ހަބަރު

އެސިސްޓަންޓް ޕީޖީގެ މަގާމަށް ރާބިއު އައްޔަން ކޮށްފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެސިސްޓެންޓް ޕީޖީގެ މަގާމަށް، އެ އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ ގޮތުގައި ހުންނެވި އަބްދުﷲ ރާބިއު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރާބިއު އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ އަދި ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގާނޫނީ ދާއިރާއިން ހިދުމަތް ފައްޓަވާފައި ވަނީ 2009 ވަނަ އަހަރު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމެވެ. އެއަށްފަހު، ޕީޖީ އޮފީހުގައި މެދުކެނޑުމެއް ނެތި ހިދުމަތް ކޮށްދެއްވުމުގައި ހުންނެވި އެވެ.

ރާބިއު ވަނީ ދައުލަތުގެ ފަރާތުން ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލަ ގެންގުޅުއްވި މައްސަލަ ވެސް ހިމެނެ އެވެ.

އެސިސްޓެންޓް ޕީޖީންގެ ގޮތުގައި މިހާރު ތިއްބެވީ ރާބިއުގެ އިތުރުން ހުސެއިން ނާޝިދާއި ޖިހާދާ އަނީސް އަދި ޝަމްރާ ޝަމީމެވެ.