(31 މެއި 2020 އާ ގުޅޭ)
ކަންމައްޗަށް ވާހެން ހުރި ގެއަށް ކެންޒާ އިޝާރާތްކޮށްލިއެވެ. އެއީ ގެ ކަމުގައި ބުންޏެވެ. ކާރުން ފައިބަން ކެންޒާ އުޅުނެވެ.
"ވެއިޓް..." ކުއްލިއަކަށް ލައިތު ބުންޏެވެ.
ކެންޒާ މަޑުކޮށްލައި ލައިތުއަށް ބަލާލިއެވެ. ލައިތުގެ ހިތާއި ސިކުނޑީގައިވި ސުވާލުތައް ދުލާ ހަމައަކަށް ނައެވެ. ސެހްރާނު ވެސް ބަލައިލި ގޮތުން ހީވަނީ ލައިތު ބުނަން އުޅޭ އެއްޗަކަށް ޝައުގު އުފެދުނީ ހެންނެވެ.
"ނަތިންގް" ލައިތު ބުނެލީ އަވަސްގޮތަކަށެވެ. އޭނާ ކެންޒާއަށް ފުރަގަސްދީ ގޮނޑީގައި ހަމަޖެހިލި ގޮތަށް ހުންގާނުގައި ދެއަތުން ހިފަހައްޓާލިއެވެ.
"ގުޑްނައިޓް ކެން" ސެހްރާނު ބުނެލިއެވެ.
ސެހްރާނުގެ ސަލާމަށް ހިނިތުންވުމެއް ދީފައި ކާރުން ފޭބުމުގެ ކުރިން "ރިއާ ވިއު މިރާ"އަށް އަވަސް ނަޒަރެއް ކެންޒާ ދިނެވެ. މެޔަށް ފިނިވެލީ ލައިތުގެ ނަޒަރު އެ ލޯގަނޑުން އޭނާއަށް ހުއްޓިފައި ހުރި ގޮތް ފެނިއެވެ. އެ ދެލޮލުން ސާފުކޮށް ކެންޒާގެ ކިބައިން ކަމެއް ބޭނުންވެފައިވާކަން ހާމަކޮށްދެއެވެ.
"އަހަރެން ދިއުމުގެ ކުރީން ބުނެބަލަ... ކީކޭ ބުނަންތަ އުޅުނީ؟، ސެހްރާނު އިނީމަތަ ނުބުނީ" ކާރުގެ ދޮރުފަތް ހުޅުވާލަން އުޅެފައި ވެސް ލޯގަނޑުކޮޅަށް ކެންޒާގެ ނަޒަރު ހިންގާލިއެވެ. އެސްފިޔަ ޖަހާލުމެއްނެތި ލައިތު އަދިވެސް ބަލަނީއެވެ. އެކަމަކު ކީއްވެ ހެއްޔެވެ. ކެންޒާގެ ނަޒަރު ވަކިކޮށްލުމާއެކު ކާރުން ފޭބިއެވެ. ދޮރުފަތް ލައްޕާލުމާއެކު ގޭގެ ދޮރޯށްޓާ ހަމައަށް ކޮންމެ ފިޔަވަޅެއް އެޅީ ލަސްގޮތަކަށެވެ. އެއިން ކޮންމެ ފިޔަވަޅެއް ލަސްކޮށްލެވުނީ ލައިތުގެ ގޮވާލުމަކަށް ފުރުޞަތު ދިނުމަށެވެ. ނަމަވެސް އޭނާ އައިސް ގޭގެ ދޮރޯށީގެ ތަޅުގައި ހިފާލެވުނުއިރު ކާރު ފަހަތަށް ޖަހައިފިއެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި ދޮރޯށި ހުޅުވާލުމާއެކު ފަސްއެނބުރި ކެންޒާއަށް ބަލާލެވުނެވެ. ކަޅުބިއްލޫރީގެ ފަރުދާގައި އިނަސް ލައިތު އަދިވެސް ބަލާހެން ކެންޒާއަށް އިޙްސާސް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ދާދި ކުޑަ ހިނދުކޮޅެއްތެރޭ ކެންޒާގެ ލޯ މައްޗަށް ކާރު އޮބާލައިފިއެވެ. ކެންޒާ ފިނިނޭވާއެއްލީ ހިތަށް ލިބުނު މާޔޫސްކަމެއްގެ ސަބަބުންނެވެ.
"ވިލް ޔޫ ސްޓޮޕް ތިންކިން އަބައުޓް ހިމް" އަމިއްލަ ހިތަށް ކެންޒާ އަމުރުކޮށްލިއެވެ.
ގޭތެރޭގައިވި ހިމޭންކަން ކެންޒާއަށް މިފަހަރު ފާހަގަކުރެވުނެވެ. އެ ހިމޭންކަން އޭނާގެ އެކަނިވެރިކަން ހަނދާންކޮށްދޭ ކަހަލައެވެ. މަޑުމަޑުން އައިސް ސިޓިންރޫމުކޮޅުގައި ހުރި ސޯފާއަށް ބަލާލިއެވެ. އެ ސޯފާ މިފްރާހުގެ މަތިން ހަނދާންކޮށްދިނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ވިސްނުން ހިންގާލެވުނީ އެ ގޭތެރެއިން ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަ އެއްޗަކީ އެ ސޯފާކަން އެނގޭތީއެވެ. ފެންނަ ކޮންމެ މަންޒަރެއް ވިސްނައިފި މީހަކަށް އެތައް ވާހަކައެއް ބުނެދެއެވެ. މުޅިގެއިން ފެންނަނީ ދުވަސްވެ ބާވެފައި ހުރިކަމުގެ އަސަރެވެ. އެކަމަކު އެ ސޯފާ ނޫނީއެވެ. އަޅައިގަންނަ އެއްޗަކަށް އެ ސޯފާވީ އެހެންވެއެވެ. ތަނުގެ ހާލަތާ ނުބައްދަލު އެއްޗަކަށްވީމައެވެ.
"ވައި؟..." ކެންޒާ އަމިއްލަ ހިތާ ސުވާލުކުރިއެވެ. ހިތް އެދޭ ކަންތައް ކެންޒާއަށް އެނގޭތީއެވެ.
"ވީ އާ ޕޯލްސް އަޕާޓް، ޕްލީޒް ސްޓޮޕް... ވައި ހިމް؟... ލޯބި!... ލޯބިތަ މީ؟، ނޫން!... އެހެންވެގެން ނުވާނެ، ހައު ކޭން އިޓް ބީ ލަވް؟... ބަޓް،... ދީސް ފީލިންގްސް، އިޓްސް ޓޫ ސްޓްރޯންގް" ކެންޒާއަށް ދެއަތް ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. ޖަޒުބާތުތައް އަމިއްލަ އިޙްތިޔާރުން ނެއްޓެމުންދާކަން ކެންޒާއަށް އެނގެއެވެ. ހިތުގެ މައްޗަށް އޭނާގެ އެއްވެސް ބާރެއް ނެތްކަހަލައެވެ. ހަޤީޤީ ލޯތްބަކީ ކެންޒާއަށް ހުވަފެނުގައި ނޫނީ ލިބޭނޭ އެއްޗެއް ނޫންކަމުގައި ޤަބޫލުކުރެއެވެ. ކޮންމެ މީހަކު ވެސް ލިބުމަށް އުންމީދުކުރަނީ ހުރިހާ ގޮތަކުން ފުރިހަމަ ދިރިއުޅުމެކެވެ. ގުޅެން ބޭނުންވަނީ އޭނާ އެންމެ ލޯބިވާ މީހާއާއެވެ. އެކަމަކު އެފަދަ ފުރިހަކަމަކީ އެންމެންގެ ނަސީބުގައި ލިޔެވިފައިވާ ކަންކަމެއްނޫނެވެ. ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ޟަމީރު ހިތާ ދެކޮޅަށް ވާހަކަދެއްކިއެވެ. ހިތަކީ އަބަދުވެސް ހާސިލުވާން ނެތަސް ކަންކަމަށް އެދޭ އަމިއްލަ އެދުން ބޮޑު އެއްޗެއްކަން އެ ޟަމީރު ސިކުނޑިއަށް ވިސްނައިދިނެވެ. ބޭރުކޮށްލި ފުންނޭވާއާއެކު ލިބިފައިވާ ނުތަނަވަސްކަމުގެ ޚިޔާލުތައް ކެންޒާގެ ނޭވާއާއެކު ބޭރުކޮށްލީ ފަދައެވެ.
ބަދިގެއަށް އައިސް ކެންޒާ ކައްކަންފެށީ ބަނޑުހައިވެފައި ހުރީމައެއްނޫނެވެ. ޚިޔާލުތައް އެއްފަރާތްކުރުމަށެވެ. ބަނޑުހައި ނުވިޔަސް އެފަދަ ހާސްކަމެއް ލިބޭ ވަގުތުތަކުގައި ކެއުމަކީ އޭނާއަށް އާދަވެފައި ހުރި ކަމެކެވެ. ޢާންމުކޮށް އޭނާ ކާން ގެންގުޅޭ ޕްލާސްޓިކު ބޮޑު ބޯތަށީގައި ހުރިހާ އެއްޗެއް އެއްކޮށް މޮޑެލިއެވެ. އެއަށްފަހު އަތްދޮވެލައި ތަށްޓަށް ސަމްސަލެއް ލައިގެން އެ ތަށި ހިފައިގެން ކެންޒާ އައިސް ވަނީ ކޮޓަރިއަށެވެ. ފެންވަރާލައިގެން ނުކުމެ އެނދަށް އެރީ ބޯތަށި އުނގަށް ލައިގެން އިނދެއެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު ކެންޒާގެ ފިލްމު ކަލެކްޝަން ހުޅުވާލިއެވެ. އޭގައިވި ގިނަ ފިލްމު ތަކަކީ އެތައްހާސް ފަހަރަކު އޭނާ ބަލާފައި ހުރި ލޯބީގެ ފިލްމުތަކެވެ. އެހެންނަމަވެސް ހަމަ ކޮންމެ ފަހަރަކުވެސް އޭނާ ބަލަނީ ޝައުގުވެރިކަމާއެކުއެވެ. ޖަޒުބާތީ ސީންތަކާއެކު ކޮންމެ ފަހަރަކުމެ އެ ދެލޯ ފުރިބަންޑުންވެއެވެ. އެ ކަރުނައިގެ ޚިދުމަތުގައި އަބަދުވެސް އެނދުމަތީ ޓިޝޫ ޕެކެޓު އޮވެއެވެ. ލޯބީގެ ފިލާވަޅުތައް އޭނާއަށް ނަގައިދޭ އެދުރަކީ އެ ފިލްމުތަކެވެ. އެއީ ހަޤީޤަތަކަށް ނުވިޔަސް އެފަދަ ހިތްގައިމު ފުރިހަމަ ލޯތްބަކަށް އޭނާގެ ހިތްކިޔަންފެށީ ވެސް އެހެންވެއެވެ. ލަދުގަތްނަމަވެސް ފެންނަ ގައިގޯޅި މަންޒަރުތަކުން އެއީ ލޯބިވެރިންގެ ދެމެދުގައި ހިނގާނޭ ކަންކަންކަމުގައި ޤަބޫލުކުރެވެއެވެ.
އެޅުވި ފިލްމު ނިމެންވީއިރު ކެންޒާ ކައިވެން ނިމިއްޖެއެވެ. ތަށި ހިފައިގެން އޭނާ ބަދިގެއަށް ގޮސްފައި އެނބުރި އައިގޮތަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ލެޕްޓޮޕް އެއްފަރާތްކޮށްލައި އެނދުގައި އުއްޓުން އޮށޯވެލީއެވެ. ރަޖާގަނޑު ގެނެސް ގައިމަތީ އަޅާލައި ހަމަޖެހިލިއެވެ. ފުރާޅަށް ހުއްޓިފައިވި ނަޒަރު އެ ހުރި ގޮތަށް ހުންނަތާ ގަޑިދެގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. ގަޑިންވީއިރެއް އޭނާ ނުދެނަހުއްޓެވެ. އެހެންއޮވެއޮވެ ވެސް ނިންޖެއް ނައެވެ. ލޯ ވަރުބަލިވުމުން މަރާލީއެވެ. އެކަމަކު ދެން ވެސް ފެންނަމުންދިޔައީ ލޯ ހުޅުވައިގެން އޮތްއިރު ވެސް ބަލަމުންދިޔަ މަންޒަރުތަކެވެ. ކަނާއަތް ފަރާތު ބާލީސް ކައިރިން ފޯނަށް އައި "ނޮޓިފިކޭޝަން"ގެ އަޑު އިވުނެވެ. ލޯ ހުޅުވާލާއި ފޯނު ނަގަންވާއިރަށް އަނެއްކާވެސް އެ އަޑު ކެންޒާއަށް އިވިލިއެވެ.
"އެކެއްޖެހީ" އިސްކުރީނުން ގަޑިންވީއިރު ފެނި ކެންޒާއަށް ބުނެލެވުނެވެ. ހަމައެއާއެކު އެ ތުންފަތް ފުޅާ ހިނިތުންވުމަކުން ދެމިލައިފިއެވެ. މަސްގަނޑެއްހެން ހަރަކާތެއްނުކޮށް އޮތް ކެންޒާއަށް ކުއްލިއަކަށް ދިރުން ލިބިއްޖެކަހަލައެވެ. އެ ދެލޯ ބޮޑަށް ހުޅުވާލެވި ވިދުން އިތުރުވެލައިފިއެވެ. ދެތުންފަތުން ލައިތުގެ ނަން ކިޔާލި އަޑު އިވިގެންދިޔައެވެ.
"ނިދީތަ؟" ޓެލެގްރާމްވި ލައިތުގެ ފުރަތަމަ މެސެޖުގައިވިއެވެ.
"އަހަރެން އެދެފިއްޔާ ބައްދަލުވެދާނެތަ؟" ދެވަނައަށް ފޮނުވި މެސެޖުގައި ލައިތު އަހާފައި އޮތެވެ.
"މިގަޑީގަތަ؟" ލައިތު ދުށުމަށް ހިތް ތެޅިފޮޅުނު ނަމަވެސް ކެންޒާ ހާމަކުރީ އިދިކޮޅެވެ.
"އަދި ނުނިދަމެންނު، އަހަރެން މިހުރީ ތިގޭ ދޮށުގައޭ ބުނެފިއްޔާ ނުކުމެދާނަންތަ؟" ލައިތުގެ މެސެޖުގައި ވިއެވެ. ކެންޒާއަށް ލިބުނީ ހައިރާންކަމެވެ. ހަމައެއާ އެއްވަރަށް އޭނާއަށް އުފާވެރިކަން ވެސް ލިބިއްޖެއެވެ. ފުންމައިގެން ތެދުވިގޮތުން އޭނާ އެނދުން ނުވެއްޓުނީ ކިރިޔާއެވެ. ކޮޅަށް ތެދުވެފައި ވެސް އަލުން އޭނާ އިށީނދެއްޖެއެވެ. އަދި އެއްފަހަރު މެސެޖު ކިޔާލިއެވެ. ބުނާނޭ އެއްޗަކާ މެދު ވިސްނާލާ ފަދައިން މަޑުކޮށްލިއެވެ. ލައިތު ސަމާސާއަކަށް ބުނި އެއްޗެކަށް ވެދާނޭ ކެންޒާއަށް ހީވިއެވެ.
"ކީއްކުރަނީ މިގޭ ދޮށުގަ؟" އިރުކޮޅަކު އިނުމަށްފަހު ކެންޒާ ލިޔެލިއެވެ. ޖަވާބު އައީ އެހާ އަވަހަށެވެ.
"ބައްދަލުވެދާނެތަ؟" ޖަވާބެއް ނުދީ ލައިތު ކުރީ ސުވާލެވެ.
"އާ ޔޫ ރިއަލީ ހިއާ" ކެންޒާގެ އެ ސުވާލުން އޭނާއަށް ޔަގީންނުވަނީކަން އެނގެއެވެ. އެ މެސެޖު ފޮނުވާލިތާ ގިނައިރެއްނުވެ ކެންޒާގެ ފޯނަށް ގުޅީ ލައިތެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ހެޑްސެޓު ހޯދާލުމާއެކު ފޯނާ ގުޅާލިއެވެ. އަދި ކޯލު ނެގިއެވެ.
"އައި އޭމް ހިއާ" ލައިތުގެ އަޑު އިވުނެވެ.
"ޕެންޑާ! ޑޯންޓް މޭކް މީ ވެއިޓް" ކެންޒާގެ އަޑެއް ނީވޭތާ ވަގުތުކޮޅެއް ވުމާއެކު ލައިތު ވާހަކަދެއްކިއެވެ.
"އެބަނުކުންނަން" ކެންޒާ މިހެންބުނެ ކޯލު ކަނޑާލިއެވެ. އޭނާއަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލެވުނެވެ. ދެން އައިސް އަލަމާރީގެ ދޮރުފަތުގައިވީ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ލައިގެން ހުރި ޓީޝާޓާއި ހަރުވާޅަށް އޭނާ ބަލާލިއެވެ. ހިތް އަވަސްވެފައިވާވަރުން ސިކުނޑިއަށް ވިސްނާލަން ފުރުޞަތެއް ވެސް ނުދޭން އުޅޭ ކަހަލައެވެ. އަލަމާރި ހުޅުވާލައި ގަމީހަކާއި ޖިންސެއް ނެގިއެވެ. އެހެންނަމަވެސް އަލުން އަލަމާރިއަށް އެ އެއްޗެހިލީ ޚިޔާލު ބަދަލުވެގެންނެވެ. އާދައިގެ ގޮތަކަށް ނުކުންނަން ކެންޒާ ގަސްދުކުރިއެވެ. ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއްފަރާތުގައި ލާފަ ބާލާ ހެދުން އަޅުވާ ދަނޑިމަތީގަ ހުރި ހެދުންތަކަށް އޭނާ ބަލާލިއެވެ. ދެން ލިޔާ މޭޒު ކައިރީ ގޮނޑީގައި އަޅުވާފައި ހުރި ހެދުންތަކަށް ބަލާލިއެވެ. ހެދުން ބަދަލުކުރުމުގެ ޚިޔާލު ކެންޒާ ދޫކޮށްލިއެވެ. ނިކަން އަވަހަށް ލައްޕާލި އަލަމާރީގެ ދޮރުފަތް ހުޅުވާލިއެވެ. ދޮރުފަތާ ދުރަށް ބިއްދޮށުގައި އަޅުވާފައި އޮތް ހުޑީ ނެގިއެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓުގެ މަތިން ގަޔަށް ހެޔޮވަރުކޮށްލިއެވެ.
* * * * *
ފާރުކައިރީ ބޭއްވި ކާރުގައި ލެނގިލައިގެން ލައިތު ހުއްޓެވެ. އިރުއިރުކޮޅާ ފުންނޭވާއެއް އޭނާ ދޫކޮށްލައެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލެއް ގިނަވެ ތަރުތީބު ގެއްލިފައިވެއެވެ. އޭނާ ވެސް ކޮންމެވެސް ކަމަކާ ހިތްއަވަސްވެފައިވާ ކަހަލައެވެ. އޭނާއަށް ކެންޒާގެ ގެއަކީ ކޮބާކަން އެނގުނީއްސުރެން މުޅި ނަފްސަށް ހަލަބޮލިކަމެއް ވެރިވެފައިވާ ކަހަލައެވެ.
"ހައު ކެން އިޓް ބީ... އިޒް ޝީ ދި ސޭމް ގާލް... ދެން، އޯލްސޯ، ޝީ ވޯޒް އަ ބިގް ގާލް، ވިތް އަ ކިއުޓް ސްމައިލް... ހެ ހެ ހެ ހެ ހެ... ޗޮކުލެޓް!... ޝީ ލަވް ޗޮކުލެޓްސް... ސްޕާކްލިން އިނެސެންޓް އައިޒް" އަމިއްލަ ހިތާ ލައިތު ވާހަކަދެއްކިއެވެ. ޒަމާންތަކެއްވެ އޭގެ މުއާލަތްކެނޑިފައިވާ ޖަޒުބާތުތަކެއް ހަނދާންތަކާއެކު އިޔާދަވަމުން އައި ކަހަލައެވެ. އެ އިޙްސާސްތަކާ ކުރިމަތިލާނޭ ގޮތެއް ނޭނގިފައި އޭނާ ހުރި ކަހަލައެވެ. އެހެންވިޔަސް އެ ތުންފަތަށް ވެރިވާ ހިނިތުންވުމާއެކު ނުހަނު އަވަހަށް ބޯހޫރާލައެވެ.
"އެއީ އޭނާއަށް ވެއްޖެއްޔާ ދެން" ލައިތުގެ ހިތުގެ ސުވާލު އޭނާގެ ކަންފަތަށް ފޯރިއެވެ. ނިތަށް ރޫގިނަވެލިއެވެ. އެ ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ.
ކުރިމަތިން ފެންނަން ހުރި ގ.ރިނދަލި ގޭގެ ދޮރޯށި ހުޅުވި ބޮލެއް ނެރެލިތަން ލައިތު ދުށްޓެވެ. އޭނާއަށް ލިބުނު ހައިރާންކަމުގައި ދެ ލޯ ބޮޑުވެލިއެވެ. ދެއަތަކަށް އޭނާ ބަލާލުމަށްފަހު ލައިތު ފެނުމުން ދޮރޯށި ބޮޑަށް ހުޅުވާލިއެވެ.
"ކެ..ން..ޒާ" ލައިތުގެ މުޅި ނަފްސުއެކީ ގޮވާލި ފަދައެވެ.
"ހާއި!..." ދޮރޯށިން ބޭރަށް އަރިއަކަށް ނުކުމެ ހުރެ ކަނާއަތް ހިއްލާލައި ކޮށްލި އިޝާރާތާއެކު ކެންޒާ ބުނެލިއެވެ. މާނަވީ ލުއި ހިނިތުންވުމެއް ލައިތުގެ ތުންފަތަށް ވެރިވިއެވެ. މަޑު ހިނގުމުގައި އައިސް ކެންޒާގެ ކުރިމަތީ މަޑުކޮށްލިއެވެ. އެހާ ގާތުގައި ލައިތު މަޑުކުރުމުން ކެންޒާ އެއްފިޔަޅު ދޮރޯށިން އެތެރެއަށް އަޅާލިއެވެ.
"ވައި އާ ޔޫ ހިއާ" އިސްއުފުލައިގެން ލައިތުއަށް ބަލަން ހުންނަން އުނދަގޫވުމުން ކެންޒާ އިސްޖަހާލިއެވެ. އެހިނދު ލައިތުގެ ދެއަތް ހިއްލާލައި ކެންޒާގެ ބޮލުން ހޫޑީގެ ބައި ފަހަތަށް ވައްޓާލިއެވެ. ކެންޒާގެ މޫނު ދެއަތުގެ ތެރޭ ލައިތު ހިފަހައްޓާލައި އުފުލާލިއެވެ.
"އިޓްސް ޔޫ" ލުއި ހިނިތުންވުމެއް ލައިތުގެ ތުންފަތަށް ވެރިވިއެވެ. އޭނާގެ ނަޒަރު ކެންޒާގެ އިސްތަށިގަނޑަށް ހުއްޓެވެ. ދޫކޮށް ޖަހާލާފައި އޮތް ހުޅީގައި އެއްއަތުން ލައިތު ހިފާލިއެވެ. މަޑުމަޑުން އެ ހުޅިއާ އޭނާ ކުޅެލިއެވެ. ކެންޒާއަށް ހައިރާންކަމެއް ލިބުނީ ކޮނޑުމަތިން އިސްތަށިގަނޑު ތިރިއަށް ސޮހިގެން ދިޔައިމައެވެ.
"ލަ..އި..ތު.." ކެންޒާ ގޮވާލިއެވެ. ނަމަވެސް އޭނާގެ ސަމާލުކަމެއް ނުލިބުނެވެ. ކެންޒާގެ އިސްތަށިގަނޑުގައި އޭނާ ފިރުމާލިއެވެ. އަތްތިލައިގެ ތެރެއަށް އެއްކޮށްލި އިސްތަށިކޮޅުތަކާއެކު އުފުލާލައި އޭނާގެ ނޭފަތާއި ތުންފަތުގައި ޖައްސާލިއެވެ.
"ވައި އާ ޔޫ ހިއާ" ފަހަތަށް އިތުރު ފިޔަވަޅެއް ކެންޒާ އަޅާލިއެވެ. ހަމައެހިނދު ލައިތު ވެސް ކުރިއަށް ޖެހިލިއެވެ.
"އިޓްސް ޔޫ" މާނަވީ ބެލުމަކާއެކު ބަލަން ހުރެ ލައިތު ބުނެލިއެވެ.
"އޮފްކޯޒް އިޓްސް މީ... ހަމަހޭގަތަ ތިހުރީ، އަހަރެންގެ ފޯނަށް ގުޅީ އެހެންމީހަކު ހޯދަންތަ؟" ލައިތުގެ އަތުން އިސްތަށިތައް ވަކިކޮށްލައި އަލުން ހުޅިއެއް ބޮލުގައި ޖަހާލިއެވެ. ލުއި ގޮތަށް ލައިތު ހީނލިއެވެ.
"ޕެންޑާ... ގިވް މީ އަ ސްމައިލް" އެއްއަތުން ހުޅުވިފައި ހުރި ދޮރޯށީގެ ދޮރުފަތުގައި ހިފަހައްޓާލަމުން ދޮރުކަނީގައި ލައިތު ލެނގިލިއެވެ.
"ޔޫ އާ ނޮޓް ޔޯ ސެލްފް... ގޯ ހޯމް ލައިތު" ކެންޒާ ބުންޏެވެ.
"މީ އަހަރެން... ހުރިހާކަމެއް މިރޭ ބަދަލުވެއްޖެކަން އެނގޭތަ؟" ލައިތު ބުންޏެވެ.
"ނޭނގެ، ތިދައްކާ އެއްވެސް ވާހަކައެއް ނޭނގެ... ސީރިއަސްކޮށް، ކިހިނެއްވެފަތަ ތިހުރީ؟، ކަމެއްދިމާވީތަ؟، ނޫނީ ޖޯކެއްތަ މީ" ކެންޒާ އަހާލިއެވެ. ލައިތު އުޅޭ ގޮތާއި އޭނާ ދައްކާ ވާހަކަތައް ކެންޒާއަށް ފަހުމްވާގޮތެއް ނުވިއެވެ. އޭނާއާ ސަމާސާ ކުރާނޭ އާގޮތެއް ލައިތު ޚިޔާރުކުރީ ކަމުގައި ކެންޒާގެ ޟަމީރު ބުނެލިއެވެ.
"ޔާ!... ކަމެއްވެއްޖެ، އެހެންވެ އެއްނު މިބުނީ މިރޭ ހުރިހާކަމެއް ބަދަލުވެއްޖޭ" ލައިތު ބުންޏެވެ.
"އޯކޭ، ދެޓްސް އިނަފް... އަހަރެން ނިދަން މިދަނީ، ލައިތު ދޭ ގެއަށް" ކެންޒާ ދޮރޯށި ލައްޕަން ހިފާލިއެވެ.
"ވެއިޓް ޕްލީޒް... ޕެންޑާ... އާނ! ޔެސް... މައި... މައި ކިއުޓް ޕެންޑާ" ލައިތުގެ މޫނުން ފާޅުވި އަސަރުތަކުންނާއި ވާހަކަދެއްކި ގޮތުން ހީވީ ކެންޒާއާ ވާހަކަދައްކަން އުޅެފައި ކުއްލިއަކަށް އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކި ހެންނެވެ. މޮޔައެއްހެން އޭނާ ހީނލާފައި ކެންޒާއަށް ބަލާލިއެވެ. އަދި ގޭތެރެއަށް އަވަސް ނަޒަރެއް ލައިތު ދިނެވެ. ވެރިވެފައިވާ ފަޅުކަން ލައިތަށް ފާހަގަކުރެވުނީ ކަހަލައެވެ.
"އެންމެން ނިދީތަ؟" ލައިތު އަހާލިއެވެ. ދޮގަކަށް ވިޔަސް ކެންޒާ ބޯޖަހާލިއެވެ.
"ވަޓް އާ ޔޫ ޑުއިން" ދޮރޯށިން އެތެރެއަށް ވަދެ ފަހަތުން ދޮރު ލައްޕާލަން އުޅުނު ލައިތަށް ކެންޒާ ބުންޏެވެ.
(ނުނިމޭ)