ޗެމްޕިއަނަކަށް ވުމުގެ ސިފައެއް މެންޗެސްޓާ ޔުނައިޓެޑްގައި ނެތް ކަމަށް ބުނެ އެ ޓީމުގެ ކުރީގެ ކޯޗް ލުއިސް ވެން ހާލް ޔުނައިޓެޑްގެ ޓްރާންސްފާ ޕޮލިސީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗް އެލެކްސް ފާގަސަންގެ ފަހުން، އެ ކުލަބުގެ ކޯޗް ކަމާ ހަވާލުވި ޑޭވިޑް މޮއިސްގެ ވަކި ކުރުމަށް ފަހު، ރަސްމީ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ ހަވާލުވި ފުރަތަމަ ކޯޗަކީ ވެންހާލް އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އޭނާގެ އަމިއްލަ ގައުމު ހޮލެންޑް ގެންގޮސް ދިނުމަށް ފަހު، ގައުމީ ޓީމުގެ ކޯޗް ކަމުން ވަކިވެ އޭނާ ހަވާލުވީ ޔުނައިޓެޑްގެ ކޯޗް ކަމާ އެވެ.
ބާސެލޯނާ އާއި ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް ބުނީ، އޭނާ ޓީމާ ހަވާލުވިއިރު، ޔުނައިޓެޑްގެ ތިބި ކީ ކުޅުންތެރިންނަކީ ނިސްބަތުން 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށެވެ. އެހެންވެ ކުލަބު ބިނާ ކުރުމަށް އާ ކުޅުންތެރިން ބޭނުން ވެގެން ކުލަބުގެ ބޯޑާ އެވާހަކަ ދެއްކި ކަމަށެވެ.
"އޮތީ މުސްކުޅި ސްކޮޑެއް، ޓީމުގެ 10 ކުޅުންތެރިންނަކީ 30 އަހަރުން މަތީގެ ކުޅުންތެރިން، ފަސް ކުޅުންތެރިން ތިބީ 35 އަހަރުން މަތީގައި،" ހޮލެންޑް ފުޓްބޯޅަ މަޖައްލާއެއް ކަމަށްވާ، ވޮއެޓަބަލް އިންޓަނޭޝަނަލް އަށް ދިން އިންޓަވިއުގައި ވެންހާލް ބުންޏެވެ. "އެހެންވެ އަހަރެން ކުލަބުގެ ބޯޑުގައި އެދުނީ އަހަރެން ބޭނުމޭ، ޓީމެއް އެކުލަވާލަން، އެކަމަކު އަހަރެން ބޭނުންވި އެއްވެސް ކުޅުންތެރިޔަކު ނުލިބުނު."
އޭނާ ބުނީ، ސާފު ފައިދާގެ ގޮތުގައި އަހަރަކު 600 މިލިއަން ޕައުންޑް ލިބޭ ދުނިޔޭގެ މުއްސަނދި އެއް ކުލަބެއްގެ ޓްރާންސްފާ އާ މެދު، އެ ޓީމެއްގައި ހުންނަ ކޯޗަކު ވެސް ބޮޑު އުންމީދެއް ކުރާނެ ކަމަށެވެ.
"ޓްރާންސްފާ ލިސްޓްގައި ގެންނަން ބޭނުންވާ އެއް ނަންބަރު ކުޅުންތެރިޔާގެ ބަދަލުގައި މި ގެނެވެނީ އެ ލިސްޓްގެ ހަތް ވަނަ އަށް އިންނަ ކުޅުންތެރިޔާ."
ވެންހާލްގެ ކޯޗް ކަމުގެ ދައުރުގައި ޔުނައިޓެޑުން ވަނީ އޭންހަލް ޑީ މާރިއާ، ލޫކް ޝޯ އަންޑާ ހެރޭރާ، މާކޯސް ރޯހޯ ގެންނަން ބޮޑު ހޭދައެއް ކޮށްފަ އެވެ. ރަޑަމެލް ފަލްކާއޯ ގުޅުނީ ލޯނެއްގެ ދަށުންނެވެ. ވެންހާލް ބުނީ އެ ކުޅުންތެރިންނަކީ އޭނާގެ ލިސްޓްގައި ހިމެނޭ ކުޅުންތެރިން ނޫން ކަމަށެވެ.
"އެ ހުރިހާ ދަތިތަކަކާއެކު ވެސް އަހަންނަށް ކުރެވުނު މަސައްކަތާ ބަލާފައި، އަހަރެން ބުނާނީ އަހަންނަށް ކުރެވުނު މަސައްކަތް ކާމިޔާބޭ."
އެ ކުލަބުގެ ކޯޗް ކަމުން 2016 ވަނަ އަހަރު މެއި މަހު އޭނާ ވަކި ކުރީ، ކްރިސްޓަލް ޕެލަސް ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިތާ ދެ ދުވަސް ފަހުންނެވެ.