ލައިފްސްޓައިލް

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ސަބަބުން ރާމް ކަޕޫރަށް ގިނަ ފިލްމުތަކެއް ގެއްލުނު

ސޮނީ ޓީވީން 2011 ގައި ދެއްކި މަޝްހޫރު ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަނެއްކާވެސް މިމަހުގެ 1 ވަނަ ދުވަހުން ފެށީގެން ސޮނީ ޗެނަލުން ވަނީ ދައްކަން ފަށާފަ އެވެ. މި ޑްރާމާ ފެށިއިރު ކަނޑައަޅާފައި އޮތި 150 އެޕިސޯޑް ދައްކާ ގޮތަށް ނަމަވެސް ތިން އަހަރަށް ވުރެ ގިނަ ދުވަހު ޑްރާމާ ދައްކާފައި ވެއެވެ. ޑްރާމާ ނިންމާލި އެޕިސޯޑް ދެއްކީ 2014 ގައެވެ.

ޑްރާމާގައި ލީޑް ރޯލު ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރް އެވެ. މި ދެ އެކްޓަރުންގެ މަޝްހޫރުކަން ޑްރާމާގެ ސަބަބުން އެތައް ގުނަޔަކަށް އިތުރުވެގެން ދިޔަ އެވެ. ނަމަވެސް ރާމް ބުނަނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ކުރިން ހަމަޖެހިފައިވާ 150 އެޕިސޯޑަށް ވުރެ ގިނަ އެޕިސޯޑްތައް ކުޅެން ޖެހުމުގެ ސަބަބުން އޭނާއަށް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއް ކުޅެން ލިބި ގެއްލުނު ކަމަށެވެ.

ރާމް ބުނީ ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އެންމެ ފުރަތަމަ އޭނާ ކައިރީ ބުނީ ޝޯގައި ހިމެނޭނީ 150 އެޕިސޯޑު ކަމަށެވެ. ނަމަވެސް ޝޯގެ މަގްބޫލުކަން ބޮޑުވުމުން އިތުރަށް ކުރިޔަށް ގެންދަން ސޮނީންނާއި އެކްތާ އެއްބަސްވީ އެވެ. މީގެ ގެއްލުން އެންމެ ބޮޑަށް ވީ ރާމް އަށް ކަމަށް އޭނާ ބުންޏެވެ. ބޮލީވުޑް ގިނަ ފިލްމުތަކެއް ކުޅޭނެ ފުރުސަތު ލިބި އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނީމަ އެވެ. ނަމަވެސް މިއީ ކޮންމެ އެކްޓަރެއްގެ ކެރިއަރުގައި ވެސް ދިމާވެދާނެ ކަންތައްތަކަށް ވާތީ އެކަމާ މިހާރު ހިތާމަ ނުކުރާ ކަމަށް ރާމް ބުންޏެވެ.

މި ޑްރާމާގައި ރާމް ފެންނަނީ ވަރަށް މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. އޭނާއަށް ވަރަށް އާދައިގެ އާއިލާއެއްގެ އަންހެނެއް ކަމަށްވާ ޕްރިޔާ (ސާކްޝީ ތަންވަރް) އާ ކައިވެނި ކުރަން ޖެހެނީ މަޖްބޫރީ ހާލަތެއްގަ އެވެ. މި ޑްރާމާގައި ދައްކަނީ އެ މީހުން ކައިވެނިކޮށްގެން ހޭދަވާ މުއްދަތުގައި އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވި އަދި އެމީހުންގެ ލޯތްބަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުން ތަކެވެ.

މި ޑްރާމާގެ އެންމެ ޝައުގުވެރި އެއް ކަމަކީ ސާކްޝީ އާއި ރާމްގެ ކެމިސްޓްރީ އެވެ. މެދު އުމުރުގެ ދެމަފިރިއެއްގެ ރޯލު އެމީހުން ކުޅެލާފައިވާލެއް މޮޅުކަމުން މިއީ ހަގީގަތް ނޫންބާއޭ ވެސް ގަބޫލުކުރަން އުނދަގޫވެ އެވެ.