އެމެރިކާގެ ފުލުހުން މަރާލި ކަޅު ނަސްލުގެ މީހާ ޖޯޖް ފްލައޮޑްގެ މަރަށް އިންސާފު ހޯދައި ދޭން ގޮވާލުމުގެ ގޮތުން ބުންޑެސް ލީގާގެ ޒުވާން ކުޅުންތެރިން ހިމޭން މެސެޖެއް ދީފި އެވެ.
ބުރޫޝިއާ ޑޯޓަމުންޑްގެ ޖޯޑަން ސަންޗޯ އާއި މޮންޗެންގްލެޖްބާކްގެ ފޯވަޑް މާކޯސް ތުރާމް ވަނީ، އެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު. ފްލޮއިޑްގެ މަރަށް އިންސާފު ހޯދައިދޭން ހިމޭން މެސެޖެއް ދީފަ އެވެ. ޔޫނިއަން ބާލިން އާ ދެކޮޅަށް ގުލެޖްބާކް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ވޯލްޑް ކަޕް ވިނިން ޑިފެންޑަރު ލިލއަން ތުރާމްގެ ދަރިފުޅު މާކޯސް ތުރާމް ވަނީ، އުފާފާޅު ކުރުމުގެ ތެރެއިން ޓީމުގެ އެހެން ކުޅުންތެރިންނާ ދުރަށް ޖެހި އެއް ކަކޫ ބިމުގައި ޖެއްސުމަށް އަނެއް ކަކޫ މައްޗަށް އިސް ތިރިކޮށް ކުރުނީސް ކޮށްފަ އެވެ. އެއީ ފްލޮއިޑްގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ބޭނުން ކުރާ ސިމްބަލް އެކެވެ. ކަޅު ނަސްލުގެ މީހުނަށް ކުރާ އިހްތިރާމްގެ ސިމްބަލްއެއް ގޮތަށް އެންމެ ފުރަތަމަ އެހެން ހެދީ 2016 ވަނަ އަހަރު އެމެރިކާގެ އެންއެފްއެލްގެ ކަޅު ނަސްލުގެ ކުޅުންތެރިޔެއް ކަމަށްވާ ކޮލިން ކައިޕިއާނިކް އެވެ.
ޔޫނިއަން އާ ދެކޮޅަށް ކުޅުނު މެޗު ގްލެޖްބާކް ކާމިޔާބު ކުރީ 4-1 ންނެވެ. އެ މެޗުގައި ތުރާމް ވަނީ ދެ ލަނޑު ޖަހާފަ އެވެ. މެޗަށް ފަހު ތުރާމް ކުރި ޓްވީޓެއްގައ ބުނެފައި ވަނީ، ބަދަލު ގެންވޭނީ (ހުރިހާ ނަސްލެއްގެ މީހުންވެސް) އެކުގައި ކުރިއަށް ގޮސްގެން ކަމަށެވެ.
ގްލެބާކްގެ ކޯޗް މާކޯ ރޯސް ވަނީ، ތުރާމް ދެއްކި މިސާލަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތުރާމް ތެދުވުމުން މުޅި ޓީމުން އޭނާ އާއެކުގައި ތިބި ކަމަށެވެ.
ޕާޑާބޯން އާ ދެކޮޅަށް ޑޯޓަމުންޑް ކުޅުނު މެޗުގައި ސަންޗޯ ވަނީ ހެޓްރިކް ހަދާފަ އެވެ. ފުރަތަމަ ލަނޑު ޖެހުމަށް ސަންޗޯ ވަނީ އޭނާ ޖޯޒީ ބާލައި ޖޯޒީގެ ދަށުން ލާފައިވާ ޓީޝާޓްގައި ފްލޮއިޑަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ލިޔެފައިވާ މެސެޖު ދައްކާލާފަ އެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ޖޮޒީ ބޭލުމަކީ ރީނދޫ ކާޑު ދައްކަން ޖެހޭ ކަމެކެވެ. އެހެންވެ މެޗުގެ ރެފްރީ ވަނީ ސަންޗޯއަށް ކާޑު ދައްކާފަ އެވެ.
އުމުރުން 20 އަހަރުގެ ފޯވަޑް ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކާއެކު މެޗަށް ފަހު އޭނާ އިންސްޓަގްރާމްގައި ބުނެފައި ވަނީ، ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހެދުމުން އުފާވާ ކަމަށެވެ. އޭނާ ބުނީ މި ވަގުތަކީ ހިތާމަޔާއި އުފަލުގެ ވަގުތެއެއް ގޮތުގައި އަމިއްލައަށް އިހްސާސް ކުރެވޭ ކަމަށެވެ.
"މިހާރު ދުނިޔޭގައި މާ މުހިންމުކަން އެބަހިނގާ އަހަރެމެން މާބޮޑަށް ސަމާލުކަން ދޭން ޖެހޭ، އެކަންކަމަށް މަސައްކަތް ކޮށް ބަދަލު ގެންނަން މަސައްކަތް ކުރަން ޖެހޭ." އިންސްޓްގާރްމްގައި ސަންޗޯ ލިޔެފައި ވެއެވެ.
ޑޯޓަމުންޑްގެ ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ވަނީ، ލަނޑު ޖެހުމަށް ފަހު އޭނާގެ ބެނިއަމްގައި ފްލައިޑްގެ މަރަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ލިޔެފައިވާ އިބާރާތް ދައްކާލާފަ އެވެ. މެޗަށް ފަހު އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އެކުގައި މަސައްކަތް ކޮށްގެން ނަސްލީ އިމްތިޔާޒް ބަލި ކުރަން ޖެހޭ ކަމަށެވެ.
ބީޓީ ސްޕޯޓްސްގައި ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔާން މިޔުނިކްގެ ކުރީގެ މިޑްފީލްޑަރު އޮވެން ހާގްރީވްސް ބުނީ ޒުވާން ކުޅުންތެރިން ދެއްކި ނަމޫނާއަށް ތައުރީފް ކުރަން ޖެހޭ ކަމަށެވެ.
"އަހަރެމެންގެ މުޖުތަމައުގައި އޮވެގެން ނުވާނެ ކަންތައްތަކާ ދެކޮޅަށް ތެދުވުމުގައި ޒުވާން ކުޅުންތެރިން އިސްނެގުމަކީ ވަރަށް ބޮޑަށް ފާހަގަ ކުރަން ޖެހޭ ކަމެއް." އޭނާ ބުނެފައި ވެއެވެ.
އަނިޔާވެރި ގޮތަކަށް އެމެރކާގެ ފުލުހުން ފްލޮއިޑް މަރާލީ މިދިޔަ ހޯމަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެކަމުގައި އުޅުނު ފުލުހުން ވަޒީފާއިން ވަކި ކުރި އެވެ. މުޒާހަރާތައް ހޫނުވެ، ޕްރެޝަރު ބޮޑުވުމުން އެކަމުގައި އުޅުނު ކުރީގެ ފުލުހުންތައް ހައްޔަރު ކުރި އެވެ. އެމެރިކާގެ ފުލުހުންނާ ދެކޮޅަށް ކުރާ މުޒާހަރާ ދަނީ އެ ގައުމުގެ ގިނަ ސްޓޭޓްތަކެއްގައި ފެތުރެމުންނެވެ.