މޭ މަހުގެ 31 ވަނަ ދުވަހަކީ ބައިނަލަގްވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ޑަބްލިޔުއެޗް އިން ކަނޑައަޅާފައިވާ ދުވަހެވެ. މިއަހަރުގެ މި ދުވަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފާހަގަ ކުރެވިގެން ދިޔައިރު، މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ ވަރަށްވެސް މުހިންމު، އަހަރުމެން އެންމެން ނުހަނު ސަމާލުވާން ޖެހިފައިވާ ކަމެއްގެ މައްޗަށެވެ. އެއީ ޢަހަރުމެންގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމުގެ މައްޗަށެވެ.
ޑަބްލިޔުއެޗްއޯ އިން ހާމަ ކުރާ ގޮތުގައި އަހަރެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން 8 މިލިއަން މީހުން މަރުވާކަމަށްވެއެވެ. ކަން މިހެން ހުރިއިރު މި ވިޔަފާރި ކުރާ ފަރާތްތަކަށް އަހަރެއްގެ މައްޗަށް މި ގެއްލޭ އެތަށް މިލިއަން ކަސްޓަމަރުންގެ ބަދަލުގައި އިތުރު ކަސްޓަމަރުން ހޯލުދަމަށްޓަކައި އާމާޒު ހިފާފައިހުރީ މުޅިން އައު މިސްރާބަކަށެވެ. އެހެނީ މިއަދު ދުންފަތުގެ ވިޔަފާރި ކުރާ ކުންފުނިތަކުގެ އެންމެ ބޮޑު ލަނޑުދަނޑިއަކަށް ވެފައިވަނީ ވީހާވެސް ޅަ އުމުރު ފުރައެއްގައި ކުދިން ދުންފަތުގެ އިސްތިއުމާކު ކުރުމުގެ ޝައުގުވެރިކަން އުފެއްދުމަށެވެ. އަދި މިބައި މީހުން މިކަން ހާސިލް ކުރުމަށް އަންނަނީ ތަފާތު އެކި އުކުޅުތަށް ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި:
- ކުޑަ ކުދިންނާއި ޒުވާނުން ގަޔާވާނެ ފަދަ
- ފިލްމުތަކާއި އެކި ޓީވީ ޕްރޮގްރާމްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރުތައް ހިމެނުން
- ފިހާރައިގައި ކުދިންގެ ސަމާލުކަން ލިބޭނެ ފަދަ ތަންތަނުގައި ސިގަރެޓް ފޮށިތައް ބެހެއްޓުން ( މިސާލަކަށް މެޓާ ފަދަ ތަކެތި ކައިރީގައި )
- ސޯޝަލް މީޑީއާގައި އާންމު އެކި މީމް ތަކާ ވައްތަރުކޮށް ދުންފަތުގެ އިސްތިހާތުތައް ހެދުން
- ސޯޝަލް މީޑިއާގައި މަގްބޫލް އެކި ފަރާތްތައް ދުންފަތުގެ އެކި ޕްރޮޑްކްޓްތަކުގެ ސްޕޮންސަރުންގެ ގޮތުގައި ނެގުން
- ޒުވާނުންގެ މެދުގައި މަގްބޫލް އިވެންޓްތައް ސްޕޮންސަރ ކުރުމާއި ފެންނާނެހެން އިސްތިހާރުތައް ބެހެއްޓުން
- ޝީޝާ، އީ-ސިގަރެޓް އަދި ވޭޕް ފަދަ ތަކެތި އެކި ފްލޭވާ ތަކުން ލިބެން ހުރުން
މިނޫންވެސް އެތަކެއް ގޮތްގޮތުން ކުޑަކުދިންނާއި ޒުވާން ޖީލު ދުންފަތުގެ އިސްތިއުމާލު ކުރުމާ އަހުކުވެރިކުރުމަށްޓަކައި އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރެވެމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ 10 މީހުންގެ ތެރެއިން 9 މީހުންނަކީ އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާކު ކުރަން ފަށާ ކުދިންނެވެ. މިއިންވެސް ހާމަކޮށްދެނީ ޒުވާނުން މި އަނދިރި ވަޅުގަނޑަށް ވެއްޓުމުގެ ކުރިން ސަލާމަތްކުރުމުގެ މުހިންމު ކަމެވެ. ވީމާ މިއަދު ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރެވެމުން ދާ ހިނދު އަހަރުމެން އެކަންކަމާމެދު ފިކުރުކޮށްލުން ބުއްދިވެރިވާނެ ކަމަށް ގަބޫލުކުރެވޭ ބައެއް ކަންކަން ފާހަގަކޮށްލާއިރު:
- ސެކަންޑް ހޭންޑް ސްމޯކިންގް ނުވަތަ ތިމާގެ ވަށައިގެންވާ މީހުން ދުންފަތުގެ އިސްތިއުމާކު ކުރުމުގެ ސަބަބުން ދުނިޔޭގައި އަހަރެއްގެ މައްޗަށް އެއް މިލިއަން މީހުން މަރުވެއެވެ.
- ޒުވާން އިރު އީ-ސިގަރޭޓް ބޭނުންކުރާ ކުދިން ފަހުން ސިގަރޭޓް ބޯނެ ކަމުގެ ފުރުސަތުތައް އެހެން ކުދިންނާ އަޅާ ކިޔާއިރު ދެގުނަ މައްޗެވެ.
- ގިނަ އީ-ސިގަރޭޓް ތަކުގައި ހިމެނޭ ނިކޮޓިންއަކީ ކުދިންގެ ސިކުނޑި ހެދިބޮޑުވުމަށް ހުރަސް އަޅާނޭ މާއްދާއެކެވެ،
- ޝީޝާ ބުއިމަކީ އެހެނިހެން ދުންފަތުގެ އިސްތިއުމާލު ކުރުމެކޭ އެއްފަދައިން ހަމަ ހަށިގަނޑަށް ނުހަނު ނުރައްކާތެރި ކަމެކެވެ.
- ޝީޝާއިން އަރާ ދުމަކީ ވެސް ސިއްހަތަށް ނުރައްކާތެރި އެއްޗެކެވެ. އޭގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާތައްވެސް ހިމެނެއެވެ.
- ދުންފަތް އަނގަޔަށްލައިގެން ހުރުމާ ހެފުމަކީ އޭގެ ސަބަބުން އަނގައިގެ ކެންސަރު، ދަތް ވެއްޓުން، ދަތްތައް ރީނދޫވުން އަދި އެކި އެކި ހިރުގަނޑުގެ ބަލިތަކަށް މަގުފަހި ކުރުވާނޭ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ގެއްލުންތައް ފޯރު ކުރުވަނިވި ކަމަމަށަ ވީ އިރުވެސް އަދި ދުނިޔޭގެ ހުރިހާ ވިޔަފާރިއަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ވަގުތުގައިވެސް ދުންފަތުގެ ވިޔަފާރިއަށް އޮތް ޑިމާންންޑް ވަރަށްވެސަ ބޮޑެވެ. އެހެނީ އަހަރެއްގެ މައްޗަށް 9 ބިލިއަން އެމެރިކާ ޑޮލަރު މި ވިޔަފާރީގެ މާކެޓިންގްއަށް ހަރަދުކުރެވޭ ކަމަށް ވެއެވެ. ކަންމިހެން ހުރި އިރު އަހަރުމެންގެ އަޒުމަކަށް ވާންވާނީ ތިމާ އާއި ތިމާގެ އާއިލާ މި މަޅީގައި ނުޖެހުމެވެ. ހާއްސަކޮށް ބޮޑު ވަމުން އަންނަ ކުދިންނަށް މިކަމުގައި ހުރި ބިރުވެރި ކަމާއި ގެއްލުންތައް އޮޅުންފިލުވައިދީ ކިޔައިދީ މި ވަބާއިން ރައްކާތެރި ކުރުމަކީ އަހަރުމެން އެންމެންގެ ޒިންމާއެއްކަން ކަށަވަރެވެ.
މައުލުމާތު ނަގާފައިވަނީ: