ވާހަކަ

ހިމޭންކަން (ފުރަތަމަ)

(ފުރަތަމަ ބައި)

ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށެވެ. ބަލަން ހުރެވޭނީ ވެސް ވަކި މިންވަރަކަށެވެ. ފިކުރުތަކުގައި އޮބިއަޅައިގެން ހުރެވޭނީ ވަކި ވަރެއް ވަންދެންނެވެ. ހިމޭންކަމަކީ މަރުގެ ތުންފަތަށް މީހާ ވައްޓައިލާ ހަތިޔާރެކޭ މީހުން ބުނެއެވެ. އަހަންނަށް ފިކުރު މި ކުރެވެނީ އެހެންވީމައެވެ. ވިސްނެނީ އެހެންވީމައެވެ. ނުބަލަން ހުއްޓަސް ބެލޭނީ ވެސް އެހެންވީމައެވެ. ފިކުރު ނުކުރަން ހުއްޓަސް ފިކުރު ކުރެވޭނީ ވެސް އެ ސަބަބާ ހެދިއެވެ. ކިތައްމެ ނޫން ކަމަށް ހެދުނަސް މައިންގެ ލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. ދަރިން ކިތައްމެ ބޮޑު ވިޔަސް މައިމީހާއަށް ދަރިން ބޮޑެއް ނުވާނެއެވެ. ހިމޭންކަމުގެ ތެރެއަށް ދަރިއަކު ގެއްލި ހަނާވަންދެން ބަލާކަށް ކެތެއް ނުކުރެވޭނެ އެވެ.

"ދަރިފުޅާ. ދަރިފުޅާ ދޮރު ހުޅުވާލަބަލަ." ދެތިން ފަހަރު ޓަކި ޖަހައިލުމުން ވެސް އަބާން ދޮރެއް ނުހުޅުވިއެވެ.
އަހަންނަށް މަޑުމަޑުން ދޮރުފަތުގައި ނިތްކުރި ޖައްސައި ލެވުނެވެ. ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ސޮހިގެން ދިޔައެވެ. ދެ ފަހަރަކު ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ހިތްވަރުކޮށްފައި އަނެއްކާ ވެސް ދޮރުގައި ޖަހައިލީމެވެ.

"އަބާން، ދަރިފުޅާ ދޮރު ހުޅުވާލަބަލަ." ރޮވިފައިވާ އަޑަކުން އަހަންނަށް ދެ ފަހަރަކު ގޮވާލެވުނެވެ.

އެތެރެއިން ތަޅުގައި އަތް ޖައްސައިލި އަޑު އިވުނެވެ. އަހަރެން ކުޑަކޮށް ދުރަށް ޖެހިލަމުން އަތުގެ ނުފުށުން ކޯތާފަތް ފޮހެލީމެވެ. ނޭފަތް އެތެރެއަށް ދަމައިލަމުންނެވެ. ލުއި ގޮތަކަށް ހިނިތުންވެވޭތޯ ބެލީމެވެ.

އަބާން ދޮރު ހުޅުވާލިއެވެ. އޭނާއަށް ބަލައިލެވުނީ ސީދާ އަހަރެންގެ މޫނަށެވެ. ދެ ލޮލަށެވެ.

"ދަރިފުޅު ބަނޑުހައި ވެސް ނުވަނީތަ؟" އަހަންނަށް ވެސް ބަލައިލެވުނީ އަބާންގެ ދެ ލޮލަށެވެ.

އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. އަޑިވަދެފައެވެ. މޫނުމަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ. ހީވަނީ އެތަކެއް ދުވަހު ބަލި އެނދުގައި އޮތް މީހެއް ހެންނެވެ. އަބާން އިސްޖަހައިލިއެވެ.

"ރޭ ވެސް އެއްވެސް އެއްޗެއް ނުކަމެއްނު. އިއްޔެ ރޮށި ފަޅިއަކުން ނިންމާލި ގޮތަށް ތި ހުންނަނީ. ތިހެން އުޅުނީމަ ދަރިފުޅަށް..." އަހަންނަށް ކެތެއް ނުކުރެވުނެވެ.

އަހަރެންގެ އަޑު ބެދުނެވެ. ދެ ލޮލަށް ގިނަވި ކަރުނަތައް ހޯސް ލައިފައި އޮހިގަތެވެ. އަބާން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަހަންނަށް ވެސް ބެލުނީ އަބާން އަށެވެ. ދަތި ގޮތަކަށް އޭނާ ހިންދިރުވާލިއެވެ. ހަމަ އެގޮތަށް އަހަންނަށް ވެސް ހިންދިރުވާލެވުނެވެ. އަބާންގެ ދެ ލޮލުގެ ތެތްކަން އިތުރުވަމުން ދިޔައެވެ. ލޮލަށް ކަރުނަތައް ގިނަވެ އޮހިގަންނަން ތައްޔާރުވިއެވެ. އަބާން ނޫންކަމަށް ހަދަމުން ބުނެލިއެވެ.

"ކާ ހިތެއް ނެތް. މަންމަ ކާންދޭން."
"ދަރިފުޅާ! މަންމައަށް ކޮން ކުށެއް ކުރެވިގެން ތި ގޮތަކަށް ކަންތައް ކުރަނީ؟" އަހަރެން ކޮޓަރިއަށް ވަނީމެވެ. "ދަރިފުޅަށް ރަނގަޅަށް އެނގޭނެ މަންމައަކީ އެކަނި އިނދެ ކެވޭ މީހެއް ނޫންކަން. މިގޭގަ... މިގޭގަ ދަރިފުޅާއި މަންމަ ފިޔަވާ އިތުރު މީހަކު ނޫޅޭކަން."
"މަންމާ!" އަބާން އެނދުގައި އިށީނެވެ.
"ދަރިފުޅާ! އެންމެ ކުޑަ ދުވަހުން ފެށިގެން ދަރިފުޅު ބަލައި ބޮޑު މި ކުރީ ހާދަ ފޮނި އުއްމީދެއްގައޭ. މިއީ ދަރިފުޅުގެ އޯލެވެލް އަހަރު. ގުރޭޑު ދިހައެއްގައި އުޅޭ އަހަރު ތި ގޮތަކަށް ކަންތައް ކުރީމަ ދަރިފުޅުގެ މުސްތަގުބަލަށް ވާނީ ކިހިނެއް؟ ކުރާނީ ކޮން އަސަރެއް؟ ދަރިފުޅަށް ރަނގަޅަށް އެނގޭނެ ބައްޕައަކީ މަސްވެރިއެއްކަން. ބައްޕަގެ ހިތްވަރުން، ބައްޕަގެ މަސައްކަތުން ދަރިފުޅަށް، ހަމައެކަނި ދަރިފުޅަށް ތަނަވަސް ފުރިހަމަ ގެއެއް މިހުރީ އަޅައިދީފަ. މިގެއިން އެއްވެސް އެއްޗެއް، އެއްވެސް ކަމެއް މަދެއް ނުވާނެ،" އަހަންނަށް ރޮވޭ ގޮތްވިއެވެ. "އަނެއްކާ ދަރިފުޅު ކިޔަވާ ނިމެންވާ އިރަށް ދަރިފުޅަށް ބޭންކުގަ އެކައުންޓެއް ހުޅުވައިދީފަ އެ ވަނީ. ބޭރަށް ގޮސް ކިޔެވޭ ވަރަށް ފައިސާ ވެސް އެހުރީ ޖަމާކޮށްފަ."

އަބާން އިސްޖަހައިލިއެވެ. މި ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު އޭނާ ކަންތައް ކުރާ ގޮތަކީ އެއީއެވެ. އަބާންއަކީ ގޯސް ކުއްޖެއް ނޫނެވެ. އޭނާއަކީ ރަނގަޅު ކިޔަމަންތެރި ދަރިއެކެވެ. ފަސްވަގުތު އޭނާއަށް މިސްކިތް ފެނެއެވެ. މުސްހަފަކީ އޭނާގެ އެކުވެރިއެކެވެ. އަހަރެން ކުރިމަތީގައި ދުވަހަކު ވެސް އަބާން ޒުވާބެއް ނުކުރެއެވެ. ބާރަށް އެއްޗެއް ނުބުނެއެވެ. ކަމެއް ދިމާވެއްޖެ ނަމަ މަޑުމައިތިރި ކަމާއެކު އެކަމެއް ހިއްސާކުރާނެއެވެ.

"އަހަރެން ކަމެއް ކުރިތަ؟" އެނދުގައި އިށީނދެލަމުން މަޑުމަޑުން އަބާން ބުނެލިއެވެ.
"ދަރިފުޅަށް ތި އަންނަނީ ކޮން ބަދަލެއްތަ؟ އެކަން މަންމަ ގާތު ބުނެދީބަލަ. ދަރިފުޅަކީ މަންމައަށް ހުރިހާ ކަމެއް ހިއްސާކުރަމުން އައި ކުއްޖެއް ނޫންތަ؟" އަހަންނަށް އަބާންގެ ގާތަށް ޖެހިލެވުނެވެ. "މަންމަ ހީކޮށްގެން މިހުރީ ދަރިފުޅުގެ އެންމެ ގާތް ރަހުމަތްތެރިއަކީ މަންމަ ކަމަށް. މަންމައަށް ސިއްރުން ކަމެއް ނުކުރާނެ ކަމަށް. އަދި މަންމައަށް ކަމެއް ސިއްރު ވެސް ނުކުރާނެ ކަމަށް."
"އަހަރެން ކުރިތަ؟" އަބާން އިސްޖައިގެން އިނދެ ކުރު ޖުމުލަތަކުން ނިންމާލަމުން ދިޔައެވެ.
"މިހާތަނަށް ކޮށްފަ އޮތްކަމެއް ނޭނގެ. ދަރިފުޅަށް އެނގޭނީ ވެސް. އެކަމަކު މި މަންމަ ހިތަށް އަރަނީ ދަރިފުޅު މަންމައަށް ކަމެއް އޮޅުވާލަނީއޭ. ކަމެއް ސިއްރު ކުރަނީއޭ. ދަރިފުޅަށް ތިހާ ބޮޑު ބަދަލެއް ތި އަންނަނީ ކޮން ކަމެއް މަންމައަށް ކުރެވިގެންބާއޭ؟" އަހަންނަށް ހަމަ ރަނގަޅަށް ވެސް ރޮވުނެވެ.

އަބާން އަހަންނާ ގާތަށް ޖެހިލިއެވެ. އަހަރެންގެ ދެ ކޮނޑުގައި ހިފައިލިއެވެ. މަޑުމަޑުން އަހަރެންގެ ދަތްދޮޅީގައި ހިފައި ލަމުން އަހަރެންގެ ލޮލަށް ބަލައިލިއެވެ. އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އޭނާ ފޮހެލިއެވެ. އޭރު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އެ ދެ ލޮލުގެ ކުލަ މަޑުމަޑުފިޔާތޮށި ކުލައަށް ބަދަލުވަމުން ދިޔައެވެ.

"އަހަރެން ކަމެއް ސިއްރެއް ނުކުރަން. މަންމައަށް ހީވާ ހީވުމެއްތި؟" އަބާން ވެސް އަޑުފަނޑުވިއެވެ.

އަހަންނަށް އަބާންގެ ގައިގައި ބައްދާލެވުނެވެ. އަބާން ވެސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ދެމައިން އެކުގައި ރޮމުން ގިސްލަމުންނެވެ.

"މިހާރަކަށް އައިސް އަބާން ހާދަ ދެރަވެފަ ހުންނަހެން ހީވެޔޭ؟" ޒަރީނު މޭޒު ކައިރީ އިށީންނަމުން ބުނެލިއެވެ.
"ނޫން. ބައްޕައަށް ހީވާގޮތެއް ތި. ދެ މަސް ވަންދެން ދުރުގަ އުޅެފަ އައީމަ ހީވާގޮތް." އަބާން ބަތް ސުވާއެއް އަނގައަށް ލަމުން ބުނެލިއެވެ.
"އެކަމަކު ކުރިއަށް ވުރެ ހިކި ކަމަށް ވެސް ފެނޭ. އަނެއްކާ ބަލީތަ؟" ޒަރީނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
ބަދަލުގައި އަހަރެން ނިތް އަރުވައިލީމެވެ. އަބާނާ ސުވާލު ކުރާށޭ ބުނާ ގޮތަށެވެ. ނަމަވެސް ޒަރީނު މައުޟޫއު ބަދަލު ކޮށްލީއެވެ. އޭނާ ފެށީ ސީދާ މަސްވެރިކަމުގެ ވާހަކައެވެ.

"މިފަހަރު ބައްޕަމެންނަށް ރަނގަޅަށް ކަންނެލި ލިބުނު. ދަރިފުޅާ ބުނާކަށް މީ ފަހަރަކީ! ބޮޑެތި ކަންނެލި ބައްޕަމެން މި ދަމައިލީ. އެއޮތީ ވާކަމެއް." ޒަރީނު ބަލައިލީ ސީދާ އަބާންގެ މޫނަށެވެ.
"ކިހާވަރެއް؟ ކޮންތާކުން؟ ކިތައް ޓަނު؟" ފުލުފުލުގައި އަބާން ސުވާލުކޮށްލަމުން ޒަރީނުގެ މޫނަށް ބަލައިލިއެވެ.
"ހުޅަނގު ކަނޑުން. ވިއްސަކަށް މޭލު ބޭރުން. އުޅޭނެ ދިހަވަރަށް ޓަނު،" ޒަރީނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "ދަރިފުޅު ވޭތަ މަހަށްދާ ހިތް؟"
"އާނ. ބައްޕަ ނުގެންދަނީނު. އަހަރެން ބުނީމެއްނު ޓާމު ބަންދުގައި ވެސް ގެންދަން. ދެން ޓެސްޓު ނިމޭއިރަށް މަސްވެރިކަމަށް ދާނީ. ކާފަ ގާތު ބުނެގެން ދޯންޏަށް އަރާނީ." އަބާން ޖޯޝްގައި ބުނެލިއެވެ.
"ދަރިފުޅާ! ބައްޕަ ބޭނުން ވަނީ ދަރިފުޅަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށް ހަދަން. ބައްޕަމެންނަށް އޭރު ހާލަތު ހުރި ގޮތުން ނުކިޔެވުނީތީ ބައްޕައަށް ނުލިބުނު ފުރުސަތު ދަރިފުޅަށް ފަހިކޮށްދޭން. ލޮލަކަސް ބޮލަކަސް މަންމައާއި ބައްޕަގެ ހުރި ފުރާނައަކީ ތީ." ޒަރީނު ވާހަކަ ބައްޓަންކުރީ އަހަރެން އަޅައިދިން ފޮޅުވަތް މަތީގައެވެ.
"ތި މަންމަގެ ޑައިލޮގެއްނު." އަބާން ބަލައިލީ އަހަރެންގެ މޫނަށެވެ.
"މަންމަ ކީކޭ ކީ؟" އަހަރެން ނޫންކަމަށް ހެދެމުން ބުނެލީމެވެ.
"ބައްޕައަކަށް ތިކަހަލަ ވާހަކަދައްކާކަށް ނޭނގޭނެ. އެހެން ނޫނަސް ބައްޕައަކާ ނުވެސް ގުޅޭ." އަބާން ފެންތަށި ހުސްކޮށްލަމުން ތެދުވިއެވެ.
"ނިންމައިލީތަ؟ ހާދަ އަވަހަކަށް ތި ނިންމައިލީ. އަދި އާދެބަލަ މިތާ މަޑުކޮށްލަން. މަންމަ ވެސް އެ ފެށީ ދެންމެއެއްނު." ޒަރީނު އަހަންނާ ދިމާއަށް ބަލައިލިއެވެ.
"އަތް ދޮވެލަން.." އަބާންގެ އަތް ދައްކާލަމުން ބުނެލިއެވެ.

އެއީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވުނު ރެޔެކެވެ. އަހަރެންގެ ކުޑަކުޑަ އާއިލާއަށް އެތައް ހިތްހަމަ ޖެހުމެއް ގެނުވި އުފާވެރި ރެޔެކެވެ. ޒަރީނާއި އަބާން ރާޒުވާ ކުޅެން އެތައް އިރަކު ތިއްބެވެ. ރާޒުވާގައި ވާނުވާ ނޭނގުނަސް އެ މަންޒަރު ބަލަން އަހަރެން ވެސް އިނީމެވެ. ރާޒުވާގެ ކުޅިތައް ދުވާގޮތާއި ކުޅިތަކުގެ ނަންތައް އަބާން ވެސް ބުނެދެއެވެ. ޒަރީނު ވެސް އެކަމަށް ފަރިތައެވެ. ނަމަވެސް އަހަންނަށް ބެލުނީ އަބާންގެ މޫނަށެވެ. އެ މައުސޫމު މޫނުން ފެންނަމުން ދިޔަ އުފާވެރި ކުލަ ތަކަށެވެ. އެ ހިނިތުން ވުމަށެވެ. ހިމޭންކަން ކެހި އެ މޫނަށް ވެރިވަމުން ދިޔަ އުފާވެރިކަމަށެވެ. އެއީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ. ބަޔާންކުރަން ނޭނގޭ ކަހަލަ އަރާމެއް ހިތަށް ލިއްބައިދޭ ކަމެކެވެ.

"އަހަންނަށް ވިސްނެނީ ހަމަ އެގޮތަށް. އޭނާ މާ ބޮޑަށް އެކަނި ވަނީއޭ. ރައްޓެހި ކުއްޖަކު ވެސް ނުގެންގުޅޭތަ؟" ނިތްކުރީ އަތް ބާއްވާލައިގެން އޮވެ ޒަރީނު ބުނެލިއެވެ.
"ހިޔެއް ނުވޭ. މާ ބޮޑަށް އެކަހަލަ ވާހަކައެއް ވެސް ނުދައްކާ. ސުކޫލުގައި ހިނގާކަމެއް ވެސް ކިޔައި ދޭނީ ވަރަށް މަދުން. ބުނެލާނީ މުދައްރިސުން ވަރަށް ކިޔައިދޭން މަސައްކަތް ކުރާ ވާހަކަ. ބައެއް ކުދިންނަށް ނުވިސްނޭތީ ކުލާހުގައި އުނދަގޫ ކުރާ ވާހަކަ،" އެނދުގައި ހަމަޖެހިލަމުން އަހަރެން ބުނެލީމެވެ. "ސްކޫލުން ކަމެއް ދިމާވާ ކަމަކަށް ވެސް ނުބުނޭ. ދޭތެރެއަކުން ބުނާނެ ކުލާސް ޓީޗަރާއި އެ ކުދިންގެ ސުޕަވައިޒަރަށް ހަދީޔާއެއް ދޭންވާނޭ. ނޫނީ ކެއުމެއް ހަދައިފަ ގެންނަންވާނޭ. މަންމަ ލައްވާ ކައްކައިފަ މޮޅު ކެއުމެއް ދޭނަމޭ ތިމަންނާ ބުނެފައޭ އޮންނާނީ ސަރ ގާތު."
"އެހެންވީމަ ތި ރަނގަޅު ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ހިފާ. ބައެއް ފަހަރު ކުދިންގެ އުޅުން ހުންނަ ގޮތުން އެއް އުމުރެއްގެ ކުދިންގެ މިޒާޖާ ނުގުޅޭތީ ރަހުމަތްތެރިން ހޯދުމުގައި ކުދިންނަށް ދަތިވާ ކަމަށްވޭ. އެފަދަ ހާލަތުގައި އެކުދިން ހޯދާނީ ތިމާއަށް ވުރެ އުމުރުން ދޮށީ މީހުން ނުވަތަ ހަގު ކުދިން. އަބާނަށް ވެސް ދިމާވަނީ ތިކަހަލަ ކަމަކަށް ވެދާނެ،" ޒަރީނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "އަބާން އެ ބުނާ ގޮތަށް ސަރއަށް ދައުވަތެއްދީ. ދެން ސަރއަށް ތިޔަ ދިމާވާ ކަންކަން ކިޔައިލަދީ. ސަރމެންނަށް މާ ރަނގަޅަށް ތި ކަންކަން އެނގޭނެ. އެމީހުން ހުންނާނީ އެކަމަށް ތަމުރީނު ވެފަ."
"ޒަރީނު ވެސް ވަރަށް މައުލޫމާތު މުއްސަނދި ވެއްޖެހެން ހީވޭ." އަހަންނަށް ބަލަން އިނދެވުނީއެވެ.

އެއީ ކުރިން ދުވަހަކު ވެސް ޒަރީނު ވާހަކަދެއްކި ގޮތެއް ނޫނެވެ. އޭނާއަކީ އެހައި މައްޗަށް ކިޔަވައިގެން ހުރި މީހެއް ވެސް ނޫނެވެ. ދިވެހިބަހާއި އިނގިރޭސި ބަސް ވެސް އެނގޭނީ ކޮށަކޮށައިގެން ކިޔައިލާށެވެ.

"އާނ! މަސްވެރިކަމުގަ މިހެން އުޅޭއިރު އަބަދުވެސް ހުންނާނީ ރޭޑިޔޯ ހުޅުވައިފަ. ދެން ރޭޑިޔޯއިން އަންނާނެ އެކި ޒާތުގެ ޕްރޮގުރާމު. އަބާންއަށް ބަދަލު އަންނަ ވާހަކަ އަފީ ކިޔައިދިން ފަހުން އަހަންނަށް ވަރަށް ޝައުގުވެރިކަމާ އެކު އަޑު އެހޭނެ ފުރާވަރު ކުދިންނާ ގުޅޭގޮތުން އަންނަ ޕުރޮގުރާމުތައް. އޭގައި ކިޔައިދޭ ކުދިންނަށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތައް،" ޒަރީނު ހިނިތުންވެލިއެވެ. "މިހާރު ޓީވީތަކާއި ފޯނުތަކަށް މީހުން ދޯޅުވި ވަރުން ރޭޑިޔޯއިން އަންނަ ޕްރޮގުރާމެއް ވެސް އަޑުއަހައިލާނީ ދަތުރުވެރިންނާއި މަސްވެރިން. ހަގީގަތުގައި ރޭޑިޔޯގެ ޕުރޮގުރާމުތައް ބަރާބަރަށް އަޑުއަހާ މީހާއަށް މި ޒަމާނުގައި ވަރަށް ތަހުޒީބުވާނެ. އެއީ ހަމަ ދެވަނަ މަދަރުސާ."
"މަށަށް ހީވަނީ ރޭޑިއޯއިން ވަޒީފާއެއް ހަމަ ޖެހިދާނެހެން ތިވަރަށް އިޝްތިހާރު ނުކުރިޔަސް،" ޒަރީނުގެ މޭގައި ބޯ އަޅައިލަމުން އަހަރެން ބުނެލީމެވެ. "ދަންވަރު ފުރަން ވެސް ޖެހޭނެއްނު ދެން ހިނގާ ނިދަމާ. މާދަމާ ސަރއާ ގުޅާނަން."
"އަސްތާ! މި އޮތީ މޭޒު ފުރިފައެއްނު. ހިޔެއް ނުވޭ މޭޒުގެ ފައިތަކަށް ކެތްވާނެ ހެންނެއް." އަބާންގެ ކުލާސް ޓީޗަރާއި އޭނާގެ ސުޕަވައިޒަރަށް މޭޒު ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ.
"އަބާން! މި ހަމަ ސަރ މެންނަށް ހެދިހާ ކާނާތަ؟" އަބާންގެ ކުލާސް ޓީޗަރ، ވަސީމު އަހައިލިއެވެ.
"އާނ! މަންމަ ކޮށްލި ވަރު. އަޅުގަނޑު ބުނީ ސަރއަށް ކުކުޅު ހަދައިދޭންވާނޭ. އެ އަޅުގަނޑަށް އެހީވީތީ." އަބާން ގޮނޑީގައި ހަމަޖެހިލިއެވެ. (ނުނިމޭ)