އިންސާފުވެރި ފަނޑިޔާރުގެއަކީ މިހާރު ވެރިކަން ކުރާ، އެމްޑީޕީގެ އަބަދުގެ ވެސް ވައުދެކެވެ. އެމްޑީޕީގެ ބަހުން ނަމަ އެއީ އެ ޕާޓީގެ އެންމެ ބޮޑު ވައުދެވެ. އެއީ ދިވެހިން އެންމެ ބޮޑަށް ބޭނުންވާ އެންމެ އެދިއެދި ތިބި ކަންތައް ވެސް މެއެވެ. ފަނޑިޔާރުގެ އިންސާފުވެރި ކުރުމުގެ ވާހަކަ ލައްކަ ދުވަހު، ލައްކަ ތަންތާނގައި އެމްޑީޕީން ދައްކައިފި އެވެ. އިންސާފުގެ ދަތުރެއް ކޮށްފި އެވެ. އިންސާފުގެ ހަރުގެ ހަދައިފި އެވެ. އިންސާފު ހޯދައިދިނުމުގެ ނަމުގައި އެތައް ދުވަހަކު ހެންވޭރުކޮޅުގައި ކޭމްޕް ޖަހައިގެން ވެސް ތިއްބެވެ. އީވާން ނަސީމާއި ހުސެއިން ސޮލާހުން ފެށިގެން ގޮސް ނޫސްވެރިޔާ ރިލްވާން އަދި ފަހުން ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުމުގެ ވާހަކައަކީ ކޮންމެ އިންތިހާބަކާ ދިމާކޮށް އެމްޑީޕީން ދެއްކި ވާހަކަތަކެވެ.
ރައީސް ނަޝީދުގެ ވެރި ކަމުގައި އެންމެ ފަހުން ދެއްވި ރޭޑިއޯ ހިތާބުން ކުޑަ ތަންކޮޅެއް ފާހަގަކޮށްލާނަމެވެ. އެއީ 2012 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިމުން އިސްތިއުފާ ދެއްވުމުގެ ހަތަރު ދުވަސް ކުރިންނެވެ.
"އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ހިއްސާ ނުވާ ގޮތަށް، ހަމަ ކުރީގައި ވެސް ބައްޓަން ކޮށްފައިވާ ގޮތަށް. މިކަމާ ދެކޮޅުހަދާ ހެޔޮލަފާ ދިވެއްސަކު އުޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ތިންބާރު ވަކިން އޮތް ނަމަވެސް، ދައުލަތުގެ އެންމެ މުހިންމު އެއްބާރު އަދިވެސް މިއޮތީ ނުކުޅެދޭ ހާލަތެއްގައި. މަދު ބައެއްގެ ބާރާއި ނުފޫޒުގެ ދަށުގައި. މިކަމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާމެދު ވިސްނާ ފިކުރުކޮށް، ފިޔަވަޅު ނާޅާ ހުރެވިދާނެ ވަރަށްވުރެ، މާ ގައުމީ މައްސަލައެއް ކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،"
އެ ދުވަހު ވެސް، އަދި އޭގެ ކުރިން ވެސް ރައީސް ނަޝީދު ދެއްކެވި އެންމެ މުހިއްމު އެއް ވާހަކަފުޅަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދެއްވުމުގެ ވާހަކަ އެވެ. ފަނޑިޔާރުގޭގެ ކަންތައް ހުރި ގޮތުގެ މާ ބޮޑު ތަފްސީލަކަށް ނުދިޔައަސއް އެތަން އޮތް ހާލަތު އެންމެންނަށް ވެސް ފަރިތަވާނެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމާއި، ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ ވާހަކައަކީ އެންމެ ހިތު ދަސް ކަންކަމެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހުވައި ކުރެއްވުމާއެކު، ޖަލުގައި ތިބި ސިޔާސީ ލީޑަރުންތައް މިނިވަން ވެގެން ނުކުތް ހުކުމްތައް އެންމެންނަށް ވެސް އެނގޭނެ އެވެ. އެއީ، ރާއްޖޭގެ ފަނޑިޔާރުގެ އޮތް ލެވެލް އެނގިގެންދާ މަދު ހާދިސާތަކެވެ.
އެފަދަ ކަންކަމުގެ ހައްލެއްގެ ގޮތުގައި އެމްޑީޕީއިން ކުރިއަށް ނެރުނީ އެޖެންޑާ 19 އެވެ. އެ އެޖެންޑާ 19 ރައްޔިތުން ބަލައިގަތީ، ހުދު އެމްޑީޕީން ވެސް ހީކުރި ވަރަށްވުރެ ބޮޑަށެވެ. މިއަދު އެޖެންޑާ 19 އާއެކު ހުވާކުރި މަޖިލިސް 19 އަށް އަހަރުވީ އެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އޮތް އެއްޗަކާއި އެކަމުން ހާސިލުވި އެއްޗެއް ބަލައިލަން މިއީ އެންމެ ރަނގަޅު ވަގުތެވެ.
އެމްޑީޕީގެ ހަލުއި ސްޕީޑުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބަދަލުކޮށްލީ އެޖެންޑާ 19 އަށް ރައްޔިތުން ދިން ފަސްދޮޅަސް ފަސް ގޮނޑީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައިގެންނެވެ. ސީދާ ރައީސް ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގައި އިންނަވައިގެން އެ ކުރެއްވީ ރައްޔިތުން ބޭނުންވެފައި އޮތް ކަމެކެވެ. އެކަމަކު، ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ފަސް ފަނޑިޔާރުން ބަދަލުކޮށްލުމުން އިންސާފުވެރި ފަނޑިޔާރުގެ އެއް ލިބުނީތޯ އެވެ؟ އިންސާފުގެ ދަތުރު ނިމުނީތޯ އެވެ؟ އެއީ މިއަދުގެ ސުވާލެވެ.
ފިޝަރީޒް މިނިސްޓަރު ހައްދަވަން ޖެހޭ ގަވާއިދެއް ނުހައްދަވައި އޮވެގެން އެކަމަނާ މަސްއޫލިއްޔަތު އަދާ ނުކުރައްވަނީ ކަމަށް މަޖިލީހުން ނިންމި އެވެ. ތެދެކެވެ. ކަމެއް ނުކޮށް ގޮނޑި ހޫނު ކުރައްވަން ތިއްބަވާނަމަ އެގޮތަށް ވެސް ނިންމަންވީ އެވެ.
ސުވާލަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސްއޫލިއްޔަތު އޮތް ފަރާތްތަކަށް ރައްޔިތުން އުއްމީދުކުރި ސްޕީޑުގައި އެ މަސްއޫލިއްޔަތު އެބަ އަދާ ކުރެވޭބާވަ އެވެ؟ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަމުގައި މަޖިލީސް ނަވާރައިން ކަނޑައެޅި އަދަދު ހަމަ ނުވެ އޮންނަތާ އެތައް ދުވަހެއްވީ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަން ކުރަން ގާނޫނުގައި ބުނެފައި އޮންނަތާ އެތައް މަހެއްވީ އެވެ. ނުވެ އެވެ. ވާނެ ދުވަހެއް ވެސް ނޭނގެ އެވެ.
ހައިކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ އެތައް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހުއްޓިފައި އެ އޮތީއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފަނޑިޔާރުން އަދިވެސް އެތިބީ މަގާމުތަކުގަ އެވެ. އެތައް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ހުއްޓި، އޭނާއާމެދު އަޅާނެ ފިޔަވަޅެއް ނޭނގި ތިބޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އެކަމަކު، ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިންގެވި ގާޒީ، އަހުމަދު ހައިލަމް ބޭރު ކޮށްލުމަށް ނެގީ އެންމެ ދެތިން ދުވަހެވެ.
އެންމެންގެ ވެސް އުއްމީދަކީ މި ސަގާފަތް ބަދަލު ކުރުމެވެ. އެޖެންޑާ19 އިގެ ރޫހަކީ ވެސް އެއީ ނޫން ހެއްޔެވެ؟ އެކަމަކު، ފެންނަ މަންޒަރުން ސިފަ ވަނީ އިހްލާސްތެރިކަމާއެކު އެކަންކަން ބެލުމުގެ ބަދަލުގައި އަމިއްލަ ފައިދާއެއް އޮތިއްޔާ ނޫނީ ގާނޫނުން ލިބިދީފައި އޮތް ބާރު ބޭނުން ނުކުރާ މަންޒަރެވެ.
މަޖިލީހުގެ ކޮމިޓީތައް ބާއްވައިގެން ބަލަންވީ އަބްދުﷲ ރިޔާޒަށް ތިމަރަފުށިން މާލެއަށް އާދެވުނު ގޮތާއި އޭނާ މާސްކް އަޅުއްވައިގެން އިންނެވީ ރަނގަޅަށްތޯ އެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އިންސާފެވެ. އިންސާފުވެރި ފަނޑިޔާރުގެއެކެވެ. މެނިފެސްޓޯގައި ސާފު ބަހުން ލިޔެފައި އޮތީ ޑިޕާޓެމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ މިނިވަން ކަމާއި އެކު ހިނގާ ތަނަކަށް ހަދާނެ ވާހަކައެވެ. ހައިކޯޓުގެ އުތުރާއި ދެކުނު ގޮފި އުވާލާނެ ވާހަކަ އެވެ. ރަޖިސްޓްރާ މިނިވަންކޮށް ބާރުތަކެއްދޭ ވާހަކަ އެވެ. ޑިސްޓްރިކްޓް ކޯޓުތައް ހަދާ ވާހަކަ އެވެ. އިސްތިއުނާފުގެ މުއްދަތައް ގެންނަ އިސްލާހުގެ ވާހަކަ ވެސް ހަމަ އޮތީ އެވެ. ފަނޑިޔާރުންގެ ފެންވަރު ބެލުން ވެސް އެހާ ދިގުލައިގެން ދަނީ އެވެ.
މަޖިލީހުގެ މެޖޯރިޓީ ސާފުކޮށް ލިބުނުތާ އަހަރެއްވެ، ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ބަދަލުވި ފަހުން މި މިކަންކަން ކުރަން ވޭތުވެ އެ ދިޔައީ ކުރު މުއްދަތެއް ނޫނެވެ. ވައުދުވީ ކަންތައްތައް އޮތްތާ އޮތީ އެވެ. އެމްޑީޕީން ކީހާ ޅެން ފަރިއްސަވެ ނިމުނީ ނޫންހޭ ސުވާލު އުފެއްދުމުގެ ފުރުސަތު އެ ޕާޓީން އެ ދެނީ އެވެ. އެޖެންޑާ ނަވާރައަކީ ބިލާހަކަށް ވަނީ އެވެ. މަޖިލިސް ނަވާރައަށް، ޝަރުއީ ދާއިރާއިން މާކްސް ދޭ ނަމަ މިވަގުތު ދޭނީ ސަތޭކައަކުން ސާޅީހެވެ. އެއީ ޑީ ރިޕޯޓެކެވެ.