ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށާ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެޗްޕީއެލްގެ އެ މުވައްޒަފަށް ވަޒީފާއިން ވަކި ކުރަމަށް ބުނެ އެ ކުންފުނިން ފޮނުވި ސިޓީގައިވާ ގޮތުން، ވަޒީފާއިން ވަކި ކުރި ސަބަބަކީ ރައީސް ސޯލިހަށާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެއްކުމެވެ. މީގެ ކުރިން އެ ކަން ނުކުރުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހުއްޓާލާފައި ނުވާކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް ފަހުން ވަނީ އެ ސިޓީ ގެންގޮސް އެހެން ސިޓީއެއް އޭނާއަށް ފޮނުވާފައެވެ. އެ ސިޓީގައި ދެ ރައީސުންނަށް ފާޑުކީ ކަމަށް ބުނާ ވާހަކަތައް ވަނީ އުނިކޮށްފައެވެ.
ރާއްޖޭގެ މައި ވިޔަފާރީގެ ބަނދަރާއި އެހެން ވެސް ބަނދަރުތައް ބަލަހައްޓާ އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީ ވިދާޅުވީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ފޮނުވި ފުރަަތަމަ ޗިޓްގައި ދެ ރައީސުންގެ ވާހަކަ ހިމެނިފައިވަނީ އިދާރީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އެކަން ފަހުން އިސްލާހުކޮށްފައިވާނެ ކަމަށާ އެ މީހާ ވަޒީފާއިން ވަކިކުރީ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ މުވައްޒިފަކަށް ފެންނަ ހިޔާލެއް ފާޅުކޮށްގެން ވަޒީފާއިން ވަކިނުކުރާނެ ކަމަށާ އެޗްޕީއެލްއިން ވަޒީފާއިން ވަކިކުރި ޒުވާނާއާ އޭނާ ފާޅުކުރި ހިޔާލަކާއި ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުން ފަދަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފައިވާނަމަ ޓްރައިބިއުނަލް ޒިންމާވާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާރަވެރިވާނެ ކަމަށެވެ.
"މިހާތަނަށް ހަމަ ގައިމު ވެސް ކުރީ ރިޔާސީ އިންތިހާބުގައި ވެސް، މަޖިލިސް އިންތިހާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި،" މި ސަރުކާރުން ވަޒީފާ ދިނުމުގައި ސިޔާސީ ޕާޓީއަށް ނުބަލާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އިންތި ކުރެއްވި ޓްވީޓުގައި ލިއުއްވާފައިވެ އެވެ.
ސަރުކާރުގެ ވެރިންނަށް ފާޑުކިޔައިގެން މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ވަޒީފާއިން ވަކި ނުކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.