ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބިދޭސީން ބައިތިއްބާފައި ތިބި ކަރަންޓީން ފެސިލިޓީއެއްގައި ހަމަނުޖެހުން ހިނގާ އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދީފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ އަމީން ހިޔާގައި ބިދޭސީން ބައިތިއްބާފައި ތިބި ކަރަންޓީން ފެސިލިޓީގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށެވެ. އެ ހަމަނުޖެހުމުގެ މާބޮޑު ތަފްސީލެއް ނުދީ ފުލުހުން ބުނީ ބިދޭސީގެ ބަޔަކު އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން ގޮޑި ފަދަ ތަކެތި އުކާލާފައިވާ ކަމަށް ބުންޏެވެ.
މި ހަމަނުޖެހުމާއި ގުޅިގެން މީހަކަށް އަނިޔާވެފައިނުވާ ކަމަށާ އަދި މީހަކު ހައްޔަރުކޮށްފައިވެސް ނުވާ ކަމަށް ބުންޏެވެ.
މި ހަމަނުޖެހުން ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ އަމީން ހިޔާގައި ބިދޭސީން ބައިތިއްބާފައި ތިބި ކަރަންޓީން ފެސިލިޓީގައި ހަމަނުޖެހުން ހިނގާފައިވާއިރު އެ ތަނުގައި ހާލަތާމެދު އެޗްއާރުސީއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.