ހަބަރު

ގުޅީފަޅު ހިއްކާތީ ވިލިމާލެ ފަރަށް ގެއްލުންވާ މައްސަލަ މަޖިލީހަށް

May 31, 2020
4

ގުޅީފަޅު ބޮޑު ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުންވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ގުޅީފަޅުގެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކަނީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމަށްޓަކަ އެވެ. މި މަސައްކަތް ކުރަމުންދަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މަސައްކަތް ފެށި ފަހުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރުތައް މަދުވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީގައި މެންބަރު އުޝާމް ވިދާޅުވެފައިވަނީ ވިލިމާލެ ފަރަކީ މާލޭ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުން ކުރާ ސަރަހައްދަކަށްވާއިރު އެތަަން ހަލާކުވެ ދިޔުމަކީ ދާއިރާއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.

އުޝާމް ފާހަގަ ކުރެއްވި ގޮތުގައި ފަރަށް ގެއްލުންވަމުން ދަނީ ގާނޫނުތަކާ އެއްގޮތަށް ފިޔަވަޅުތައް އެޅުމެއް ނެތި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. ގުޅީފަޅު ބިން ހިއްކަން ފެށުމުން ފަރަށް ކިސަޑު އެޅޭނެ ކަމަށް އީއައިއޭ ރިޕޯޓްގައިވާ ކަމަށާއި އަދި އޭގެ އަސަރުތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިިވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތައް އަޅާފައިނެތެވެ.

އެހެންވެ އެކަން މަޖިލީހުން ބަލައިދެއްވުމަށް އުޝާމް ވަނީ އެދިވަޑައިގެންފަ އެވެ.

އަމިއްލަ މެންބަރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ބިން ހިއްކުމަކީ ބައެއް ފަހަރަށް ކުރަން ޖެހޭ ކަމަކަށްވީ ނަމަވެސް އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުން މުހިންމު ކަމަށެވެ.

މި މައްސަލާގައި އީޕީއޭއިން ބުނެފައިވާ އެކަން ބަލަމުންދާ ކަމަށާއި އަދި ގެއްލުންތައް މޮނީޓާކުރަމުންދާ ކަމަށެވެ. މި މައްސަލާގައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭގެ އިސްބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ އީޕީއޭގެ ވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން އިންޒާރު ވެސް ދީފައިވެ އެވެ.