ކްރީތީ ސެނަން

ފިލްމު ސެޓަށް ދާން ކްރީތީ ސެނޯން ކެތްމަދުވެފައި

ޓައިގާ ޝްރޮފް އާއެކު ކްރީތީ ސެނޯން ބޮލީވުޑަށް ތައާރަފުވިތާ މިހާރު ހަ އަހަރު ފުރިއްޖެ އެވެ. އޭނާ އާއި ޓައިގާގެ ފުރަތަމަ ފިލްމަކީ ސައްބީރް ޚާން ޑައިރެކްޓްކޮށް ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރި "ހީރޯޕަންތީ" އެވެ. ފިލްމު ރިލީޒްކުރިތާ ހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކްރީތީ ވަނީ އިންސްޓަގްރާމްގައި އެ ފިލްމުގެ ޕޯސްޓަރެއް ޝެއާ ކޮށްފަ އެވެ.

ކްރީތީ ބުނި ގޮތުގައި މިއީ ޕްރިންޓް ކޮށްގެން ނެރެނު އޭނާގެ ފޮޓޯ ހިމެނޭ ފުރަތަމަ ޕޯސްޓަރެވެ.

ފިލްމުގައި ބައިވެރިވި އެންމެންނަށް ވަކިވަކިން ކްރީތީގެ ޕޯސްޓްގައި ޝުކުރު އަދާކޮށްފައި ވެއެވެ. އަދި އަލުން އެނބުރި ފިލްމު ސެޓަށް ދެވޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ކްރީތީ ބުނެފައި ވެއެވެ.

ކްރީތީ ބުނި ގޮތުގައި އޭނާ ކުރަމުންދާ ފިލްމީ މަސައްކަތަކި އޭނާ ވަރަށް ލޯބިން ކުރާ ހިތުން ކުރާ މަސައްކަތެކެވެ. އެހެންވެ ފިލްމު ސެޓަށް ގޮސް ކެމެރާ އާ ކުރިމަތިނުލެވުމަކީ އޭނާ ވަރަށް ދެރަވާ ކަމެއް ކަން ކްރީތީ ފާހަގަ ކުރި އެވެ.
ކްރީތީގެ ޕޯސްޓަށް އޭނާގެ "ހީރޯޕަންތީ" ކޯ ސްޓާ ޓައިގާ ވެސް ވަނީ ކޮމެންޓް ކޮށްފަ އެވެ. އަދި އެ މީހުންގެ ފިލްމަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ކްރީތީ އަށް ތަހުނިޔާ ކިޔާފައި ވެއެވެ.

"ހީރޯޕަންތީ"ގެ ދެ ވަނަ ބައެއް ވެސް މިހާރު ޕްރޮޑިއުސަރު ސާޖިދު ވަނީ އިއުލާން ކޮށްފަ އެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ އަހުމަދު ޚާނެވެ. ފިލްމުގައި ޓައިގާ ބައިވެރިވާކަން ޚުދް ޓައިގާ ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ފިލްމުގައި ކްރީތީ ބައިވެރިވާ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ކްރީތީ މިވަގުތު ދެ ފިލްމެއްގެ މަސައްކަތް ފަށާފައި އެބައޮތެވެ. އެއީ "މިމީ" އާއި "ބައްޗަން ޕާންޑޭ" އެވެ.