ދުނިޔެ

މުޒާހަރާތަކާ ފްލޮއިޑްގެ މަރާ ގުޅުމެއް ނެތް: ގަވަރުނަރު

May 31, 2020

މިނެސޯޓާ (މެއި 31) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި ކުރަމުންދާ މުޒާހަރާތަކުގެ ހިންގަމުންދާ ހަމަނުޖެހުންތަކަށް އެ ސްޓޭޓުގެ ގަވަރުނަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަންޒަރު ދުށް މީހުން ނަގާފައިވާ، ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

އެމެރިކާގެ އެހެން ސިޓީތަކުގައި ވެސް ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެފައި ވާއިރު، ގަވަރުނަރު ޓިމް ވޯލްޒް ވިދާޅުވީ، މިހާރު ކުރަމުންދާ މުޒާހަރާތަކާއި ފްލޮއިޑްގެ މަރާ "މިހާރު އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގަން އެހެން ސިޓީތަކުން މީހުން އައިސްފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ނެޝަނަލް ގާޑު ގެނައުމަށް ނިންމަވާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ އެ ފުލުސް މީހާ ވަޒީފާއިން ވަކި ކޮށްފައިވާއިރު، މަރުގެ ދައުވާ ކޮށްފައި ވަނީ އޭނާގެ މައްޗަށެވެ.

ފްލޮއިޑްގެ އާއިލާއިން ވަނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ހަތަރު ފުލުހުންނަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމަށް ގޮވާލައިފަ އެވެ.

އަނެއް ތިން ފުލުހުން ވެސް މިހާރު ވަޒީފާއިން ވަކިކޮށްފައިވާއިރު، އެ ތިން މީހުންގެ މައްޗަށް އަދި އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

އެ މުޒާހަރާތަކާ ގުޅިގެން މިނެސޯޓާގައި ހުކުރު ދުވަހު ކާފިއު ހިންގާފައިވީ ނަމަވެސް، އާއްމުން ނުކުމެ، ވަނީ ގިނަ ވެހިކަލްތަކެއްގެ އިތުރުން އިމާރާތްތަކުގައި ހުޅު ޖަހައި، ބޮޑެތި ގެއްލުންތައް ދީފަ އެވެ.

މިނެސޯޓާގެ އިތުރުން، ނިއު ޔޯކް، އެޓްލާންޓާ އަދި ޕޯޓްލަންޑުގައިވެސް ވަނީ މުޒާހާރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގައިފަ އެވެ. އޭގެ އިތުރުން، ވޮޝިންގްޓަންގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން، ވައިޓް ހައުސް ވެސް ވަނީ ކުޑަ ވަގުތުކޮޅަކަށް ބަންދުކުރަން ޖެހިފަ އެވެ.