ބޮލީވުޑް

އޯޓީޓީ ޕްލެޓްފޯމް ފިލްމުތައް ކުޅެން ބޭނުމެއް ނޫން: ޖޯން

ޖޯން އެބްރަހަމް މިހާރު ވަނީ އޭނާ މިހާރު ކުޅެ ނިމި ރިލީޒްކުރަން ތައްޔާރުވެފައިވާ "އޭކް ވިލަން 2"ގެ ޕްރޮމޯޝަން މަސައްކަތް ފަށާފަ އެވެ.

ދިޝާ ޕަޓްނީ އާއި އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖޯން ބުނީ އޭނާއަކީ އޯޓީޓީ އެކްޓަރެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޖޯންގެ އެންމެ ފަހުން ރިލީޒްވި "އެޓޭކް ޕާޓް 1" ވަނީ ސިނަމާގައި ރިލީޒްކުރިތާ ދެ މަސް ދުވަސް ފަހުން އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކޮށްފަ އެވެ. "އެޓޭކް ޕާޓް 1"ގެ ޕްރޮޑިއުސަރަކީ ވެސް ޖޯން އެވެ.

"އަހަރެން އޯޓީޓީ ޕްލެޓްފޯމްގައި މަސައްކަތް ކުރަން ޝައުގުވެރިވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި. އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާކަށް ބޭނުމެއް ނޫން. އޯޓީޓީ އަށް ކިތަންމެ ފިލްމެއް ވެސް ޕްރޮޑިއުސް ކޮށްފާނަން. ނަމަވެސް ކުޅޭނީ ހަމައެކަނި ބޮޑު ސްކްރީން ފިލްމުތައް،" ޖޯން ބުންޏެވެ.

ޖޯން ބުނި ގޮތުގައި އޭނާއަކީ ބޮޑު ސްކްރީން ހީރޯ އެކެވެ. އަދި އެކަން ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނީ ހަމަ އެގޮތަށެވެ. އަދި އެންމެ 299 ރުޕީސް ނުވަތަ 499 ރުޕީސް އަށް އޭނާގެ ފިލްމު ނުބެލޭނެ ކަމަށާއި އެއީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށްވެސް ޖޯން ބުންޏެވެ.

ޖޯންގެ "އެޓޭކް ޕާޓް 1" ބޮކްސް އޮފީހުގައި އެދެވޭ ނަތީޖާއެއް ނުނެރެވި ވަނީ ފްލޮޕް ވެފަ އެވެ. ޖެކްލީން ފެނާންޑިސް އާއި ރަކުލް ޕްރީތު ސިންގް ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމު ނާކާމިޔާބުވިޔަސް ޖޯން ހުރީ އޭނާ ބުނި ބަހުގައި ހިފަހައްޓައިގެން ބޮޑު ސްކްރީން ފިލްމުތައް ނޫނީ ނުކުޅެން ނިންމައިގެންނެވެ.

ޖޯން މިހާރު ޕްރޮމޯޝަން މަސައްކަތް ފެށި "އޭކް ވިލަން 2"ގެ އިތުރުން މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ޝާހް ރުކް ޚާނާއެކު ކުޅޭ "ޕަތާން" ގައެވެ.