ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

އެއްލާލި 70 އަހަރުގެ މަންމައަކަށް ސޯނޫ ސޫދުގެ އެހީ

ކޮވިޑް-19 އިގެ ސަބަބުން އެކި ރަށްތަކުގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ލޯބިވާ އާއިލާގެ ކައިރިއަށް ދިއުމަށް ކެތް މަދުވެފައި ތިބިއިރު ދާނެ ތަނެއް، ހަދާނެ ގޮތެއް ނޭނގިފައި ތިބި މީހުން ވެސް އިންޑިޔާގައި މަދެއް ނޫނެވެ. ހާލުގައި ޖެހުމުން ބައެއް އާއިލާތަކުން އެ އާއިލާގެ ދުވަސްވީ މީހުން ނަގާ މަގުމައްޗަށް ވަނީ ހޫރާލާފަ އެވެ. މިފަދަ މީހުން ކާން ބޯނެ ގޮތެއް ނެތި އަދި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ހަދާނެ ގޮތް ހުސްވެފައި އެބަތިއްބެވެ.

ލީލާވަތީ ކެދާރްނާތު ޑުބޭ އަކީ އުމުރުން ދުވަސްވެފައިވާ މިފަދަ އަންހެނެކެވެ. މިހާރު 70 އަހަރު ވެފައިވާ މި އަންހެންމީހާގެ ފިރިހެންދަރި ވަނީ އޭނާއަށް އަނިޔާކޮށް ގޭން ނެރެލާފަ އެވެ. އެހެންވެ އޭނާ މިހާރު ދިރިއުޅެނީ މުމްބައިގެ ރޭލްވޭ ސްޓޭޝަންގަ އެވެ. ރޭލަކަށް އަރައިގެން ދިއްލީގައި އުޅޭ އޭނާގެ އެހެން ދަރިއެއްގެ ކައިރިއަށް ދިއުމުގެ އުންމީދުގައި އޭނާ އެތާނގައި ދިރިއުޅޭ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.

މި މީހާއަށް މިހާރު ވަނީ އެކްޓަރު ސޯނޫ ސޫދުގެ އެހީތެރިކަން ލިބިފަ އެވެ. ސޯނޫ އަށް މި މީހާއަށް އެހީތެރިވާން އެނގުނީ އޭނާ ޓެގްކޮށްފައި މީހަކު ޓުވިޓާގައި މިމީހާއަށް އެހީތެރިވެދިނުމަށް އެދި ޖަހާފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.

ދިވްޔާ ގުޕްތާ ކިޔާ އަންހެނަކު ވަނީ މި އަންހެންމީހާ ދިއްލީއަށް ދާން އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯނޫގެ ކިބައިން އެދިފަ އެވެ.

އިންޑިޔާގެ އެކި ހިސާބުތަކުން އެކި މަސައްކަތްތައް ކުރަން މުމްބައި އަށް އައިސް ތިބި އެތައް ހާސް ބަޔަކަށް އަމިއްލަ ރަށަށް ދިއުމަށް ސޯނޫ ވަނީ އެހީތެރިވެދީފަ އެވެ. އެގޮތުން މިހާތަނަށް އޭނާ 15،000 މީހުން ބަހުގަޔާއި ވައިގެ މަގުން އެމީހުންގެ ރަށް ރަށަށް ފޮނުވައިދީފައި ވެއެވެ.

"މިއަދު ވާނީ އޭނާއަށް (ހާލުގައި ޖެހިފައިވާ އަންހެންމީހާ އަށް) ވަރަށް ޚާއްސަ ދުވަހަކަށް،" އޭނާ ޓެގްކޮށް ޓުވީޓްކުރި މީހާއަށް ސޯނޫ ދިން ޖަވާބުގައި ބުނެފައި ވެއެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު ސޯނޫއަށް އޮހެން ފެށީ އެވެ. އަދި އަންހެންމީހާއަށް އަނިޔާކޮށް ގެއިން ނެރެލި އެ މީހާގެ ފިރިހެން ދަރިއަށް ގިނަ ބަޔެއްގެ ރުޅިވެރިކަން އަމާޒުވި އެވެ.

ލީލާވަތީ ބުނި ގޮތުގައި އޭނާ ދިރިއުޅެނީ ދިއްލީގަ ދޮށީ ފިރިހެން ދަރިފުޅާ އެކުގަ އެވެ. މުމްބައި އަށް އައީ ހަގު ފިރިހެން ދަރިފުޅު ބަލިވެގެން އޭނާއެހީތެރިވެދޭން ދޮށީ ދަރިފުޅު ފޮނުވީމަ އެވެ. ބަލި ރަނގަޅުވުމުން ހަގު ފިރިހެންދަރި އޭނާއަށް އަނިޔާކޮށް ގޭން ނެރެލީ ކަމަށް މި އަންހެންމީހާ ބުންޏެވެ. މިހާރު ދިރިއުޅެނީ ސަލާން ޖަހައިގެން މީހުން ދޭ އެއްޗެހި ކައިގެން ކަމަށް ވެސް ދިވްޔާމަތީ ބުންޏެވެ.

ނަމަވެސް ދިއްލީ އަށް ދިޔަޔަސް އެ ރަށުގައި ހުރި އޭނާގެ ދަރިފުޅު ވެސް ގެޔަށް ވައްދާނެކަމުގެ އެއްވެސް އުންމީދެއް އަންހެންމީހާ އަކަށް ނެތެވެ. ނަމަވެސް އެ ރަށަށް ގޮސް ވާހާލެއްގައި ވާން އުޅެން އޭނާ ބޭނުންވެ އެވެ. މި މީހާއަށް އެހީތެރިވުމުގެ ގޮތުން ސޯނޫ ކޮށްދޭނެ ކަންތައްތަކެއް އަދި ނޭނގުނު ނަމަވެސް އޭނާއަށް އެހީތެރިވާނެކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ.