ލައިފްސްޓައިލް

ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ވަރިއާއެކު އަންހެނަކު ބިލިއަނަރަކަށް

އޭޝިޔާގައި މިހާތަނަށް ކުރި އެންމެ އަގު ބޮޑު އެއް ވަރިން އަންހެނަކު ބިލިއަނަރަކަށް ވެއްޖެ އެވެ. ޗައިނާގެ ވެކްސިން އުފައްދާ ބޮޑު ކުންފުންޏެއްގެ ޗެއާމަން ޑޫ ވީމިން އޭނާގެ އަންހެނުން ވަރިކުރުމުގެ ބަދަލެއްގެ ގޮތުން ކުންފުނީގެ 161.3 މިލިއަން ޝެއާ ވަނީ ވަރިކުރި އަނބިމީހާ ޔުއާން ލިޕިން އަށް ބަދަލުކޮށްފަ އެވެ. އެއާއެކު މި އަންހެންމީހާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނިފަ އެވެ. އަންހެންމީހާގެ ނަމަކަށް ބަދަލުކުރި ސްޓޮކްގެ އަގު 3.2 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޔުއާން، 49، އަކީ ޝެންޒެންގައި ދިރިއުޅޭ ކެނެޑާ ރައްޔިތެކެވެ. މޭ 2011 އިން އޮގަސްޓް 2018 އަށް އޭނާ ވަނީ ކުރީގެ ފިރިމީހާގެ ވެކްސިން އުފައްދާ ކުންފުނި ކަންގްޓައި ގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މިހާރު އޭނާ ހުރީ ކަންގްޓައިގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ވައިސް ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ. ޔުއާން އަތުގައި އިކޮނޮމިކްސް ޑިގްރީއެއް އޮވެ އެވެ.

އަންހެނުން ވަރިކުރުމުގެ ކުރިން ޑޫ ވީމިންގެ މުއްސަނދިކަން 6.5 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ވަރިކުރުމާ ގުޅިގެން 3.1 ބިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ.

މިހާރުވެސް ކޮރޯނާވައިރަހަށް ވެކްސިން އެއް އުފެއްދުމުގެ މަސައްކަތްކުރާ ކަންގްޓާއީގެ ފައިދާ މިއަހަރު 60 ޕަސެންޓް މަތިވެފައި ވެއެވެ. މިހާރު އެ ކުންފުނީގެ މާކެޓް ވެލިއު އުޅެނީ 13 ބިލިއަން ޑޮލަރުގަ އެވެ. މި ވަރީގެ ޚަބަރާ އެކު ހޯމަ ދުވަހު އެ ކުންފުންޏަށް 3.6 ޕަސެންޓްގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ޑޫ، 56، އުފަންވީ ޗައިނާގެ ޖިއާންޒީ ޕްރޮވިންސްގެ ދަނޑުވެރި އާއިލާއަކަށެވެ. ކޮލެޖުގައި ކެމިސްޓްރީ ކިޔެވުމަށްފަހު 1987 ގައި އޭނާ ކްލިނިކެއްގައި މަސައްކަތް ކުރަން ފެށި އެވެ. އަދި 1995 ގައި ބައޮޓެކް ކުންފުންޏެއްގެ ސޭލްސް މެނޭޖަރެއްގެ ވަޒީފާ އޭނާ ހޯދި އެވެ. އޭނާ ކަންގްޓާއީ އުފެއްދީ 2004 ގައެވެ. އަދި މަޑުމަޑުން ކުރިއަރަމުން ގޮސް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުވީ އެވެ.

ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ބިލިއަނަރުން ތިބި އެއް ގައުމެވެ. އެހެންކަމުން ވަރީގެ ސަބަބުން އެންމެ ބޮޑު އަގެއް މިހާތަނަށް އެންމެ ގިނައިން ދައްކާފައިވާ ކަމަށް ރެކޯޑް ތަކުން ދައްކަނީ ވެސް ޗައިނާ މީހުންނެވެ. އެގޮތުން 2012 ގައި ޗައިނާގެ އޭރުގެ އެންމެ މުއްސަނދި އަންހެންމީހާގެ ގޮތުގައި ހުރި ވޫ ޔަޖުން ވަނީ ފިރިމީހާ ކައިރިން ވަރިވުމުގެ ބަދަލެއްގެ ގޮތުން އޭނާގެ މިލްކިއްޔާތުން 2.3 ބިލިއަން ޑޮލަރުގެ އަގުހުރި ސްޓޮކް ކުރީގެ ފިރިމީހާ ކައި ކޫ އަށް ބަދަލުކޮށްފަ އެވެ.

ދުނިޔޭގައި މިހާތަނަށް ކުރި އެންމެ އަގުބޮޑު ވަރީގެ ރެކޯޑް އޮތީ އެމެޒޯން ޑޮޓް ކޮމްގެ ފައުންޑާ ޖެފް ބެޒޯސް އަށެވެ. އޭނާގެ މިލިކިއްޔާތުގައި 48 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންވެ އަންހެނުން މެކްކެންޒީ ބެޒޯސް ވަރިކުރުމާ ގުޅިގެން އޭނާއަށް މިލްކިއްޔާތުގެ ހަތަރު ޕަސެންޓް ޓްރާންސްފާކުރުމުން މެކްކެންޒީ އަކީ މިހާރު ދުނިޔޭގައި ހުރި ހަތަރު ވަނައަށް އެންމެ މުއްސަނދި އަންހެނާ އެވެ.