ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ކޮވިޑް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލްގެ ހަ މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވް މި 58 މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1371 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރޭގެ ނިޔަލަށް 127 މީހަކު ރަނގަޅުވެފައި ވެސް ވެއެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.

މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން ވަނީ މަރުވެފަ އެވެ. އެއީ ނ. މަނަދޫން ފުރަތަމަ ކޮވިޑް ޖެހުނު މީހާ އެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އިއްޔެ އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ. ދުވަސްވީ އެ އަންހެން މީހާއަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހަކެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންގެ ހާލަތު މިމަހުގެ 28 ގެ ފަހުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ހެލްތް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ނަމަވެސް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.