ބޮލީވުޑް

ހަ އެކްޓަރުން ޒޯޔާގެ "ލަކް ބައި ޗާންސް"އަށް ނޫނެކޭ ބުނި

ޒޯޔާ އަހްތަރު އަކީ މިހާރު ބޮލީވުޑްގައި ފިލްމު އުފައްދާ އެންމެ މަޝްހޫރު އެއް ޑައިރެކްޓަރު ނަމަވެސް އޭނާ އެ މަސައްކަތް ފަށައިގަތްއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ޒޯޔާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ފެށީ މީރާ ނައިރްގެ "ސަލާމް ބޮމްބޭ"ގެ ކޮޕީރައިޓަރެއްގެ ގޮތުގަ އެވެ. އެ ފިލްމު ބަލާފައި އޭނާއަށް ވެސް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރެވިދާނެކަމަށް ފެނިގެން އެ ރޮނގަށް ވަންނަން ޒޯޔާ ނިންމީ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އަމިއްލައަށް ފިލްމު ޑައިރެކްޓްކުރަން ފެށީ އޭގެ ފަހުންނެވެ.

ނަމަވެސް ޒޯޔާ ޑައިރެކްޓަރެއްގެ ގޮތުގައި 2009 ގައި އުފެއްދި "ލަކް ބައި ޗާންސް" ކުރިޔަށް ގެންދެވުނީ ވަރަށް ހާލުންނެވެ. ފިލްމުގައި ދައްކަނީ ވެސް އެކްޓަރެއް ކާމިޔާބު ހޯދަންކުރާ ބުރަ މަސައްކަތެވެ. ފިލްމީ ވިޔަފާރީގެ ކަންތައްތައް ހަގީގަތުގައި އޮންނަ ގޮތާއި އެކްޓަރުންނަށް ދިމާވާ ކަންތައްތައް ވަރަށް ފުރިހަމައަށް މި ފިލްމުގައި ޒޯޔާ ގެނެސްދީފައި ވެއެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޝާއިއު ޖާވީދު އަޚްތަރު އާއި ހަނީ އިރާނީގެ ދެބެން ކުރެން ދޮށީ ޒޯޔާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނި ގޮތުގައި ފުރަތަމަ ފިލްމަށް އެކްޓަރަކު ހޯދަން ވެސް އޭނާއަށް ވަރަށް ދަތިތައް ކުރިމަތިވި އެވެ. އެގޮތުން އޭނާ އެ ފިލްމު ހުށަހެޅި ހަ އެކްޓަރުން ވެސް ފިލްމު ކުޅެދޭން އެއްބަސް ނުވިކަމަށް ޒޯޔާ ބުންޏެވެ. އެންމެ ފަހުން އެ ފިލްމު ކުޅެނީ ޒޯޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފަރްހާން އަހްތަރެވެ.

ޒޯޔާ ބުނި ގޮތުގައި ފަރްހާން ވަރަށް ކުރިއްސުރެ ތަމްސީލުތަކުގައި ބައިވެރިވެ އުޅޭތީ އޭނާ އެކްޓަރަކަށް ވާނެކަމަށް އެމީހުން ކުރިން ސުރެ ގަބޫލުކުރެ އެވެ. ނަމަވެސް ފަރްހާން އޭރު ބޭނުންވީ ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާށެވެ. އެގޮތުން އޭނާ "ދިލް ޗާހްތާ ހޭ" ފަދަ ރީތި ފިލްމެއް އޭރުވެސް ވަނީ އުފައްދާފަ އެވެ.

"އަހަރެން ބުނިން ފަރްހާން ކައިރީ ލަކް ބައި ޗާންސްގައި އެކްޓްކޮށްދޭންވީ ނޫންހޭ. އެއްވެސް އެކްޓަރެއް އެ ފިލްމު ކުޅެދޭން އެއްބަހެއް ނުވިޔޭ،" ޒޯޔާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ހަ އެކްޓަރުން އޭރު އޮތީ ފިލްމުގެ ސްކްރިޕްޓް ކިޔާފަ އެވެ. ފަރްހާން އަކީ ސްކްރިޕްޓް ކީ ހަތް ވަނަ އެކްޓަރެވެ. އަދި ދައްތަ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ކުޅެން ފަރްހާން އެއްބަސްވީ ހަމައެކަނި ދައްތައަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެ ސްކްރިޕްޓާ އޭނާ ހިތްހަމަޖެހުނު ވަރުންނެވެ. ޒޯޔާގެ ފިލްމުގައި އެކްޓްކޮށްދިނުމުގެ އިތުރުން ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ޒޯޔާ އާއި ފަރްހާން އެކުގައި މަސައްކަތް ކުރެ އެވެ.

ޒޯޔާގެ ކުރީގެ އިންޓަވިއު އެއްގައި އޭނާ ކިޔައިދީފައިވާ ގޮތުގައި ލަކް ބައި ޗާންސްގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ އޭނާ ހުށަހެޅީ މާދުރީ ޑިކްޝިޓް އަށެވެ. ނަމަވެސް މާދުރީ އޭރު އެއްބަސް ނުވީ އެވެ.

ލަކް ބައި ޗާންސްއަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ނުލިބުނަސް ކްރިޓީކްސްގެ ތައުރީފު ލިބުނެވެ. މި ފިލްމު އުފައްދައިގެން "ބެސްޓް ޑެބިއު ޑައިރެކްޓާ"ގެ ފިލްމުފެއާ އެވޯޑު ޒޯޔާ އަށް ލިބުނެވެ.