ދުނިޔެ

ރައީސަކު ހޮވަން ލަންކާގައި ވޯޓުލާން ފަށައިފި

ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސްގެ ފަރާތުން މިހާރުގެ ވެސް ރައީސް މަހިންދަ ރާޖަޕަކްސަ ވާދަކުރައްވާއިރު އަނެއްކޮޅުން ވާދަކުރައްވަނީ ނިއު ޑިމޮކްރަޓިކް ފްރަންޓުގެ ނަމުގައި އިއްތިހާދު ވެފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް މައިތްރީޕަލާ ސިރިސޭނާ އެވެ.

ލަންކާގައި 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ ރާޖަޕަކްސަގެ ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން މި އިންތިހާބު ބާއްވަން ނިންމެވި އިރު އޭނާ އަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. ނަމަވެސް ރާޖަޕަކްސަގެ އަރިސް ބައެއް ބޭފުޅުންނާއި ޕާޓީގެ މަޖިލިސް މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅުމާ އެކު މިއީ އާދަޔާ ހިލާފް ވާދަވެރި އިންތިހާބަކަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރާޖަޕަކްސަގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ސިރިސޭނާ އަށް ތާއީދުކުރަން ނިންމައިފަ އެވެ.

ސްރީ ލަންކާގެ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމުން ރާޖަޕަކްސަ އަށް ވަރަށް ބޮޑަށް ތާއީދު އިތުރުވެގެން ދިޔަ އެވެ. ނަަމަވެސް ކޮރަޕްޝަންގެ ތުހުމަތުތައް އިތުރުވުމާއި ބާރުތައް މުށުތެރެއަށް ލެއްވުން ވެގެން ދިޔައީ ތާއީދު ކުޑަވެގެން ދިޔަ މައިގަނޑު ސަބަބަށެވެ. ގައުމުގެ މުހިންމު ހުރިހާ މަގާމެއްގައި ރައީސްގެ އާއިލީ ބޭފުޅުން ތިއްބެވި އިރު ގައުމު މިހާރު ހިނގަނީ ރައީސްގެ އަމިއްލަ ތަނެއްގެ ގޮތުގައި ކަމަށް ދެކޭ މީހުން ގިނަ އެވެ.

ކުރީގެ ހެލްތު މިނިސްޓަރު ސިރިސޭނާ އަކީ ކޮރަޕްޝަންގެ ތުހުމަތު ނެތް ބޭފުޅަކަށް ވުމުން ރާޖަޕަކްސަގެ މައްޗަށް ކުރި ހޯދަން ފަސޭހަވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ރާޖަޕަކްސަ އަށް އެންމެ ގިނައިން ލިބޭނީ ސިންހަޅައިންގެ ވޯޓް ކަމަށް ވިޔަސް ސިރިސޭނާ އަށް ވެސް ސިންހަޅައިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތާއީދުުކުރާ ކަމަށް ހިޔާލު ހޯދުންތަކުން ދައްކަ އެވެ. އަޣުލަބިއްޔަތު އޮތް ސިންހަަޅައިން ފިޔަަވައި ލަންކާގައި އުޅޭ އެހެން ނަސްލުތަކުގެ މީހުން ވެސް ގިނައިން ވޯޓު ދޭނީ ސިރިސޭނާ އަށް ކަމަށް ބެލެވެ އެވެ. ބައި މަދު ނަސްލުތަކުގެ މީހުން ގައުމުގެ ޖުމުލަ އާބާދީގެ 30 ޕަސެންޓް ހިއްސާކުރެ އެވެ. ނަމަވެސް ސިންހަޅައިންގެ ބޮޑު އާބާދީއެއް ރާޖަޕަކްސަ އަށް އަދިވެސް ވަރަށް ބޮޑަށް ތާއީދުކުރެ އެވެ.

ރާޖަޕަކްސަ ވިދާޅުވެފައި ވަނީ ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް ގަބޫލުކުރައްވާނެ ކަމަށާއި އިންތިހާބު ކާމިޔާބުކުރާ މީހަކަށް ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ކާމިޔާބު ވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށެވެ.

އިންތިހާބުގެ ކެމްޕޭނު ތެރޭގައި ހަމަނުޖެހުންތައް ހިނގާފައި ވާއިރު ސަރުކާރާ ދެކޮޅު ކޭމްޕުގެ މީހަކު ބަޑީގެ ހަމަލާއެއްގައި މަރު ވެސް ވެފައިވެ އެވެ. އަދި ވޯޓުލާ މީހުންނަށް ހުރަސް އަޅައި ބިރު ދެއްކުމުގެ އަމަލުތައް ހިންގާ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަަމުންނެވެ.