ލައިފްސްޓައިލް

ކޮވިޑް-19 ލޭގެ ސާމްޕަލްތަކެއް ޖަހައިގަނެގެން ރާމާމަކުނުތަކެއް ފިލައިފި

ކޮރޯނާވައިރަސް ބަލި މީހުންތަކެއްގެ ލޭގެ ސާމްޕަލްތަކެއް ހިފައިގެން މީހަކު ދަނިކޮށް އެ ސާމްޕަލްތައް ޖަހައިގަނެގެން ރާމާމަކުނުތަކެއް ފިލައިފި އެވެ. މި ރާމާމަކުނުތައް ޖަހައިގަތީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ ހަތަރު މީހެއްގެ ސާމްޕަލް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

މި ހަފުތާގެ ކުރީކޮޅު އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މީރަތު މެޑިކަލް ކޮލެޖުގައި ހިނގި މި ހާދިސާގައި ރާމާމަކުނުތައް އެ ސާމްޕަލްތައް ޖަހައިގަތީ ލެބޯޓްރީ ޓެކްނީޝަނެއްގެ އަތުންނެވެ.

ރާމާމަކުނުތައް މި ލެބޯޓްރީ ޓެކްނީޝަނަށް ހަމަލަ ދިނީ މެޑިކަލް ކޮލެޖުގެ ކެމްޕަސް ތެރެއިން ހިނގާފައި ދަނިކޮށެވެ.
އެ ކޮލެޖުގެ އެންމެ އިސް އޮފިޝަލް ޑރ. އެސްކޭ ގަރްގް ވިދާޅުވީ ރާމާމަކުނުތައް ކުއްލިއަކަށް އައިސް އެމީހާގެ އަތުން ލޭގެ ސާމްޕަލްތައް ޖަހައިގަނެގެން ފިލީ ކަމަށެވެ. އެއީ ކޮވިޑް-19 އަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންތަކެއްގެ ސާމްޕަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިގޮތަށް ކަންތައް ދިމާވުމުން އަލުން އެމީހުންގެ ގައިން ލޭ ނަގަން ޖެހިފައިވާ ކަމަށް ވެސް ޑރ. ގަރްގް ވިދާޅުވި އެވެ.
ރާމާމަކުނުތައް އެ ސާމްޕަލްތައް ހިފައިގެން ގޮސް އޭގައި ހުރި ލޭތައް އޮއްސާލާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަމާ ބެހޭ އިދާރާތަކަކަށް އަދި އޮޅުމެއް ނުފިލަ އެވެ. ނަމަވެސް ކެމްޕަސްގައި ދިރިއުޅޭ ގިނަ ބަޔަކު މިހާރު ތިބީ މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ކޮރޯނާވައިރަސް އިތުރަށް ފެތުރިދާނެތީ ވަރަށް ބިރުންނެވެ.

ޑރ. ގަރްގް ވިދާޅުވީ އެ ސާމްޕަލްތަކުގައި ހުރި ލޭ ބަންޑުންވެ ކަމެއް ވެގެން އެ ލެއިން މަކުނުތައް ކޮރޯނާވައިރަހަށް އިންފެކްޓް ވެދާނެކަން ނުވަތަ ނޫންކަން ބުނާކަށް އަދި ނޭނގެ އެވެ. ސަބަބަކީ މަކުނުތަކަށް ކޮރޯނާވައިރަސް ޖެހޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައި ނުވާތީ އެވެ.

މި ވައިރަސް އިންސާނުންގެ ގަޔަށް އަރާފައިވަނީ ޗައިނާގެ ވޫހާންގެ ވައިލްޑްލައިފް މާރުކޭޓަކުން މިދިޔަ އަހަރު ފަހުކޮޅު ކަމަށް ވަނީ ބެލެވިފަ އެވެ.

އިންޑިޔާގެ ޖަންގަލިތަކުގައި ދިރިއުޅެމުންދިޔަ މަކުނުތައް މިހާރު އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ނުކުމެ އާންމުންނަށް އެކި ކަހަލަ ގެއްލުންތައް ދިނުން މިހާރު ވަނީ އާއްމުކަމަކަށް ވެފަ އެވެ.