އެކްޓަރު ރާނާ ދަގުބަތީ އާއި މިހީކާ ބަޖާޖްގެ ރޯކާ (އެންގޭޖްމަންޓް) ސެރެމަނީ މޭ 21 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އަދި ރާނާގެ ފޭނުން މިކަމާ ސޯޝަލް މީޑިއާގައި ދަނީ އުފާ ފާޅުކުރަމުންނެވެ. އެންގޭޖްވުމަށްފަހު ރާނާ އާއި ވާން އުޅޭ އަނބިމީހާ މިހީކާ ވަނީ އިންސްޓަގްރާމް ލައިވް ސެޝަންއެއް ބާއްވާފަ އެވެ. މި ސެޝަން ހޯސްޓްކުރީ ބަތަލާ-ޕްރޮޑިއުސަރު ލަކްޝްމީ މަންޗޫ އެވެ.
އިންސްޓަގްރާމް ލައިވް ސެޝަންގައި ފޭނުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ރާނާ ވަނީ ހަޔާތުގެ ބައިވެރިޔަކަށް މިހީކާ ޚިޔާރު ކުރި ސަބަބު ވެސް ކިޔައިދީފަ އެވެ.
މި ސެޝަން އިތުރަށް ޝައުގުވެރިކޮށްލުމުގެ ގޮތުން ސެޝަން ހޯސްޓް ލަކްޝްމީ މަންޗޫ ވަނީ އޭނާގެ އެންގޭޖްމަންޓާ ދޭތެރޭ ކުރީގެ ލޯބިވެރިން ދެކެނީ ކިހިނެއްތޯ ސުވާލު ކޮށްފަ އެވެ.
ރާނާ ބުނީ އޭނާއަށް ރައްޓެހިންނާއި ކުރީގެ ލޯބިވެރިންގެ މެސެޖުތައް ލިބެމުންދާ ކަމަށާއި ހުރިހާ އެންމެން ވެސް އޭނާގެ އެންގޭޖްމަންޓާ ދޭތެރޭ އުފާކޮށް ތަހުނިޔާ ކިޔާފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ އެންމެން ވެސް ވަރަށް ހައިރާންވި އަހަރެންގެ މި ނިންމުމާ. ނަމަވެސް މިހީކާ އާ ކައިވެނިކުރަން އަހަރެން ބޭނުންވާކަން އެނގުމުން އުފާކޮށް ތަހުނިޔާ ކީ. ސަބަބަކީ އެކުވެރިންގެ ހައިސިއްޔަތުން އަހަރެން ކައިވެނި ކުރާތަން ދެކެން އެމީހުން ބޭނުންވެފައި ތިބީމަ،' ރާނާ ބުންޏެވެ.
ސައުތު އިންޑިއާ ބަތަލާ ޓްރީޝާ އާއި ރާނާ ރައްޓެހިވެގެން ގިނަ ދުވަސްތަކަކު އުޅުމަށްފަހު ރުޅިވީ ވަރަށް ފަހުންނެވެ.
"ކޮފީ ވިތު ކަރަން" ޝޯގައި ކަރަން ޖޯހަރް ކުރި ސުވާލަކަށް ޖަވާބު ދެމުން ރާނާ ވަނީ ޓްރީޝާ އާ ރުޅިވާން ޖެހުނު ސަބަބު ކިޔައިދީފަ އެވެ. ރާނާ ބުނީ ޓްރީޝާ އާއި އޭނާގެ އެކުވެރިކަން އޮންނަތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން މާ ގިނަ ދުވަހު ނޫޅެވުނު ކަމަށެވެ.
އިންސްޓަގްރާމް ސެޝަންގައި ރާނާ ކިޔައިދިން ގޮތުގައި މިހީކާ އާއި އޭނާގެ އާއިލާއިން ކައިވެނީގެ އިންތިޒާމްތައް ހަމަޖައްސަން ބޭނުންވި ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ލޮކްޑައުން ކޮށްފައިވާތީ ވަކި ދުވަހެއް ހަމަ ނުޖެއްސިގެން އުޅޭ ކަމަށެވެ.
ރާނާ ބުނީ މިހީކާ އަކީ އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި ދެ މީހުން ކައިވެނިކުރަން ނިންމީ ލޮކްޑައުންގެ ތަންކޮޅެއް ކުރިން ކަމަށެވެ.
ރާނާގެ ބައްޕަ ސްރޭޝް ބާބޫ ބުނި ގޮތުގައި އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރެވޭނެ ގޮތްތަކެއް ހަމަޖެހޭތޯ އާއިލާއިން ދަނީ ބަލަމުންނެވެ.