ދިމާވާ އެކި މައްސަލަތަކުގައި މައި އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަކެއާ މުވައްޒަފުންނާއި "ލައިވް ޗެޓް" ކުރުމުގެ ފުރުސަތު އުރީދޫއިން ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
އުރީދޫ އިން ބުނީ، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ކަސްޓަމަރުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ މައިގަނޑު އަމާޒު ކަމަށެވެ.
ޑިޖިޓަލް މާހައުލެއްގައި ކަސްޓަމަރުންނާ މުއާމަލާތްތަކުރަން މިއަދު ތައާރަފުކުރި ޕްލެޓްފޯމް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް އެކުންފުނީގެ ކަސްޓަމާ ކެއާ މުވައްޒަފުންނާ މުއާމަލާތް ކުރެވޭނެ އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި، ހިދުމަތްތަކާ މެދު ކަސްޓަމަރުން ދެކޭ ގޮތް އެނގުމުގެ މަގު ފަސޭހަވެގެން ދާނެ އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ތައާރަފުކުރެވުނު ލައިވް ޗެޓަކީ އުރީދޫއާއި އެތަނުގެ ކަސްޓަމަރުންނާ ފަސޭހައިން ގުޅާލެވޭނެ ފާލަމަކަށް ވާނެ ކަމަށެވެ. އަދި މި ޕްލެޓްފޯމުގެ ސަބަބުން އުރީދޫގެ ހިދުމަތް ރަނގަޅުކުރަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެވޭނެ ކަމަށް ވިކްރަމަ ވިދާޅުވި އެވެ.
"ސްމާޓް ސޮލިއުޝަންތައް ބޭނުންކޮށްގެން ކަސްޓަމަރުންނާ މުއާމަލާތުކުރަން އުފެއްދުންތެރި ގޮތްތަކެއް ލިބުމާއެކު އުރީދޫގެ ކަސްޓަމަރުންނަށް އަޅުގަނޑުމެންނާއެކު ކުރެވޭ ތަޖުރިބާތަކަށް ހެޔޮ ބަދަލެއް އަންނާނެ،" ވިކްރަމް ވިދާޅުވި އެވެ.
މައި އުރީދޫ މޯބައިލް އެޕްލިކޭޝަނަށް ގެނެސްފައިވާ މި އަޕްޑޭޓް މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގޫގްލް ޕްލޭ ސްޓޯރު މެދުވެރިކޮށް ލިބޭނެ އެވެ. މި އަޕްޑޭޓާއި އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް މެނޭޖްކުރުމާއި އުރީދޫގެ ފަރާތުން އެހީ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.