ހަބަރު

ބެންކޮކް އެކްސިޑެންޓުގައި ހާލު ދެރަވި މީހާ މަރުވެއްޖެ

ތައިލެންޑުގައި މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ދިވެހި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ ސ. ހުޅުދޫ އަހުމަދު ސައީދު އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަހުމަދު ސައީދު އާއި އިތުރު ދެމީހަކު އެއާޕޯޓުން އެނބުރި ހޮޓަލަށް ދިޔަ މަގުމަތީގައި އެމީހުން ތިބި ކާރުގެ ޑްރައިވަރަށް ނިދިޖެހިގެން ކާރު ފުރޮޅާލައިގެންނެވެ. މިހާދިސާގައި މި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ހާލު ސީރިއަސްވީ އަހުމަދު ސައީދުގެ އެކަންޏެވެ.

އާއިލާގެ ފަރާތުން އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓަށްފަހު އަހުމަދު ސައީދު އަށް ފަރުވާދެމުންދިޔައީ ބެންކޮކްގައި ކަމަށާއި އޭރުއްސުރެން ހާލު ސީރިއަސްވެ ކޯމާއަކަށް ދިޔަ ކަމަށެވެ. އަދި މަރުވެފައިވަނީވެސް ހޭނާރާ އޮއްވާ ކަމަށްވެސް ބުންޏެވެ.

އަހުމަދު ސައީދު މަރުވީ ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާތާ ފަސް މަސްވީފަހުންނެވެ. އެކްސިޑެންޓް ހިނގި އިރު އޭނާ އިނީ ކާރު ފަހަތުގަ އެވެ. އެކްސިޑެންވުމާއެކު އޭނާގެ ބޮލާއި ކަރަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެގޮތުން އޭނާގެ ކަރު ބިންދައިގެންގޮސް ވަނީ ޕެރެލައިޒްވެފަ އެވެ.