ބޮލީވުޑް

ރަންބީރު-އާލިއާ، ވަރުން-ނަތާޝާ ކައިވެނި 2021 އަށް

މިއަހަރު ބާއްވަން ހަމަޖެހިފައިއޮތް ބޮލީވުޑްގެ އެންމެ ބޮޑު ދެ ކައިވެނީގެ ރަސްމިއްޔާތު އަންނަ އަހަރަށް ފަސްކޮށްފި އެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏާއި ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެނި ލަސްކުރީ ކޮރޯނާވައިރަހުގެ ވަބާ އިންޑިޔާ އާއި މުޅި ދުނިޔެއަށް ފެތުރިފައިވާތީ އެވެ.

އިންޑިޔާގެ އޮންލައިން ނޫހަކުން ބުނި ގޮތުގައި މި ތަރިންގެ އާއިލާތަކުން ވަނީ ކައިވެނީގެ ކަންތައް މިއަހަރު ކުރިޔަށް ނުގެންދަން ނިންމާފަ އެވެ. ވަރުންގެ އާއިލާއިން މަޝްވަރާ ކުރުމަށްފަހު 2020 އަކީ އެއްވެސް އުންމީދެއް ނެތް އަހަރަކަށް ވާތީ އެ އަހަރު ކައިވެނީގެ ކަންތައް ކުރިޔަށް ނުގެންދަން އެއްބަސްވެފައިވާ ކަމަށް ވެއެވެ.

"ދަވަން އާއިލާ އާއި ދަލާލް އާއިލާ އިން މަޝްވަރާކުރުމަށްފަހު ދެ އާއިލާ ވެސް އެއްބަސްވެގެން މިގޮތަށް ނިންމީ. އެހެންވީމަ މިހާރު ވަރުން އާއި ނަތާޝާގެ ކައިވެނީގެ ކަންތައްތައް 2021 ގައި އަލުން ބަލުން ފަށަން އެމީހުން ވަނީ ނިންމާފައި،" މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ރަންބީރު އާއި އާލިއާގެ ކައިވެނި ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހަށެވެ. އަދި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މާ ބޮޑަށް ބަލިވުމުން ކައިވެނި އަވަސް ކުރަން ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް ރިޝީގެ ކުއްލި މަރާއެކު ކައިވެނި ކުރާ ތާރީހު ފަސް ކުރަން އެ އާއިލާއިން ވަނީ ނިންމާފަ އެވެ. ހާއްސަކޮށް މިއަހަރު ކައިވެނީގެ ކަންތައް ކުރިޔަށް ގެންދަން އެއްގޮތަކަށް ވެސް ދެ ފަރާތުގެ އާއިލާ ބޭނުމެއް ނޫނެވެ.

ހަބަރުތައް ބުނާ ގޮތުގައި އެމީހުންގެ ލޯބީގެ ގުޅުމަށް ރަސްމީ ސިފައެއް ގެންނަން ރަންބީރު އާއި އާލިއާ ވަރަށް ބޭނުމެވެ. ނަމަވެސް 2021 ގެ ދެ ވަނަ ހަ މަސް ދުވަހުގެ ތެރޭގައި ނޫނީ މިކަން އަދި ވާނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
ކޮރޯނާވައިރަހުގެ މައްސަލައަށް ހައްލެއް ފެނުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމާއެކު މިއަހަރު ތެރޭ ފިލްމީ ތަރިންގެ ކައިވެނިތައް ފެނުމަކީ ނާދިރު ކަމެކެވެ.