ވިޔަފާރި

ބޮޑު އުންމީދަކާ އެކު އެއާ އޭޝިޔާގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަނީ

Sep 22, 2015

މެލޭޝިޔާއިން ސީދާ ރާއްޖެއަށް ދަތުރުތައް ކުރަމުން އައި، މެލޭޝިއަން އެއާލައިންސްގެ ދަތުރުތައް ހުއްޓާލުމާ އެކު އެ ގައުމާ ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށް ބަޖެޓް އެއާލައިން "އެއާ-އޭޝިއާ"އިން ތައްޔާރީތައް ވެއްޖެ އެވެ. މެލޭޝިޔާ އާއ ރާއްޖެއާ ދެމެދު ބާއްވާ ފުރަތަމަ ފްލައިޓް އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ދަތުރުތައް ފެށުމަށް އެއާ-އޭޝިއާގެ ރާއްޖޭގެ އެޖެންޓް އޯލް އެޗް މޯލްޑިވްސްއާ އެކު އެ އެއާލައިނުން ވަނީ މިދިޔަ އާދިއްތަ ދުވަހު ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ދުނިޔޭގެ 26 މަންޒިލަކަށް މިހާރުވެސް ދަތުރުކުރާ އެއާއޭޝިއާގެ ދަތުރުތައް ރާއްޖޭގައި ފެށުމުގެ އެއްބަސްވުމުގައި އޯލްއެޗް މޯލްޑިވްސް އިން ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އޯލްއެޗް މޯލްޑިވްސްގެ ފްލައިޓް އޮޕްރޭޝަންސްގެ ހެޑް އިބްރާހިމް އަބްދުލް ކަރީމް ވިދާޅުވީ، އެއާ-އޭޝިއާގެ ދަތުރުތައް ރާއްޖޭގައި ފެށުމުން ދިވެހިންގެ ގިނަ ބަޔަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެެވެ. މެލޭޝިއާ އަކީ ގިނަ ދިވެހި ކިޔަވާކުދިންނާއި އާއިލާތައް ދިރިއުޅޭ ގައުމަކަށް ވާތީ، މެލޭޝިއާއަށް ރާއްޖެއިން ޑައިރެކްޓު ފްލައިޓު އޮތުމަކީ އެފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ކަމަށް އަބްދުލްކަރީމް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއާ މެލޭޝިއާޔާ ދެމެދު ސީދާ ދަތުރުތައް ކުރި ހަމައެކަނި އެއާލައިން، މެލޭޝިއަން އެއާލައިންސްގެ ދަތުރުތައް ހުއްޓާލީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.

މިހާރު ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރެވޭނީ ކޮލަމްބޯ މަގުންނެވެ. އެހެންކަމުން ވިޔަފާރީގެ ނަޒަރަކުން ބަލާނަމަ އެއާ-އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފެށުން ވެގެންދާނީ އެއާ-އޭޝިއާއަށް ރާއްޖޭގެ މާކެޓް އެކީ ލިބުން ފަދަ ކަމަކަށެވެ. އެއީ އެ އެއާލައިން ވާނީ ރާއްޖެއިން ސީދާ މެލޭޝިޔާއަށް ދަތުރު ކުރާ ހަމައެކަނި އެއާލައިނަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެއާ އޭޝިޔާ އިން ރާއްޖެއަށް އުދުހުނެވެ. ނަމަވެސް ތަރުހީބު ކުޑަވުމުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް ހުއްޓާލި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، އޮކްޓޫބަރު 22 އިން ފެށިގެން ކޮންމެ ހަފުތާއަކު ތިން ދުވަހު މެލޭޝިއާއިން ރާއްޖެއަށް އެއާ-އޭޝިއާގެ ބޯޓުތައް އުނދުހޭނެ އެވެ. އެއީ ހޮނިހިރު، ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.

"...އިންބައުންޑް ފްލައިޓްތަކެއް އަދި މި އޮންނަނީ، މެލޭޝިއާއިން ރާއްޖެއަށް މި ފްލައިޓުތައް ދަތުރުކުރާނީ. ދެން 22 ގަ ދަތުރުތައް ފެށިޔަސް އަޅުގަނޑުމެން ޓިކެޓް ވިއްކަން ފަށައިފިން ޖުލައި 21 އިން ފެށިގެން. ޓިކެޓް ވިއްކުން ބޮޑަށް މި އޮންނަނީ އޮންލައިންކޮށް. އެއާ-އޭޝިއާގެ ވެބްސައިޓަކީ ކަސްޓަމަރުންނާ ވަރަށް ރައްޓެހި ސައިޓެއް. އެކަމަކު އަޅުގަނޑުމެންނާ ހަމަޔަށް އައިމަ އަޅުގަނޑުމެންވެސް ޓިކެޓް ބުކް ކޮށްދޭނަން،" އިބްރާހިމް ވިދާޅުވި އެވެ.

އެއާ-އޭޝިއާއިން ރާއްޖެއަށް ދަތުރުކުރާނީ އެއާބަސް އޭ320 ގެ ފްލައިޓް ގަ އެވެ. އޭ 320 އަކީ އެއާބަސް އާއިލާއަށް ވަރަށް ފަހުން އިތުރުވި މެންބަރެކެވެ. މި ފްލައިޓްތަކުގައި އެއްފަހަރާ 40 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި ބޯޓުގައި ވައިފައި ލިބޭނެ ނިޒާމު ވެސް ހުންނާނެ ކަމަށާއި ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތަކުން ވެސް ވައިފައި ދޫކުރުމުގެ ހުއްދަ ހޯދަން މަސައްކަތްކުރަމުންދާ ކަމަށް އޯލް އެޗުން ބުނެ އެވެ.