ބޮލީވުޑް

ބޮކްސް އޮފީހުގައި ސަލްމާނާއި ޖޯން ބޮޑު ކުރިމަތިލުމަކަށް

ޖޯން އެބްރަހަމްގެ "ސަތުޔަމޭވް ޖައިތޭ 2" އާއި ސަލްމާން ހާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ. މިހާރު އިއުލާން ކޮށްފައިވާ ގޮތުން މި ދެ ފިލްމު ވެސް ރިލީޒްކުރާނީ 2021 މޭ މަހު އަންނަ ފިތުރު އީދު ދުވަހު އެވެ.

ސަލްމާންގެ ފިލްމު ރިލީޒްކުރާ ތާރީޚު އޭނާ އިއުލާން ކޮށްފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސަލްމާން އިއުލާން ކުރުމުގެ ކުރިން ވެސް އެ ފިލްމު އީދު ދުވަހު ރިލީޒް ކުރާނެ ކަން ގިނަ ބަޔަކަށް އޮތީ ޔަގީން ވެފަ އެވެ. ސަބަބަކީ އީދު ދުވަސް ތަކަކީ އަބަދުވެސް ސަލްމާންގެ ފިލްމުތައް ރިލީޒްކުރާ ދުވަސްތަކެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނާތީ އެވެ. ނަމަވެސް ޖޯންގެ ފިލްމު އިއުލާން ކުރީ އިންޑިޔާގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން މިދިޔަ އަންގާރަ ދުވަހު އެވެ.

ޖޯން ޓުވިޓާގައި އިއުލާން ކޮށްފައިވާ ގޮތުގައި އޭނާގެ "ސަތުޔަމޭވް ޖައިތޭ 2" ރިލީޒްކުރާނީ 2021 ގެ މޭ 14 ވަނަ ދުވަހު އެވެ.

މި ފިލްމުގެ ޕޯސްޓަރެއް ވެސް ޖޯން ޝެއާ ކޮށްފައި ވެއެވެ. އެ ޕޯސްޓަރުގައި ޖޯން ފެންނަނީ ވަރަށް ވަތަނީ މީހެއްގެ ގޮތުގައި އިންޑިއާގެ ދިދަ ވިހުރުވާ ތަނެވެ.

މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2018 ގައި ނުކުތް ހިޓް ފިލްމެއް ކަމަށްވާ "ސަތުޔަމޭވް ޖައިތޭ" ގެ ސީކުއަލް އެކެވެ. ދިވްޔާ ކޯސްލާ ކުމާރު ބަތަލާގެ ރޯލު ކުޅޭ މި ފްރެންޗައިޒްގެ ފުރަތަމަ މި ފުރަތަމަ ބައިގައި ދައްކާފައިވަނީ ޖޯން ދިރި އުޅެނީ މުމްބާއީގައި ނަމަވެސް ދެ ވަނަ ބައިގައި އޭނާ ކޮރަޕްޝަނާ ދެކޮޅު ހަނގުރާމަ ކުރާ ތަން ފެންނާނީ ލަކަނޫގަ އެވެ.

މިހާރު ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން މި ފިލްމަށް ހުއްޓިފައި ވަނީ ސަލްމާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ކުރިމަތިލުމަށް ދާކަން އިއުލާން ކުރީމަ އެވެ.

ސަލްމާންގެ ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ޕްރަބޫދޭވާ އެވެ. ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ.

ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ފިލްމު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ކޯވިޑްގެ ވަބާ ފެތުރުމުގެ ސަބަބުން އެއް އަހަރު ދުވަހަށް ފިލްމު ރިލީޒްކުރުން މަޑުޖައްސާލަން މަޖްބޫރުވީ އެވެ.

ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ބުނަނީ ސަލްމާނާއި ޖޯންގެ މި ކުރިމަތިލުމަކީ ވަރަށް ޝައުގުވެރިވާ ކަމަކަށް ވާނެ ކަމަށެވެ. ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އީދުގައި ރިލީޒްކުރާ ގިނަ ފިލްމުތަކަށް ބްލޮކްބަސްޓާގެ ދަރަޖަ ވަރަށް ގިނަ ފަހަރަށް ލިބެ އެވެ. އަނެއްކޮޅުން މި ފަހަކުން ރިލީޒްކުރި ޖޯންގެ ހުރިހާ ފިލްމުތަކަށް ވެސް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. ވީމާ މިފަހަރު ބޮކްސް އޮފީހުގައި ކުރިހޯދާނީ ޖޯން ތޯ ނުވަތަ ސަލްމާން ތޯ ބަލާލަން ގިނަ ބަޔަކު ތިބީ މިހާރު ކެތްމަދުވެފަ އެވެ.