ހޫނު މޫސުމުގެ ފުރަތަމަ ޓްރާންސްފާގެ ގޮތުގައި ޕީއެސްޖީން، ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން ގެންދާ މައުރޯ އިކާޑީ އާ އެކު ދާއިމީ އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.
އިންޓަ މިލާންގެ އެއްބަސް ވުމުގައި ހުރެ، މި ސީޒަންގައި ޕީއެސްޖީއަށް އިކާޑީ ބަދަލުވީ ލޯން އެއްބަސް ވުމެއްގެ ދަށުންނެވެ. އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށްޓަކައި ޕީއެސްޖީން ވަނީ އިންޓަ އަށް 57 މިލިއަން ޔޫރޯ ދޭން އެއްބަސް ވެފަ އެވެ. އެއީ ޓްރާންސްފާގެ އަގު ކަމަށްވާ 50 މިލިއަން ޔޫރޯ އާއި ފަހުން އިތުރު ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ ހަތް މިލިއަން ޔޫރޯ އެވެ.
ޕީއެސްޖީން އިކާޑީގެ ޓްރާންސްފާ ކުރިން ހުށަހަޅަން ތައްޔާރު ވީ 70 މިލިއަން ޔޫރޯ އެވެ. އޭރު އިންޓައިންވެސް ޑިމާޑް ކުރީ އެވަރުގެ އަގަކަށެވެ. އެހެންނަވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިތިވެފައިވާ މާލީ ދަތި ހާލަތުގެ ސަބަބުން 50 މިލިއަނަށް އަގު ކުޑަ ކުރަން ނިންމީ އެވެ.
އިންޓަގެ ސްޕޯޓިން ޑައިރެކްޓާ ޕިއޭރޯ އައުސީލިއޯ، މިދިޔަ ހުކުރު ދުވަހު ބުނީ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަމަށް އިކާޑީވެސް ބުނެފައިވާ ކަމަށެވެ. ސަމްޕްޑޯރިއާ އިންއިކާޑީ އިންޓައަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ސޭރީ އޭ ގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. އެހެންނަމަވެސް އަހްލާގީ ބައެއް މައްސަލަތަކާ ހެދި އިކާޑީ އާއި އިންޓަގެ މެނޭޖުމެންޓާއި މައްސަލަ ޖެހެ އެވެ.
އިންޓަގެ ކޯޗް ކަމާ، އެ ޓީމުގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ހަވާލުވެ އޭނާ ވަނީ، އިކާޑީ އޭނާގެ ޕްލޭންގައި ނުހިމެނޭ ކަމަށް އަންގާފަ އެވެ. އެޔާއެކު އޭނާއަށް ޓީމު ދޫކޮށް ދިނުމުގެ ހުއްދަ ދިނެވެ. ޕީއެސްޖީއަށް ލޯން އެއްބަސް ވުމެއްގެ ދަށުން ބަދަލުވެ އިކާޑީ ވަނީ މިހާރު ނިމިފައިވާ ފްރާންސް ލީގްގައި ޕީއެސްޖީއަށް 12 ލަނޑު ޖަހައި ދީފަ އެވެ. އަދި އެ ޓީމަށް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލް ބުރު އެބައޮތެވެ. ޗެމްޕިއަންސް ލީގްގައި އޭނާ ވަނީ ޕީއެސްޖީއަށް ފަސް ލަނޑު ޖަހައ ދީފަ އެވެ.