ލައިފްސްޓައިލް

ޝަޝާންކް އުފައްދާ ދެ ފިލްމެއް ވަރުން ދޫކޮށްލައިފި

ވަރުން ދަވަން ކުޅެން ނިންމާފައިވާ ދެ ޕްރޮޖެކްޓެއް ދޫކޮށްލަން ނިންމައިފި އެވެ. މީގެ ތެރެއިން އެއް ފިލްމަކީ ޝަޝާންކް ޚައިތާންގެ "މިސްޓަ ލޭލޭ" އެވެ. މި ފިލްމު ދޫކޮށްލަނީ ތާރީޚުތައް ދެވެން ނެތިގެނެއް ނޫނެވެ. ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ވަރުންގެ ފަހުގެ ދެ ފިލްމަކަށް ނާކާމިޔާބީ އާ ކުރިމަތިވުމުން މިހާރު އޭނާ ގެންދަނީ ކެރިއަރު އަލުން ބިނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ވިސްނައި ސޮއިކުރާ ފިލްމުތަކަކީ ވެސް އޮއްޓަރުހުރި ރަނގަޅު ފިލްމުތަކެއްތޯ ޔަގީންކުރަމުންނެވެ. އެގޮތުން "މިސްޓަ ލޭލޭ" ވެސް ކުރިޔަށް ނުގެންދަން އޭނާ ނިންމީ އެވެ.

"ސްޓްރީޓް ޑާންސާ 3ޑީ" ހީނުކުރާ ގޮތަކަށް ފްލޮޕްވުން ވެގެން ގޮސްފައިވަނީ ވަރުން އަށް ލިބުނު ވަރަށް ބޮޑު ޝޮކަކަށް. އެހެންވެ މިހާރު ސޮއިކޮށްފައިވާ ފިލްމުތަކާ މެދު ވެސް ދެ ވަނަ ވިސްނުމަކަށް ގޮސް އަލުން މުރާޖައާ ކުރަނީ،" ވަރުންގެ ގާތް މީހަކު އިންޑިޔާ ނޫހަކަށް ބުނެފައި ވެއެވެ.

"މިސްޓަ ލޭލޭ"ގެ ޑައިރެކްޓަރު ޝަޝާންކް އަކީ ވަރުންގެ ގާތް އެކުވެރިއެއް ނަމަވެސް އެ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް އާ ދިމާލަށް ވަރުން ބުންޏެވެ.

ވަރުންގެ ގިނަ ފިލްމުތަކަކީ ކޮމެޑީ ފިލްމުތަކަށް ވާތީ އިތުރު ކޮމެޑި ފިލްމުތައް މި ވަގުތު ކުޅުމަށް ވެސް ވަރުން މި ވަގުތު އެހާ ބޭނުމެއް ނޫނެވެ. ވަރުން ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ކޫލީ ނަންބަރު 1"އަކީ މި އަހަރު ތެރޭ މީހުން ހެއްވާލަން ރިލީޒްކުރާ އޭނާގެ ހަމައެކަނި ފިލްމަށް ވުމުން ފުދޭނެ އެވެ.

އެހެންވެ ވަރުން ދެން ބޭނުންވަނީ ސީރިއަސް ޑްރެމެޓިކް ފިލްމުތައް ކުޅޭށެވެ.

"މިސްޓަ ލޭލޭ"އަކީ ޝަޝާންކް އުފައްދާ ފިލްމުތަކުގެ ތެރެއިން ވަރުން ދޫކޮށްލި ފުރަތަމަ ފިލްމެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޝަޝާންކްގެ "ރަންބޫމީ" ކިޔާ ފިލްމެއް ވެސް ދޫކޮށްލާފަ އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ މި ފިލްމު ވަރުން ދޫކޮށްލާފައިވަނީ ފިލްމު ފެށުމުގެ ގޮތުން ވަރަށް ކުލަގަދަ ހަފުލާއެއް ވެސް ބޭއްވި ފަހުންނެވެ. އެ ހަފުލާގައި ވަރުން ބުނެފައިވަނީ މި ފިލްމަކީ އޭނާގެ ކެރިއަރުގެ ވެސް އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށެވެ. އަދި މި ފިލްމުގައި އޭނާ ކުޅޭ ފަދަ ކެރެކްޓާއެއް މީގެ ކުރިން ކުޅެފައި ނުވާނެކަމަށް ވެސް ވަރުން ބުނެފައި ވެއެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފެށެން ކައިރިވެފައި އޮއްވާ ވަރުން ވަނީ ފިލްމު ދޫކޮށްލާފަ އެވެ.

"ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އަކީ ވަރުން އާއި ޑައިރެކްޓަރު ޝަޝާންކް ގުޅިގެން އުފައްދާފައިވާ ވަރަށް ރީތި އަދި ކާމިޔާބު ފިލްމުތަކެވެ.

"މިސްޓަ ލޭލޭ"އަކީ ވެސް ހެއްވާ މަޖާ ފިލްމަކަށް ވާތީ މިއަހަރު އެކަހަލަ ދެ ފިލްމު ރިލީޒްވެއްޖެނަމަ ކޮމެޑީގެ އޯވަޑޯޒެއް ވެދާނެކަމަށް ވަރުން އަށް ފެނިގެން ފިލްމު ދޫކޮށްލީ ކަމަށް ވެއެވެ. އޭނާ "ރަންބޫމީ" ދޫކޮށްލީ "ކަލަންކް" އަށް ފަހު އިތުރު ކޮސްޓިއުމް ޑްރާމާއެއް މިވަގުތު ކުޅެން ބޭނުން ނުވާތީ އެވެ.