ބޮލީވުޑް

"ސަތުޔަމޭވް ޖައިތޭ 2" ޖޯން ކުޅެނީ ސުޕަހީރޯ ރޯލު

ޖޯން އަބްރަހަމް މިހާރު ހުރީ "ސަތުޔަމޭވް ޖައިތޭ 2" ގެ ޝޫޓީންގް ފަށަން ތައްޔާރު ވެގެނެވެ. މި ފިލްމުގެ ޝެޑިއުލް އޮތް ގޮތުން ފުރަތަމަ 90 ދުވަހުގެ ޝޫޓިންގް ބާއްވާނީ މުމްބައީގެ އަސްލު ލޮކޭޝަނެއްގަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ޝޫޓިންގް އޮތީ ފަސް ކޮށްފަ އެވެ.

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރާ މިލެޕް ޒަވޭރީ ބުނީ މި ފިލްމުގައި ޖޯން ފެންނާނީ ސުޕަހީރޯއެއް ފަދަ ސިފައެއްގައި ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ފިލްމެއްގައި ޖޯން ނުކުރާ ކަންތައްތައް މި ފިލްމުގައި އޭނާ ކުރާނެ ކަމަށެވެ. އެއީ މިސާލަކަށް ދޮރު ފަޅާލާފައި ތަންތަންތަނަށް ވަނުމާއި ޓަޔަރު ފަޅާލުން ފަދަ ސުޕަހިރޯއެއް ކަމަށްވާ ހަލްކް ކުރާ ފަދަ ކަންތައް ތަކެވެ.

ސަތުޔަމޭވަ ޖައިތޭ 2" ގައި ޖޯންގެ ތިން ރޯލެއް ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ޖޯން ވެސް މިފަދަ އިޝާރާތެއް ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ދީފައި ވެއެވެ. އޭނާ ބުނެފައި ވަނީ ފިލްމުގެ ބައެއް ކެރެކްޓާތައް ޑިވެލޮޕް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް އެބަ ގެންދާ ކަމަށާއި އޭނައަށް ވެސް އެއް ރޯލަށް ވުރެ ގިނަ ރޯލުތައް ކުޅެން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިއީ އަދި ބަހުސް ކުރުމުގެ މަރުހަލާގައި ހުރި ކަންތައްތައް ކަމުން ކަނޑައެޅިގެން ވަކި ރޯލުތަކެއް ކުޅޭނަމޭ ބުނަން އަދި ނޭނގޭ ކަމަށް ޖޯންގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

"އެހެންވީމަ އަހަންނަކަށް އަދި ނޭނގެ ބުނާކަށް ފިލްމުގައި އަހަރެންގެ އެކެއް، ދޭއް ނުވަތަ ތިން ރޯލު ހިމެނެއެކޭ،" ޖޯން ބުންޏެވެ.

މީގެ ފުރަތަމަ ބައި "ސަތުޔަމޭވް ޖައިތޭ" ރިލިޒްކޮށްފައި ވަނީ 2018 ގައެވެ. ޖޯން ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމުގެ ބަތަލާ އިންނަކީ އައިޝާ ޝަރުމާ އާއި އަމްރުތާ ކަންވިލްކަރް އެވެ. މި ފލްމު ވެސް ޑައިރެކްޓް ކޮށްފައި ވަނީ މިލަޕް ޒަވޭރީ އެވެ.