ލައިފްސްޓައިލް

ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖަކު ފެނިއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސޮނޫރާ ކިޔާ އަވަށަކުން ދިރިހުއްޓާ ވަޅުލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ. މި ކުއްޖާ ފެނުނީ އެ އަވަށުގެ ބޭރު ސަރަހައްދަކަށް މަސައްކަތެއް ކުރަން ގޮސް އުޅުނު ބަޔަކަށެވެ. ކުއްޖާ ވަޅުލާފައިއޮތީ ޗަކަ ގަނޑެއް ތެރޭގަ އެވެ.

މި މީހުން ކުޑަ ކުއްޖަކު ރޯ އަޑު ކަހަލަ އަޑެއް އިވެގެން އެ އަޑު އިވޭ ދިމާލަށް ދިޔައީ އެވެ. އަޑު އިވެނީ ޗަކަތަކުގެ ތެރޭން ބިމުގެ އަޑިންކަން އެނގުމުން އެތަން ކޮނެލުމުން ތުއްތު އެންމެ ފުރަތަމަ ފެނުނީ އެ ތުއްތު ކުއްޖާގެ އެއް ފަޔެވެ. ދެން ކޮނެ އެ ކުއްޖާ ޗަކަގަނޑުން ސަލާމަތް ކުރީ އެވެ.

އިންޑިއާގައި ބައެއް ސަރަހައްދުތަކުގައި އަދިވެސް ދިރިހުއްޓާ ކުދިން ވަޅުލުމުގެ ކަންތައްތައް ކުރިޔަށްދާކަން މި ހާދިސާއިން ވެސް ސާބިތުވާ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. ދިރިހުއްޓާ ވަޅުލާފައި އޮއްވާ ނެގީ ފިރިހެން ކުއްޖެކެވެ.

އަވަށުގެ މީހުނަށް މިކަން އެނގިގެން އެހިސާބުގައި ހުންނަ ހޮސްޕިޓަލަށް ކުއްޖާ ވަނީ ގެންގޮސްފަ އެވެ. މި ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ޗަކަ ދިރުވިގެން ކުއްޖާގެ ނޭވާލާ ނިޒާމު ބެދޭތީ ނޭވާލާން ކުއްޖާއަށް އުނދަގޫ ވެފައިވާ ކަމަށެވެ. ކުއްޖާއަށް ފަރުވާ ދޭ މެޑިކަލް ސްޓާފުން ބުނި ގޮތުގައި އެ ކުއްޖާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅެވެ. ނަމަވެސް ރަނގަޅަށް ސުޕަވައިޒްކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި ބާއްވަން ޖެހުނީ ކަމަށެވެ.

މި ކުއްޖާ ދިރިހުއްޓާ ވަޅުލި ކަމުގެ ކުށުގައި މީހަކާ ދެކޮޅަށް ޕޮލިސް ކޭސް ފައިލް ކޮށްފައި ވިޔަސް އަދި މި މީހާގެ ވަނަވަރު ހާމައެއް ނުކުރެ އެވެ. އެއީ ކުއްޖާ ފެނުނު އަވަށާ ވަރަށް ދުރު ހިސާބެއްގައި ދިރިއުޅޭ މީހެއް ކަމަށް ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އުއްތަރު ޕްރަދޭޝްގެ ރަށަކުން ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖެއް ފެނިފައި ވެއެވެ. އެ ފަހަރު ފެނުނީ އަންހެން ކުއްޖެކެވެ. މި ކުއްޖާ އޮތީ ފޮތިގަނޑަކަށް ލާ އޮޅާލާފައި މުށި ޕޮޓެއްގެ ތެރެއަށް ލާ ޕޮޓް އިން ގޮތަށް ވަރަށް ތިލަ ވަޅުގަނޑެއްގައި ވަޅުލާފަ އެވެ. މި ކުއްޖާ ފެނުނީ އެ އަވަށުގެ މީހަކު އޭނާގެ ދަރިފުޅު މަރުވެގެން އެ ކުއްޖާ ވަޅުލަން އައިސް އުޅުމުގެ ތެރޭގައި އެވެ.

ވިހޭއިރު ވެސް މަރުވެފައިވާ ދަރިފުޅު ވަޅުލަން ވެގެން އެ މީހާ ބިންމަތިން ވަޅުގަނޑެއް ކޮންނަނިކޮށް މުށި ޕޮޓެއްގައި އޭނާ ކޮންނަން ގެންގުޅުން އެތިން ޖެހި އޭތި ފަޅައިގެން ދިޔައީ އެވެ. އެޔާއެކު ކުޑަ ކުއްޖާގެ ރުއިމުގެ އަޑު މި މީހާ އަށް އިވިގެން އަވަހަށް ކޮނެގެން އޭނާ ނެގީ އެވެ.

ސީއެންއެންގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އަށް ރަނގަޅަށް ނޭވާ ވެސް ނުލެވެ އެވެ. ކުއްޖާ ބަރުދަނުގައި ހުރީ އެންމެ 2.4 ޕައުންޑްކަމަށްވެ އެވެ.