ފަލަސްތީނުގެ ގާޒާގައި ކޮވިޑް-19 އިގެ ކޭސްތައް ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި އިތުރުވެފައިވާއިރު، އެ ބަލި ޖެހިގެން ފުރަތަމަ މަރު ގާޒާގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފި އެވެ.
މަރުވެފައިވަނީ 77 އަހަރުގެ އަންހެނެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު، މިސްރާއި އިޒްރޭލު ގުޅޭ ބޯޑަރުތައް ބަންދުކޮށްގެން ގާޒާގައި އެ ބަލި ފެތުރުން އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ.
ނަމަވެސް، ފާއިތުވި ދުވަސްތަކުގައި، މިސްރުގައި ތާށިވެފައިތިބި 1،500 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ އަނބުރާ އައުމުގެ ހުއްދަ ދީފަ އެވެ. އަދި އިޒްރޭލު ބޯޑަރު ހުރަސްކޮށް އެ މީހުން ވަނީ އެތެރެވެފަ އެވެ.
އެނބުރި އައި ހުރިހާ މީހުން އެކަހެރިކޮށްފައިވާއިރު އޭގެ ތެރެއިން 35 މީހުން އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަރަންޓީނަށް ދިއުމުގެ ކުރިންނާއި ކަރަންޓީނު ސެންޓަރުތަކުގެ ތެރޭގައި އެނބުރި އައި މީހުން އެއްކޮށް އުޅެފައިވާތީ އިތުރު މީހުނަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑެވެ.
އަދި ކަރަންޓީނަށް ދިއުމުގެ ކުރިން، ގާޒާގައި ދިރިއުޅޭ އިތުރު މީހުނާ ބައްދަލުވެފައިވޭތޯ ބަލަމުން އަންނަކަމަށްވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.
ގާޒާގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވެފައިވަނީ، އެ ބަލި ފެތުރުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ސިއްހީ ނިޒާމު ބަލިކަށިވެ، ފަގީރުންގެ އަދަދު އިންތިހާއަށް ބޮޑު ގާޒާގައި ކޮވިޑް-19 ފެތުރިގެން ހިނގައްޖެނަމަ އިންސާނީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު ބޮޑުކަމަށް އދ. އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.