ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަފްތާއަކު ތިން ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަން ނިންމައިފި

މާދަމާއިން ފެށިގެން ޖޫން މަހުގެ 11ގެ ނިޔަލަށް ކޮންމެ ހަފްތާއަކު ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9 ކުން 1 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެެވެ. އަދި އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް އައިސް ހިދުމަތް ހޯދުމަށް ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގާގައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެހިފައިވާ ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްގޮތަށް ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައިމިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތައް ދުވަހެއް ވަންދެން އެ އޮފީސްތައް ބަންދުކޮށްފައިވަނިކޮށެވެ.