ދުނިޔެ

"ޖާސޫސު" ކުރާތީ ޕާކިސްތާނު އެމްބަސީގެ ސްޓާފުންތަކެއް އިންޑިއާއިން ފޮނުވާލައިފި

Jun 1, 2020
1

ނިއު ދިއްލީ (ޖޫން 1) - އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މަސައްކަތް ކުރާ ދެ ސްޓާފަކު ޖާސޫސު ކުރަމުންދާކަމަށް ތުހުމަތުކޮށް، އެ ދެ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އެ ދެ ސްޓާފުންގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ދެ މީހުންވެސް މިހާރު ޕާކިސްތާނަށް ގޮސްފައިވާކަމަށް އެމްބަސީން ވަނީ ބުނެފަ އެވެ.

އިންޑިއާ އިން އިއްޔެ ބުނި ގޮތުގައި، ޕާކިސްތާނު އެމްބަސީ ދެ އޮފިޝަލުން ޖާސޫސު ކުރުމުގެ ހަރަކާތްތައް ހިންގާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި އެނބުރި ޕާކިސްތާނަށް ދިއުމަށް އަންގާފައިވާނެ ކަމަށެވެ.

ޕާކިސްތާނު ފޮރިން މިނިސްޓްރީން ބުނީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއްނެތް ކަމަށާއި، އަދި ހާރިޖީ އިމްތިޔާޒްތައް ލިބިފައިވާ އޮފިޝަލުންތަކެއް ހައްޔަރުކޮށް، ބިރު ދެއްކުމަކީ ބައިނަލްއަގުވާމީ ހާރިޖީ ގުޅުންތަކުގެ މުއާހަދާއާ ހިލާފުކަމެއް ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރު ވަނީ ފޮރިން މިނިސްޓްރީން ހާޒިރުކޮށްފަ އެވެ.

މީގެ ކުރިންވެސް ޖާސޫސު ކުރާ ކަމަށް ތުހުމަތުކޮށް އެމްބަސީގެ އޮފިޝަލުން ދެ ގައުމުން ވެސް އަނބުރާ ފޮނުވާލާފައިވެ އެވެ.