އިންޑިއާ

ކިޑްނީ ބޭނުން ކަމަށް ބުނެ އިޝްތިހާރު ޖަހައިގެން ލަނޑު ދެނީ

ކިޑްނީއެއް ހަދިޔާ ކުރާ މީހަކަށް އެއް ކްރޯޑު ރުޕީސް ދޭނެ ކަމަށް ބުނެ ފޭސްބުކްގައި ޖަހާފައިވާ އިޝްތިހާރަކަށް އިޖާބަ ދިން މީހަކަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ. އިންޑިޔާގެ ބެންގަލޫރޫގައި ދިރިއުޅޭ 25 އަހަރުގެ އައިޝްވަރިޔާ (އަސްލު ނަމެއް ނޫން) އަށް މި އޮންލައިން އިޝްތިހާރަށް އިޖާބަ ދިނުމުގެ ސަބަބުން ތިން ލައްކަ ރުޕީސް އަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ވަބާގެ ސަބަބުން އައިޝްވަރިޔާ އަށް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އޭނާގެ މައިންބަފައިންގެ މާލީ ތަނަވަސްކަން ވެސް ވަރަށް ދަށްވެ އެ މީހުންވެސް ތިބީ ފަގީރު ހާލުގަ އެވެ.

ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ހޯދަން ފޭސްބުކްގައި މީހަކު ޖަހާފައިވާ އިޝްތިހާރަކަށް އައިޝްވަރިޔާގެ ސަމާލުކަން ހުއްޓުނީ މިފަދަ ދަތި ހާލުގައި އުޅެނިކޮށެވެ. އެއީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މި އިޝްތިހާރުގައި ބުނެފައިވާ ގޮތުން ކިޑްނީ ހަދިޔާކުރާ މީހަކަށް އެއް ކްރޯޑު ރުޕީސް ދޭނެ އެވެ.

އޭނާގެ އެއް ކިޑްނީ ހަދިޔާކޮށްގެން މައިންބަފައިންނަށް ދިމާވެފައިވާ ދަތިތައް ފިލުވާދީ ޚުދް އޭނާއަށް ވެސް ހަމަޖެހިލެވިދާނެކަމަށް އައިޝްވަރިޔާ ގަބޫލު ކުރި އެވެ. އެހެންވެ އިޝްތިހާރުގައިވާ މޮބައިލް ނަންބަރަށް އޭނާ މެސެޖެއް ފޮނުވި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރު ބުނާ ގޮތުގައި ފަހުން އެ އަންހެންމީހާ އިޝްތިހާރުގައިވާ ނަންބަރަށް ގުޅުމުން ފިރިހެނަކު ފޯނު ނަގާފައި އެއީ ހާޑާ ފެންގް ކިޔާ މީހެއް ކަމަށް ބުންޏެވެ. ކިޑްނީ ހަދިޔާކުރުމުގެ ކަންތައް ކުރަން ޖެހޭނީ ގާނޫނީ ގޮތުން އެކަން ކުރެވެން އޮތް ގޮތަށް ކަމަށާއި އެކަމަށްޓަކައި ޑޯނާ ކާޑެއް ހަދަން ޖެހޭނެ ކަމަށް އެމީހާ އައިޝްވަރިޔާ ކައިރީ ބުނި ކަމަށް ވެއެވެ.

އެހެންވެ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށާއި ޓެކްސް އައިޑެންޓިފިކޭޝަން ފީ އަށް އަދި ޕޮލިސް ހުއްދަ ނަގައިގެން ބޭނުންވާ ފައިސާ ޖަމާކޮށްދިނުމަށް އެދި ތިން އެކައުންޓް ނަންބަރެއް އެ މީހާ ފޮނުވި އެވެ.

މި ހުރިހާ ކަންކަމަށް ފައިސާ ހޯދަން އައިޝްވަރިޔާ ވަނީ އޭނާގެ އަތުގައި ހުރި ރަނުގެ ގަހަނާތައް ވެސް ވިއްކާލާފަ އެވެ. ދެން ވެސް އަތުގައި ހުރިނަމަ ހުރި ފައިސާއެއް އެއްކޮށްގެން ވެސް އޭނާއަށް ހަމަކުރެވެނީ 3.1 ލައްކަ ރުޕީސް އެވެ. އެ ފައިސާ އޭނާ ޑިޕޮސިޓް ކުރިފަހުން ފެންގް އާ ގުޅޭ ގޮތެއް އެއްގޮތަކަށް ވެސް ނުވީ އެވެ. އޭނާ ކުރާ ކޯލްތަކާއި ފޮނުވާ މެސެޖުތަކަށް ވެސް އެ މީހާ އޭގެ ފަހުން އެއްގޮތަކަށް ވެސް ޖަވާބެއް ނުދެ އެވެ.

އައިޝްވަރިޔާ ބުނީ އެ ފިރިހެންމީހާގެ ވަޓްސްއަޕް އެކައުންޓް އަދިވެސް އެކްޓިވް ނަމަވެސް އޭނާގެ އެއްވެސް މެސެޖަކަށް އެ މީހާ ޖަވާބު ނުދޭ ކަމަށެވެ.

މި އަންހެންމީހާ މިހާރު ވަނީ މުމްބައި ކްރައިމް ޕޮލިސްގައި މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށްފަ އެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވަނީ އައިޝްވަރިޔާ ފައިސާ ޑިޕޮސިޓްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ހުރިހާ ފައިސާ ނަގާފައިވާ ކަމަށެވެ.