންމެ ކަމެއް ވެސް އޭނާއަށް ޓަކައި ކުރާނަންކަން... ދެވަނަ އަނތްބެއްގެ ގޮތުގައި އިންނަން ވެސް އަހަންނަށް އެންމެ ރަނގަޅު" ލައިރާ ހަށިފުރާ ފިނިނޭވާއެއް ދޫކޮށްލިއެވެ.
"ކޮން އަންހެންކުއްޖެއްކަން އެނގޭތަ؟... އޭނާއަށް އެނގޭތަ ލައިގެ ހަޒްބަންޑްކަން، ދަރިއަކު ވެސް ހުރިކަން" ކެންޒާއަށް އަހާލެވުނެވެ.
"ނޭނގިއެއްނޯންނާނެ ދޯ" ލައިރާ ބުނީ ފޫހި ރާގެއްގައެވެ.
"ދިރިއުޅުމެއްގެ ތެރެއަށް ވަންނަން މަސައްކަތްކުރާ އަންހެނަކަށް ރަނގަޅުގޮތެއްނުވާނެ، ލައިރާ ދޫކޮށްލައިގެން އޭނާއަކަށް ވެސް ވަކި މޮޅުތަކެއްނުވާނެ... މޭބީ ލައިއަށް ފިއުޗަރގަ އޭނާއަށްވުރެ މާ ރަނގަޅު ފިރިއެއް ލިބެންއޮތީކަމަށް ވެސް ވެދާނެ، އިލީއާއި ލައިއަށް ކެއާކުރާ ލޯބިވާނެ މީހަކަށް އެމީހަކު ވެދާނެ" މުސްތަޤުބަލާމެދު ކުރާ އުންމީދު ފުނޑުފުނޑުވެގެންދާން ކެންޒާ ނޭދެއެވެ.
* * * * *
ގައިދޮވެގެން ނުކުމެ ނިދަން ތައްޔާރުވަމުން ދިޔަ ކެންޒާގެ ފޯނު ވައިބްރޭޓްވާއަޑު އިވި ލިޔާމޭޒު ކައިރިއަށް ޖެހިލިއެވެ. ގޮނޑީގައި ތުވާލި ހިއްކަން އަޅުވާލުމާއެކު މޭޒުމަތީ އޮތް ފޯނު ނަގައިގެން ކެންޒާ އެރީ އެނދަށެވެ. ފާރުކައިރިއަށްވާހެން އެނދުބިއްދޮށުގައި ބަހައްޓާފައި ހުރި ބެކްޕެކްގެ ތެރެއިން ހެޑްސެޓް އޭނާ ނެގިއެވެ. އޭރު އަނެއްކާ ވެސް ފޯނު ވައިބްރޭޓް ވެލައިފިއެވެ. ފޯނަށް އައީ މެސެޖެކެވެ. ކާކުކަން ދެނެގަންނަން ކެންޒާއަށް އެނގުނީ މެސެޖު ކިޔާލުމުންނެވެ.
"ލައިތު" ކެންޒާ މެސެޖު ފޮނުވާލިއެވެ. އެއާއެކު ޓެލެގްރާމުން "ކިންގު"ގެ ނަމުގައި އިން މީހަކު ލޮލް ފޭސް ފޮނުވައިފިއެވެ. ނުބުނި ނަމަވެސް އެއީ ލައިތުކަން ކެންޒާއަށް އެނގެއެވެ. އޭނާއަށް ޕެންޑާއޭ ގޮވާލީތީ ކެންޒާ ފޮނުވާލީ "ބޭބީ ފޭސް"އޭ ޖަހާފައެވެ. ކުރިމަތީގައި ބުނަން ޖެހިލުންވާ ކިތަންމެ އެއްޗެއް ފޯނުން ބުނެލުން ކެންޒާއަށް ބޮޑުކަމަކަށްނުވެއެވެ. ވާހަކައަކަށްވާ ކަހަލަ ވާހަކައެއް ދެމެދުގައި ނުދެކެވި އެކަކުއަނެކަކަށް އެއްޗެހި ކިޔުމުގައި ގަޑިއެއްގެ އިރު ފާއިތުވެއްޖެއެވެ. އެކަން އެނގިގެން ނިދަނީކަން ފުރަތަމަ ހާމަކުރީ ކެންޒާއެވެ. އެއާއެކު ފޯނަށް ކޯލު އަންނަން ފެށިއެވެ. ނަންބަރު ހޯދިގޮތެއް ކެންޒާ އޮޅުންފިލުވަން ސުވާލު ކުރަން ފެށުމުން ނުބުނަން ހުރެފައި ވެސް ކެންޒާ ފޯނު ނިއްވާލަނީއޭ ބުނި ހިސާބުން ކިޔާދިނެވެ. މުވައްޒަފުންގެ މަސައްކަތުގެ އެއްބަސްވުމުގައި އެމީހަކާ ބެހޭ މަޢުލޫމާތު ހުންނާނެއެވެ. އެގޮތުން ކެންޒާގެ ނަންބަރު ލިބުނީ އޭނާގެ މަސައްކަތު އެއްބަސްވުން ލައިތު ބެލީމައެވެ.
"ހެލޯ..." ކެންޒާ ކޯލު ނެގިގޮތަށް ބުނެލިއެވެ.
"އަހަރެން ނުބުނަމެންނު ނިދާކަށް" ލައިތުގެ އަޑު އިވުނެވެ.
"މިހާރު ރަނގަޅުވީތަ؟" ކެންޒާ އަހާލިއެވެ.
"ޕެންޑާ ނައިމެންނު އަހަރެންގެ ހާލު ބަލާކަށް" ލައިތު ބުންޏެވެ.
"ނުބުނަމެންނު އަންނާކަށް" ކެންޒާއަށް އޮވެވުނީ ހިނިއައިސްފައެވެ.
"މިގަޑީގަ އަންނަންވީނު... ދަންތަ ބަލާ" ލައިތުގެ އަޑުގައި ވެސް ހުރީ ލާނެތްކަމެވެ.
"މީ މީހުން ނިދާގަޑި... ހެނދުނުން އަހަރެންގެ މަސައްކަތަށް ދާނަން، ފެނުނިއްޔާ ގޮވާލާނަން، އެވަރު އޯކޭނު" ކެންޒާ ބުންޏެވެ.
"އެވަރު އޯކޭ ނޫނިއްޔާ؟" ލައިތު ހީނލާފައި ބުންޏެވެ.
"ދެން އެކަމުގައި ކުރެވޭނެކަމެއް ނޯންނާނެ" ކެންޒާ ބުންޏެވެ.
"ބޯއިފްރެންޑް ނުގުޅާތަ މިގަޑީގަ؟ ފޯނުބިޒީވީމަ ނައްޓާނެތަ؟" ލައިތު އަހާލިއެވެ.
"އެންމެންނަކީ ލައިތެއްނޫން" ނިކަން ހިނިއައިސްފައި އޮވެ ކެންޒާ ބުނެލިއެވެ. އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ނޫންކަން ލައިތު ގާތު އަދި ބުނާކަށް ކެންޒާ ބޭނުމެއްނޫނެވެ.
"އަހަރެން ވެސް ބޭނުމެއްނޫނޭ އެހެންމީހުންނާ އަހަންނާ އެއްވަރުވާކަށް، ދެން ބުނެބަލަ؟ ބާރަ ޖެހިއްސުރެ އަހަރެންނާ ތިވާހަކަދައްކަނީ، މިހާރު ދޭއްޖަހަނީ.... ބޯއިފްރެންޑް އެއްފަހަރު ވެސް ގުޅާނުލާތަ؟" ލައިތު އެނގެން ބޭނުންވަނީ ކޮންކަމެއްކަން ކެންޒާ ނުދެނަހުއްޓެވެ.
"އޭނާ ނެތް ރަށަކު" ލައިތުގެ މަޅީގައި ނުޖެހެންވެގެން ކެންޒާ ބުނެލިއެވެ.
"ކޮންތާކަށް ދިޔައީ؟" ލައިތު އެއްސެވެ. ކެންޒާއަށް ވިސްނާލެވުނެވެ. ލައިތު ގޮވާލުމުން ކެންޒާ ވާހަކައެއް ހަދާލިއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ހުންނަނީ ރާއްޖޭން ބޭރުގައިކަން ކެންޒާ ބުނެލިއެވެ.
(ނުނިމޭ)