ކޮރޯނާވައިރަހުގެ ބިރުވެރިކަން 2019 ގައި ދުނިޔެއަށް ވެރިވީއްސުރެ މިހާތަނަށް މި ބަލީގެ ދެ ތިން ރާޅެއް ނުބިންދާލާ ގައުމެއް ވަރަށް މަދެވެ. އަދި މަޝްހޫރު ފިލްމު އިންޑަސްޓްރީތަކަށް ވެސް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން ދިޔަ އެވެ.
އާ އަހަރަށް ދުނިޔެ ކުރިމަތިލީއިރު ގިނަ ބަޔަކު ގަބޫލު ކޮށްގެން ތިބީ ކޮވިޑް-19 އިން ދުނިޔެއަށް ސަލާމަތް ވެވިދާނެ ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް އާ ވޭރިއަންޓެއްގެ ބިރުވެރި އިންޒާރުގެ ރަނގަބިލު މުޅި ދުނިޔޭގައި ދަނީ ގުގުމަމުންނެވެ. އަދި ފިލްމު އިންޑަސްޓްރީތަކުގެ މީހުންނަށް ބަލި ޖެހޭ އަދަދު ދުވަހެއް ދުވަހަށް އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަ ކުރެވެ އެވެ.
އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ކޮވިޑް ފެތުރޭ މިންވަރު އިތުރުވާން ފެށި ފަހުން ބަލި ޖެހުނު ބޮލީވުޑްގެ އެއް އެކްޓަރަކީ ކަރީނާ ކަޕޫރެވެ. ކަރީނާ އާއެކު އޭނާގެ ގާތް އެކުވެރިޔާ އަދި ބަތަލާ އަމްރިތާ އަރޯރާ އަށް ވެސް ބަލި ޖެހުނެވެ. އޭގެ ފަހުން އަރްޖުން ކަޕޫރާއި އޭނާގެ އާއިލާގެ ގިނަ ބަޔަކަށް ވަނީ ބަލި ޖެހިފަ އެވެ.
އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެކްޓަރުންގެ ތެރޭގައި ނޯރާ ފަތޭހީ ކުރީގެ މަޝްހޫރު އެކްޓަރު ޕްރޭމް ޗޯޕްޅާ ހިމެނެ އެވެ. އަދި ޕްރޮޑއުސަރު އެކްތާ ކަޕޫރު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.
އަދި އެކްޓަރު ޖޯން އެބްރަހަމް އާއި އަންހެނުން ޕްރިޔާ ރުންޗަލް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަ ކޮށްފަ އެވެ.
ޓީވީ ތަރިންގެ ތެރެއިން ކަޕިލް ޝަރުމާ ޝޯގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ސުމޯނާ ޗަކްރަވަތީ އަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި "ގީތު ހުއީ ސަބްސޭ ޕަރާއީ" އާއި "މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން"ގެ ބަތަލާ ދްރަޝްތީ ދަމި ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި މިހާޜު ސޮނީ ޓީވީން ދައްކާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ ލީޑް އެކްޓަރު ނަކުލް މެހެތާ އަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.
ބޮލީވުޑް ފިލްމު ޑައިރެކްޓަރު ރާހޫލް ރަވައިލް އާއި ބަތަލާ މުރުނާލް ޓާކޫރް ވެސް މިހާރު ދަނީ ކޮވިޑް ޖެހި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި އަލާޔާ އެފް އާއި ޝިލްޕާ ޝިރޯދްކަރް އަށް ވެސް ބަލި ޖެހިފައިވާކަން އެމީހުން ހާމަ ކޮށްފައި ވެއެވެ.