ވިޔަފާރި

މަޓާޓޯ ޓްރެވަލް އެވޯޑު މި އަހަރު ދުބާއީގައި!

މަޓާޓޯ ޓްރެވަލް އެވޯޑޭ ބުނުމުން ގިނަ ބަޔަކަށް ސިފަވަނީ ލޯކަލް އެވޯޑެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެވޯޑެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު މިއީ ލޯކަލް އެވޯޑެއް ނޫނެވެ. އިންޓަނޭޝަނަލް ބޮޑު އެވޯޑެކެވެ. މި އަހަރު ފުރަތަމަ ފަހަރަށް މި އެވޯޑުގެ ބައެއް ރާއްޖޭން ބޭރުގައި ބާއްވާނީ ދުބާއީގަ އެވެ. 

"އެވޯޑު ރާއްޖޭން ބޭރުގައި ބާއްވަނީ ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށާއި އެވޯޑަށް ލިބޭ އިންޓަނޭޝަނަލް އެކްސްޕޯޝާ އިތުރު ކުރުމަށް،" މަޓާޓޯ ޓްރެވަލް އެވޯޑު ނިސްބަތްވާ ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާގެ ޒުވާން ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.

ދުނިޔޭގެ ވިޔަފާރީގެ ހަބު ކަމަށްވާ ހިތްގައިމު ދުބާއީގައި މި އެވޯޑުގެ ހާއްސަ ބައެއް ބާއްވަނީ މެއި ފަސްވަނަ ދުވަހު އެވެ. މި އެވޯޑު ބާއްވަނީ ދުބާއީގައި އޮންނަ އެރެބިއަން ޓްރެވަލް މާޓް )އޭޓީއެމް( ފެއާއާ ދިމާކޮށެވެ. މަޓާޓޯއިން ވަނީ މި އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ގިޔާސް ވިދާޅުވީ މި އެވޯޑު 22 ކެޓަގެރީއަކުން ދޭނެ ކަމަށެވެ. މި އަހަރުގެ އެވޯޑަށް މުޅިންއާ ކެޓަގަރީތައް ހިމަނާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި އަހަރުގެ އެވޯޑަށް މުޅިން އަލަށް އިތުރު ކޮށްފައިވާ ކެޓަގަރީތަކުގެ ތެރޭގައި ލީޑިން ޑޮމެސްޓިކް ޕްރޮޑަކްޓާއި ލީޑިން ގެސްޓް ހައުސް އައިލެންޑު އަދި ލީޑިން ޑޮމެސްޓިކް އެއާޕޯޓު ހިމެނެ އެވެ. މީގެ އިތުރުން ލީޑިން އިންޓަނޭޝަނަލް ހޮޓެލް ބްރޭންޑް ފަދަ ކެޓަގަރީތައް ވެސް ހިމެނެ އެވެ.

ގިޔާސް ވިދާޅުވި ގޮތުގައި އާ ކެޓަގަރީތައް ތައާރަފު ކުރުމުން މަޓާޓޯ ޓްރެވަލް އެވޯޑަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

"ލީޑިން ގެސްޓް ހައުސް އައިލެންޑް ކެޓަގަރީއަކީ މާފުށި ފަދަ ރަށްރަށަށް ދޭ އެވޯޑެއް. މި އެވޯޑު ދިނުމުގައި ރަށްރަށުގެ ކައުންސިލްތަކުން ކޮށްދޭ ކަންތައްތަކަށް ވެސް ބަލާނެ. މީގެ އިތުރުން ލީޑިން އިންޓަނޭޝަނަލް ބްރޭންޑު ފަދަ އެވޯޑުތައް ދޭނީ ރާއްޖޭގައި ހުރި ބޮޑެތި އިންޓަނޭޝަނަލް ބްރޭންޑްތަކަށް. އޭރުން ލޯކަލް ބްރޭންޑްތަކަށް ވަކި އެވޯޑެއް އޮންނާނެ،" ގިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުބާއީގައި މި އެވޯޑު ބޭއްވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ދުނިޔޭގެ ބޮޑު ކުންފުނިތަކުން ވެސް ބޭނުންވާ ކަމަށެވެ. އަދި އަންނަ އަހަރު މި އެވޯޑުގެ ބައެއް ޑުބްލިންގައި ބޭއްވުމަށް ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ގިޔާސް ވިދާޅުވި އެވެ.

"ރާއްޖޭގައި އެބަހުރި ދުބާއީގެ އިންވެސްޓްމަންޓްތައް. ޖުމެއިރާ އާއި އަނަންތަރާ ފަދަ ކުންފުނިތަކުން ވެސް ތިބީ ވަރަށް ޕޮޒިޓިވްކޮށް ދުބާއީގައި ބާއްވަން،" ގިޔާސް ވިދާޅުވި އެވެ.