ލައިފްސްޓައިލް

ރޭވުމަކުން ހަރުފައެއް ވިހަ ލައްވައިގެން އަންހެނުން މަރާލައިފި

އަމިއްލަ ކޮޓަރީގެ އެނދުގައި ނިދާފައި އޮއްވާ ހަރުފައެއް ވިހަލައިގެން 25 އަހަރުގެ ޒުވާން އަންހެނަކު މަރުވުމުން މި މަރުގެ ފަހަތުގައި ވަރުގަދަ ރޭވުމެއް އޮވެދާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެ އެވެ. އުތުރާ ނަމަކަށް ކިޔާ މި އަންހެންމީހާގެ މައިންބަފައިން ކައިރީގައި އެހިސާބުގަނޑުގެ މީހުން ބުނީ އަންހެންމީހާއަށް ހަރުފަ އަވަލުމުގެ ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށާއި ހަރުފަ އޭނާ ގަޔަށް ވިހަލީ އެހެންވެ ކަމަށެވެ.

މީހުންނަށް މިގޮތަށް ގަބޫލު ކުރެވުނީ އެއް މަސް ތެރޭ އުތުރާ އަށް ދެ ފަހަރެއްގެ މަތިން ހަރުފައިގެ ހަމަލާ ކުރިމަތިވެފައިވާތީ އެވެ. އަދި އެ ވެސް އޭނާ ގޭތެރޭގައި އުޅެނިކޮށެވެ.

އެންމެ ފުރަތަމަ އުތުރާ އަށް ހަރުފަ ހަމަލަ ދިނީ މިދިއަ މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ. އޭރު އޭނާ ހުރީ އިންޑިއާގެ އަދޫރް ނަމަކަށް ކިޔާ އަވަށެއްގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގަ އެވެ.

ހަރުފަ ވިހަލަމުން އުތުރާ ހަޅޭއްލަވާ އަޑަށް އޭނާގެ ފިރިމީހާ އައިސް ހަރުފަ ދުރަށް ލައި އުތުރާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހަރުފަ ވިހައިގެ ސަބަބުން އުތުރާ ހޭނެތި އެ ފަހަރު ވެސް ވަރަށް ހާލު ބޮޑުވި އެވެ. ހޮސްޕިޓަލުގައި ދެ ތިން ދުވަހު ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އުތުރާ ދިޔައީ އޭނާގެ އެއް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އަންޗަލް ކޯލަމްގައި ހުންނަ އޭނާގެ މައިންބަފައިންގެ ގެޔަށެވެ.

އޭނާ ގޭގައި ހުއްޓާ ފިރިމީހާ ސޫރަޖް އޭނާ އާ ބައްދަލުކުރަން އަންޗަލް ކޯލަމްގައި އުތުރާ ހުރި ގެޔަށް އައެވެ. ފިރިމީހާ އައި ދުވަހާ ޖެހިގެން އައި ދުވަހު އަނެއްކާވެސް އުތުރާގެ ގަޔަށް ހަރުފަ ވިހަލި އެވެ. މި ފަހަރުވެސް އޭނާގެ ކޮޓަރީގައި ނިދާފައި އޮއްވަ އެވެ. މިފަހަރު އޭނާ ގަޔަށް ވިހަލީ ވިހަގަދަ ނާގަހަރުފަ އެކެވެ.

ހަރުފަ ވިހަލުމުގެ ސަބަބުން އުތުރާ މަރުވީ ނިދީގައި އޮވެ އެވެ. ހެނދުނު އުތުރާ ނުހޭލައިގެން އޭނާގެ މަންމަ އޭނާއަށް ގޮވަން ދިޔައިރު ޚަބަރުނެތިފައި އޭނާ އޮއްވާ ފެނުނެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން ހަރުފައެއް ވިހަލުމުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އުތުރާ ނިދި ކޮޓަރި ހޯދިއިރު އެ ތަނުން ހަރުފަ ފެނުމުން ބަޔަކު މީހުން ވަނީ އެ ސޮރު މަރާލާފަ އެވެ.

އުތުރާއަށް ހަރުފަ އަވަލައިގެން އެ ސޮރު ވިހަލައިގެން މަރުވީކަމަށް އޭނާގެ މައިންބަފައިންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަދި އުތުރާގެ މަރުގައި ކޮންމެވެސް ކަހަލަ ގޮތްނޭނގޭ ކަންތައްތަކެއް ވާކަމަށް އެމީހުންނަށް ޔަގީން ކުރެވުނެވެ.

ހަރުފަ ވިހަލީ ވަގުތު އުތުރާގެ ކައިރީގައި ނިދާފައި އޮތް ސޫރަޖް ދެއްކި ވާހަކަތައް އުތުރާގެ މައިންބަފައިންނަށް ގަބޫލުކުރަން ދަތިވި އެވެ. ސޫރަޖް ބުނީ ހަރުފަ ވަނީ ހުޅުވާފައިހުރި ކުޑަ ދޮރަކުން ކަމަށާއި ހަރުފަ ވަދެގެން އައިސް އުތުރާގެ ގަޔަށް ވިހަލީ ކަމަށެވެ.

އުތުރާގެ މައިންބަފައިން ބުނެފައިވަނީ އެ ކޮޓަރިއަކީ އޭސީ ކޮށްފައިވާ ކޮޓަރިއަކަށް ވާތީ ކުޑަދޮރު ހުޅުވާފައި ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ހަރުފައިގެ ތަޖުރިބާކާރުން ބުނަނީ ހަރުފަ ކޮޓަރިތެރެއަށް ވަން ނަމަވެސް އެ ސޮރަށް އެހެން މީހެއްގެ ފަރާތުން ބިރެއް ކުރިމަތިނުވާނަމަ ވިހަ ނުލާނެ ކަމަށެވެ.

އުތުރާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި ހަރުފަ ވިހަލައްވައިގެން އުތުރާ މަރާލީ އޭނާގެ ފިރީމީހާ ސޫރަޖް އެވެ. އެއީ އުތުރާގެ މުދަލުގެ ދަހިވަތިކަމުގައި އޭނާގެ ފިރިމީހާ ކުރި ކަމެއް ކަމަށް އާއިލާއިން ގަބޫލު ކުރެ އެވެ.

ކައިވެނިކުރިއިރު އާއިލާއިން އުތުރާއަށް ދިން ރަނުގެ ގަހަނާތައް ސޫރަޖް ވިއްކާ ހުސްކޮށްފައިވާ ކަމަށާއި އަދި ފައިސާ އަތުލަން އޭނާ އުތުރާއަށް ވަރަށް އަނިޔާކުރާ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

އުތުރާގެ އާއިލާއިން ފުލުހުންނަށް ޝަކުވާ ހުށަހެޅުމުން ސޫރަޖް ހާޒިރުކޮށް ސުވާލު ކުރުމުން ވަރަށް ނުބުނަން ވަރުދައްކާފައި އެންމެ ފަހުން އުތުރާ މަރާލިކަމަށް ވަނީ އެއްބަސް ވެފަ އެވެ.

ފުލުހުން ވަނީ މިކަމާ ގުޅޭ ހެކިތައް ވެސް މިހާރު ހޯދާފަ އެވެ. އެގޮތުން ސޫރަޖްގެ އޮންލައިން އެކްޓިވިޓީޒްތަކުން ހަރުފަ އާއި ހަރުފަ ވިހަލުމާ ގުޅޭ ގިނަ ވީޑިއޯތަކެއް ބަލާފައި ހުރިކަން ހާމަވެފައިވާ ކަމަށް ވެއެވެ.

އަދި ހަރުފަ ހިފައިގެން ވިއްކާ މީހަކަށް ވަރަށް ގިނަ ފަހަރަށް ސޫރަޖް ގުޅާފައިވާ ކަން އޭނާގެ ފޯން ރެކޯޑްތަކުން ވެސް ދައްކާ ކަމަށާއި އަދި ފަހުން އެ ހަރުފަ ވިއްކާ މީހާ އާ ސުވާލުކުރުމުން ސޫރަޖް އަށް ހަރުފަ ވިއްކި ކަމަށް އެ މީހާ ވެސް އެއްބަސް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް ސޫރަޖް ހަރުފަ ގަންނަނީ ކީއްކުރަން ކަން އެ ވިއްކި މީހާ އަށް ނޭނގޭ ކަމަށް އެމީހާ ބުނެފައި ވެއެވެ.

އަންހެނުން މަރާލިކަމަށް އެއްބަސްވަން ސޫރަޖް ދިން ބަޔާނުގައި ބުނެފައިވަނީ އަންހެނުން މަރާލަން ވިސްނައި އެކަން ރާވަމުންދާތާ ފަސް ވަރަކަށް މަސް ވެއްޖެ ކަމަށާއި އެގޮތުން 10،000 ރުޕީސް އަށް ދެ ހަރުފަ ގަން ކަމަށް ވެސް އޭނާ އެއްބަސްވި އެވެ.