ފިނިޕޭޖް

ތުންފަތް ބޮޑު ކުރެވުމުން ހިތްހަމަނުޖެހޭ: ސާރާ ޚާން

"ސަޕްނާ ބާބުލް ކާ ބިދާއީ" ގައި ލީޑް ރޯލު ކުޅުނު ސާރާ ޚާން އޭނާގެ ތުންފަތް ބޮޑު ކުރަން ހެދި ކޮސްމެޓިކް ޕްރޮސީޖާއެއް ހީކުރި ގޮތާ ޚިލާފަށް ގޯސްކޮށް ދިޔަ ކަމަށް އެއްބަސް ވެއްޖެ އެވެ. މިހާރު އޭނާ މިކަން ސިފަ ކުރަނީ "ބޮޑު ކާރިސާ" އެއްގެ ގޮތުގަ އެވެ.

ސާރާ ބުނީ ތުންފަތް ގުދުރަތީ ގޮތުން ހުރި ގޮތާ އޭނާ ހިތްހަމަ ނުޖެހޭތީ ތުންފަތް ބޮޑު ކުރަން ކޮސްމެޓިކް ޕްރޮސީޖާއެއް ހެދި ކަމަށެވެ. އަދި އޭނާ ހީކުރީ އެކަމުން އޭނާގެ ރީތިކަން އިތުރު ވެގެން ދާނެ ކަމަށެވެ. ނަމަވެސް ކަންވީ އޭނާ ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. އޭނާގެ ތުންފަތް ބޮޑުވެ އޭނާގެ ރީތި ސިފަ މުޅިން ވަނީ ގެއްލިފަ އެވެ. އަދި ލަދުން ގޮސް މިހާރު އޭނާއަށް މީހުންގެ ތެރެއަށް ނުކުމެ އުޅެން ވެސް ވަނީ އުނދަގޫވެފަ އެވެ.

ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއު އެއްގައި ސާރާ ވަނީ އޭނާގެ ސިފަޔަށް ގެންނަން އުޅުނު ބަދަލު މޅިން ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް އެއްބަސްވެފަ އެވެ.

ސާރާ ބުނީ އޭނާގެ ސިފަ ބަދަލު ކުރަން ބޭނުންވީ "ބިދާއީ" ގައި އޭނާ ކުޅުނު ސާދްނާގެ ކެރެކްޓާގައި އަބަދު ހުންނަން ބޭނުން ނުވާތީ އެވެ. އެހެންވެ ސާރާ ޚާންގެ އަމިއްލަ އައިޑެންޓިޓީއެއް ދެއްކުމުގެ ގޮތުން އޭނާ ސިފަޔަށް ބަދަލު ގެންނަން ނިންމީ އެވެ.

ސާރާ ހީކުރީ ބެލުންތެރިން އޭނާގެ ކެރެކްޓާ ބަލައިގަތް ގޮތަށް ސާރާ ޚާންގެ ގޮތުގައި ވެސް ބަލައިގަންނާނެ ކަމަށެވެ.

"އަހަރެން އެހާ ބޮޑަކަށް ސިފަޔަށް ބަދަލު ގެންނާކަށް އޭރަކު ނުވިސްނަން. އަހަރެން ސަމާލުކަން ދިނީ ފިޓްކޮށް ހުރުމަށް. އަހަރެންގެ މޫނަށް ވެސް ބަދަލެއް ނުގެންނަން. އަހަރެން މިހިރީ ކުރިން ވެސް ހުރި ގޮތަށް. އަހަރެން ލިޕް ފިލާ އެއް ހެދިން. އަދި އެކަން ދިޔައި ވަރަށް ހިތްހަމަނުޖެހޭ ގޮތަކަށް. އެއްގޮތަކަށް ވެސް އަހަރެން މޫނަކާ ތުންފަތަކާ މިހާރު ނުގުޅޭ. އެންމެ ފުރަތަމަ އަހަރެންގެ ތުންފަތް ހުރި ގޮތާ ހިތްހަމަނުޖެހޭތީ އަހަރެން ތުންފަތް ބޮޑުކުރީ. ނަމަވެސް މިހާރު ހުރި ގޮތަކާ ވެސް ހިތްހަމަނުޖެހޭ،" ސާރާ ބުންޏެވެ.

ސާރާ ތުންފަތް ބޮޑުކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިދިޔަ އަހަރު އެވެ. އެއާއެކު ގިނަ ބަޔަކު އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ކޮމެންޓްތައް ކޮށްފައި ވެއެވެ. ބައެއް މީހުން ބުނީ ހީވަނީ ތުންފަތަށް ކުޅަނދުރެއް ކަށިޖަހާފައި ހުރި ހެން ކަމަށެވެ.

ސާރާ ބުނީ މަޝްހޫރު މީހަކަށް ވުމުން މީހުންގެ ލޯބި ލިބޭ ގޮތަށް މަލާމާތް ވެސް ރައްދުވާނެކަން ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ ރަނގަޅު މީހުން އުޅޭ ގޮތަށް ގޯސް މީހުން ވެސް އުޅޭތީ އެވެ. ކުރިން މީހުން މަލާމާތް ކުރުމުން ވަރަށް ދެރަވެގެން އުޅުނު ކަމަށާއި ނަމަވެސް މިހާރު އެކަމާ އެހާ ބޮޑަށް ނުވިސްނާ ކަމަށް ސާރާ ބުންޏެވެ.

"ބިދާއީ"ގެ އިތުރުން "ޕްރީތު ސޭ ބަނދީ ޔޭ ޑޯރީ ރާމް މިލާޔީ ޖޯޅީ" އާއި "ސަސުރާލް ސިމަރް ކާ" އަދި "ބާގްޔާލަކްޝްމީ" ގައި ސާރާ ވަނީ މުހިއްމު ރޯލުތަކެއް ކުޅެފަ އެވެ. އަދި މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހަތަރު ވަނަ ސީޒަންގައި ވެސް ސާރާ ބައިވެރިވި އެވެ.