އޮފްބީޓް

ގޮއްފުޅަންގަކާ މީހަކު ކުރާ މަޖާ ސުވާލު

މިއަހަރު ދުނިޔޭގައި އުޅުނު އެއްވެސް މީހަކަށް 2020 ގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ އެވެ. އަހަރެމެންގެ ފަހަށް އަންނަން އޮތް ދަރިދަރިކޮޅަށް ދަންދެން ކިޔައިދޭ އެންމެ ތާރީހީ ހާދިސާތަކުގެ ތެރޭގައި 2020 ގައި މިހިނގާ ހާދިސާތައް ހިމެނޭނެކަން ޔަގީނެވެ.

ގިނަ މީހުން ބޭނުންވަނީ 2020 އަކީ ނުވެސް އަންނަ އަހަރަކަށް ހަދާށެވެ. އެހާވެސް މިއަހަރު ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިނަ އެވެ. ކޮރޯނާވައިރަހުގެ މުސީބާތުން ސަލާމަތް ނުވިގެން އުޅެނިކޮށް އިންޑިޔާއަށް އިތުރު މުސީބާތަކާ ވަނީ ކުރިމަތިވެފަ އެވެ. ގޮއްފުޅަނގީގެ ވަރުގަދަ ލަޝްކަރެއް ތޫފާނެއް ފަދައިން އެ ގައުމުގެ ބޮޑު ބަޔަކަށް އަރައި ދަނޑުބިންތައް ދަނީ ކައި ފަނާ ކުރަމުންނެވެ.

މިފަދަ ވަގުތެއްގައި ވެސް ބައެއް މީހުން އެމީހުންގެ މިޒާޖުގައި ހުންނަ މަޖާކަން ދޫކޮށެއް ނުލަ އެވެ. މާޔޫސްކަމާއި ހިތްދަތިކަމުގައި ދިރިއުޅެމުންދާ އެތައް މިލިއަން ބަޔެއްގެ މޫނަށް ހިނިތުންވުމެއް ގެނެސްދެވޭތޯ މިފަދަ މީހުން މަސައްކަތް ކުރެ އެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ މިފަދަ ގޮތަކަށް މީހަކު މަޖަލަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ. މި ވީޑިއޯގައި މީހަކު އިންނަނީ ގޮއްފުޅަނގިއެއް އިނގިލިކުރިން ހިފައިގެންނެވެ. އަދި އެ މީހާ އެ ގޮއްފުޅަންގާ ވަރަށް ހެއްވާ މަޖާ ސުވާލުތައް ކުރާތަން ވީޑިއޯއިން ފެނެ އެވެ.

ޒަފަރް އައްބާސް ކިޔާ މީހަކު ޓުވިޓާގައި ޝެއާކޮށްފައިވާ މި ވީޑިއޯގައި މި މީހާ ގޮއްފުޅަންގާ ކުރާ އެއް ސުވާލަކީ އެސޮރުގެ އެޖެންޑާއަކީ ކޮބައިތޯ އެވެ؟

"ތެދަށް ބުނޭ ކަލޭ އިންޑިޔާއަށް އައީ ކީއްކުރަން؟ ކަލޭ މިފަހަރު ދުލެއް ނުކުރާނަން މަށެއް. އަތުން ދޫވާން އުޅޭނެ ކަމެއް ނެތް. ތެދަށް ބުނޭ ކޮބާ ކަލޭގެ ފޮރުވިފައިވާ އެޖެންޑާ އަކީ. ގޮއްފުޅަނގީގެ ބޮޑު އައިންގަނޑަކާއެކު ކަލޭ އައިސް އަހަރެމެންގެ ދަނޑުތަކާއި ގަސްތައް ކައި ތި ހުސްކޮށްލީ ދެ ތިން މިނިޓް ތެރޭ،" މި މީހާ ގޮއްފުޅަނގި އާ ސުވާލު ކުރަމުން ގެންދިޔަ އެވެ.

މި ސުވާލުތައް ކުރަމުން ދިޔައިރު ގޮއްފުޅަނގި އެ މީހާގެ އަތުން ސަލާމަތްވާންވެގެން ވަރަށް މަސައްކަތްކުރާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.