އާސެނަލް

އާސެނަލްގެ ޗެއާމަން ރިޓަޔާ ކޮށްފި

އާސެނަލްގެ ބޯޑުގައި 15 އަހަރު އަހަރު ހޭދަ ކުރެއްވުމަށް ފަހު، ޗެއާމަން ޗިޕްސް ކެސީކް، އާސެނަލްއިން ރިޓަޔާ ކޮށްފި އެވެ.

ފެބްރުއަރީ މަހު 80 އަހަރު ފުރުނު ކެސީކް، އާސެނަލްގެ ޗެއާމަން ކަމުގެ މަގަމަށް ހަމަޖެއްސެވީ، ޖޫން 2013 ގަ އެވެ. ބޭންކުގެ ވިޔާފާރީގައި ހަރަކާތްތެރިވާ، ކެސީކް އާސެނަލްގެ ބޯޑަށް ވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ. އެ އަހަރަކީ އެ ކުލަބުގެ މިހާރުގެ ސްޓޭޑިއަމް "އެމިރޭޓްސް" ހުޅިވި އަހަރެވެ.

އޭނާއަކީ، އިނގިރޭސި ވިލާތުގެ ވިޔަފާރި އާއިލާއެއް ކަމަށްވާ، ކެސީކް ގުރޫޕްގެ މެންބަރެކެވެ. ކުލަބުން އޭނާ ރިޓަޔާ ކުރެއްވުމުން، އާސެނަލްގެ ބޯޑުގައި މިހާރު ތިއްބަވާނީ ހަތަރު މެންބަރުންނެވެ. އެއީ ކުލަބުގެ މެޖޯރިޓީ ޝެއާ ހޯލްޑަރު ސްޓޭން ކްރޮންކީ އާއި އޭނާގެ ދަރިފުޅު ޖޯޝް ކްރަންކީގެ އިތުރުން ފިލްޕް ހާރިސް އަދި ކެން ފްރައިއާ އެވެ.

ރިޓަޔާމެންޓް އިއުލާން ކުރައްވަމުން ކެސީކް ވިދާޅުވީ، ކުރިންވެސް އޭނާ ނިންމަވައިގެން ހުރީ މި ސީޒަނަށް ފަހު ރިޓަޔާ ކުރަން ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން ސީޒަން މެދުކަނޑާލުމުން، މި ވަގުތަކީ އޭނާ ވަކިވާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އޭނާ ވިދާޅުވީ އާސެނަލްއަކީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމަށެވެ.

ސްޓޭން އާއި ޖޯޝްގެ ހިއްސާ އާއީ އަދިވެސް ކުލަބުގެ އެހެން މެންބަރުންނާއެކު އާސެނަލް އޮތީ ސަލާމަތްތެރި ކަމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ޗެއާމަންޝިޕްގެ ދަށުން އާސެނަލްއިން ވަނީ، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފަ އެވެ.