ދުނިޔެ

ކާފިއުއާއެކު ވެސް އެމެރިކާގައި ހަމަނުޖެހުންތައް ކުރިއަށް

Jun 1, 2020

ވޮޝިންގްޓަން (ޖޫން 1) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އަދިވެސް ހިންގަމުންދާ ހަމަނުޖެހުންތަކަށް މަޑުޖެހުމެއް ނާދެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ގިނަ ސަރަހައްދުތަކުގައި އާއްމުން ނުކުމެ މުޒާހަރާކުރަން ފެށިތާ ހަ ދުވަސް ވެފައިވާއިރު، އެ މުޒާހަރާތައް ތަންތަނުގައި ހުޅު ޖެހުމާއި، މުދަލަށް ގެއްލުން ދިނުން ފަދަ ބޮޑެތި ހަމަނުޖެހުންތަކަށް ވަނީ ބަދަލުވެފަ އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް، އެމެރިކާގެ 40 އަށް ވުރެ ގިނަ ސްޓޭޓުގައި ކާފިއު ހިންގާފައިވީ ނަމަވެސް، އާއްމުންނާއި ފުލުހުންނާދެމެދު އަދިވެސް ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

އެގޮތުން، ނިއު ޔޯކް، ޗިކާގޯ، ފިލަޑެލްފިއާ، އަދި ލޮސް އެންޖަލީސްގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ޕެޕާ ވަޒަންވެސް ބޭނުންކޮށްފަ އެވެ.

ނަމަވެސް، އެ ސިޓީތަކުގައިވެސް ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް، ފިހާރަތައް ލޫޓުވައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ.

އެމެރިކާގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާން ތައްޔާރަށް އޮންނަ އަސްކަރީ ރިޒާވް ފޯހެއްކަމަށްވާ ނެޝަނަލް ގާޑުގެ 5،000 އެއްހާ ސިފައިން މިހާރު ވެސް ދަނީ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް 15 ސްޓޭޓެއްގައި ހަރަކާތްތެރިވަމުންނެވެ.

މިދިއަ ހުކުރު ދުވަހު ވޮޝިންގްޓަންގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން، ވައިޓް ހައުސް ވެސް ވަނީ ކުޑަ ވަގުތުކޮޅަކަށް ބަންދުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރައްކާތެރިކަމަށްޓަކައި ވައިޓް ހައުސްގައި ހުންނަ ބަންކަރަށް ގެންދެވުނުކަމަށްވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިޑިއާ ދިރާސާއަކަށް ހަވާލާދީ، ރިޕޯޓުތައް ބުނާގޮތުން، އެ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ އެ ފުލުސް މީހާ ވަޒީފާއިން ވަކި ކޮށްފައިވާއިރު، މަރުގެ ދައުވާ ކޮށްފައި ވަނީ އޭނާގެ މައްޗަށެވެ.

އޭނާ މާދަމާގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ފްލޮއިޑްގެ އާއިލާއިން ވަނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ހަތަރު ފުލުހުންނަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމަށް ގޮވާލައިފަ އެވެ.

އަނެއް ތިން ފުލުހުން ވެސް މިހާރު ވަޒީފާއިން ވަކިކޮށްފައިވާއިރު، އެ ތިން މީހުންގެ މައްޗަށް އަދި އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

ފްލޮއިޑްގެ އޯޓޮޕްސީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޭނާގެ ކަރަށް ކަކުލުން އަރައިގެން ޗައުވިން އަށް މިނެއްޓާއި 46 އިން ކަމަށެވެ. އޭގެ ތެރެއިން ތިން މިނެއްޓު ހޭދަވެފައިވަނީ، ފްލޮއިޑްގެ ހަރަކާތް ހުއްޓުނު ފަހުންނެވެ.