ދުނިޔެ

ޖޯޖްގެ މަރާ ގުޅިގެން ކުރީގެ ފުލުހަކަށް މަރުގެ ދައުވާ

May 30, 2020
3

ވޮޝިންގްޓަން (މެއި 30) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ ފުލުސް މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް މަރުގެ ދައުވާކޮށްފި އެވެ.

މަންޒަރުދުށް މީހުން ނަގާފައިވާ، ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ އެ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައިވާއިރު، މަރުގެ ދައުވާ ކޮށްފައިވަނީ އޭނާގެ މައްޗަށެވެ.

ފްލޮއިޑްގެ އާއިލާއިން ވަނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ހަތަރު ފުލުހުންނަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމަށް ގޮވާލައިފަ އެވެ.

އަނެއް ތިން ފުލުހުންވެސް މިހާރު ވަޒީފާއިން ވަކިކޮށްފައިވާއިރު، އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާނެކަމަށް ބެލެވެ އެވެ.

އެ މައްސަލާގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފި އެވެ.

އެކަމާ ދެކޮޅަށް އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިނިއާޕޮލިސްގެ ޕޮލިސް ސްޓޭޝަނެއްގައި ވެސް ވަނީ ހުޅުޖަހައިފަ އެވެ.

މިނިއާޕޮލިސްގެ އިތުރުން، ނިއުޔޯކާއި ލޮސް އެންޖެލީސް އައި ޝިކާގޯ އާއި ޑެންވާ އަދި ފީނިކްސްގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ޕޮލިސް ސްޓޭޝަންގެ އިތުރުން، މިނިއާޕޮލިސްގެ އެހެން އިމާރާތްތަކުގައި ވެސް ހުޅުޖަހައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް، ފުލުހުން ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުންކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ވަނީ އުނދަގޫވެފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މިނިއާޕޮލިސްގައި މިހާރު ވަނީ ކާފިއުވެސް ހިންގައިފަ އެވެ.