އެންއީއޯސީގެ ޑޮކްޓަރުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސާ ހުސެއިންގެ އެންޓިބޮޑީ ޓެސްޓެއް ހެދިއިރު ކޮވިޑްޖެހި ރަނގަޅުވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ސެންޓަރުން ދޮގުކޮށްފި އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ޑޮކްޓަރު މޫސައާ ގުޅޭގޮތުން ދައްކަމުންދާ ހަގީގަތެއް ނެތް ވާހަކަތަކާއިމެދު ހިތާމަކުރާ ކަމަށެވެ. އެ ވާހަކަތައް ކުށްވެރިކުރައްވާ މަބުރޫކް ވަނީ އެފަދަ ވާހަކަތައް ނުދެއްކުމަށް އެދިފައެވެ.
ޑރ. މޫސާ ހުސެއިންގެ އެންޓިބޮޑީ ޓެސްޓެއް ހެދިއިރު ކޮވިޑްޖެހި ރަނގަޅުވެފައިވާ ދެކެވޭ ވާހަކަތަކާއި ގުޅިގެން މޫސައަށް ގުޅުއްވި ކަމަށާ އެފަދަ ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރުމުގެ ސަބަބުން އާއިލާއާއި ރަހުމަތްތެރިން އަދި ޑޮކްޓަރު ބައްލަވާ ބަލި މީހުންނަށްވެސް ހާސްކަން ލިބިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
"ޑރ. މޫސައަށް އެފަދަ ހާލަތެއް ދިމާވެފައެއް ނުވޭ. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ޑޮކްޓަރު މޫސަ ވިދާޅުވީ."
މަބުރޫކް ވިދާޅުވީ ސިއްހީ ހިދުމަތްތެރިއެއްގެ ކިބައިން ކުޑަނަމަވެސް އަލާމާތެއް ފެނިއްޖެނަމަ ޓެސްޓް ކުރަމުން ގެންދާ ކަމަށާ ބަލި މީހަކަށް އެޓެންޑްވެއްޖެނަމަ މަސައްކަތުން އެކަހެރިކުރަމުން ގެންދާ ކަމަށެވެ.
އެއްވެސް ޑޮކްޓަރަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ އެކަން ސިއްރު ނުކުރާނެ ކަމަށާ އެހެން ކަމުން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ކުރިން އިވޭ ކޮންމެ ވާހަކައެއް އާންމުންގެ ތެރޭގައި ފަތުރާނުހެދުމަށް މަބުރޫކް އިލްތިމާސް ކުރެއްވިއެވެ.