ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން އައި ފަސް މީހަކު އައިޖީއެމްއެޗް ކަރަންޓީނަށް

އިންޑިއާ އިން މިއަދު ރާއްޖެ އައި 159 ދިވެހިންގެ ތެރެއިން ކިޑްނީގެ ބަލީގެ ފަރުވާ ހޯދާ ފަސް މީހަކު އައިޖީއެމްއެޗްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މިރޭގެ ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، އައިޖީއެމްއެޗްގައި ކަރަންޓީން ކޮށްފައިވަނީ ކިޑްނީ ބަލީގެ ފަރުވާ ހޯދާ ފަސް މީހަކު ކަމަށެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ ކޮންމެ ދުވަހަކު ޑަޔަލިސިސް ހަދަންޖެހޭ މީހުނެވެ.

އޭނާ ވިދާޅުވީ އެ ފަސް މީހުންގެ އިތުރުން، ދެ ކުޑަ ކުއްޖަކު ވެސް އައިޖީއެމްއެޗްގައި ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެ ކުދިންނާއެކު ދެ ބެލެނިވެރިޔަކުވެސް ތިބޭނެ އިރު ޖުމްލަ ނުވަ މީހަކު އައިޖީއެމްއެޗްގެ ހާއްސަ ސަރަހައްދުގައި ކަރަންޓީނު ވެފައި ތިބޭނެ ކަމަށެވެ.

ރާއްޖެ އިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީން ކުރެ އެވެ. އިންޑިއާ އާއި ސްރީލަންކާ އިން އައި މީހުންގެ ތެރޭގައި ދިގު މުއްދަތަށް ބޭސްކުރާ މީހުން ތިބޭ އިރު އެމީހުންނަށް ފަރުވާ ދޭން ކަރަންޓީނު ކުރަނީ އައިޖީއެމްއެޗްގެ ހާއްސަ ސަރަހައްދެއްގަ އެވެ.

މިއަދު ބެންގަލޫރާއި ކޮޗިން އިން ގެނައި މީހުންނަކީ އާސަންދަ އާއި އެންސްޕާ އިން ބޭސް ކުރަމުން ދިޔަ ދިވެހިންނެވެ.